ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް އަދި އެއްވެސް ސިޔާސީ ޕާޓީއަކަށް ކްރެޑިޓަށް ޓިކެޓު ދޫކޮށްފައި ނުވާނެ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަންއިން ބުނެފި އެވެ.

މޯލްޑިވިއަންއިން މިހެން ބުނެފައި މިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގަމު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ވިސާމްގެ ސަޕޯޓަރުން ގަމަށް ގެންދަން ކްރެޑިޓަށް ޓިކެޓު ދޫކުރި ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ.

މި ހަބަރު ދޮގު ކުރަމުން މޯލްޑިވިއަންއިން ކުރި ޓްވީޓެއްގައި ބުނީ އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ކްރެޑިޓަށް ޓިކެޓު ދީފައި ނުވާނެ ކަމަށާއި ކްރެޑިޓަށް ޓިކެޓު ދޫކުރަމުން ވެސް ނުގެންދާ ކަމަށެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ކްރެޑިޓަށް ޓިކެޓު ނުދޭ ކަމަށް މޯލްޑިވިއަންއިން ބުނިއިރު، މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކެމްޕޭނަށް ކުރި ދަތުރަކަށް މޯލްޑިވިއަން އިން ވަނީ ކްރެޑިޓަށް ޓިކެޓު ދޫކޮށްފަ އެވެ.

ރިޔާސީ އިންތިހާބު ވެސް ނިމުނު ފަހުން މޯލްޑިވިއަންއިން ހާމަކުރި ގޮތުގައި ޕީޕީއެމުން ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކުރި ދަތުރަކަށް މޯލްޑިވިއަންއަށް 4.8 މިލިއަން ރުފިޔާ ވަނީ ނުދައްކަ އެވެ.

މީގެތެރެއިން އެއް މިލިއަން ރުފިޔާ ޕީޕީއެމުން ފަހުން ވަނީ ދައްކާފަ އެވެ. އަދި ބާކީ ހުރި ފައިސާ ހޯދަން މޯލްޑިވިއަންއިން ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހެޅި އެވެ. އެ މައްސަލައިގައި ކޯޓުން ހުކުމް ކުރީ ބާކީ ހުރި 3.8 މިލިއަން ރުފިޔާ 15 ދުވަހުގެ ތެރޭގައި ޕީޕީއެމުން މޯލްޑިވިއަންއަށް ދެއްކުމަށެވެ.