އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޯފިޑް) ފަންޑުގެ އެހީގައި މި އަހަރު އަތޮޅުތަކުގައި 20 މަޝްރޫއެއް ހިންގަން އޯފިޑް ފަންޑުގެ ބޯޑުން ފާސްކޮށްފި އެވެ.

ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނީ އޯފިޑް ފަންޑުގެ ބޯޑުން ފާސްކުރީ ހަތް ރަށެއްގެ ފެނުގެ ނިޒާމު ގާއިމު ކުރުމާއި އަށް ރަށެއްގެ ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ އިތުރުން ފަސް ރަށެއްގައި ބަނދަރު ހެދުމަށެވެ.

މި ގޮތުން ފެނުގެ ނިޒާމު ގާއިމުކުރުމަށް ހަމަޖެހިފައިވާ ހަތް ރަށަކީ ހދ. މަކުނުދޫ، ހދ. ނެއްލައިދޫ، ހދ. ނޭކުރެންދޫ، ށ. ފޭދޫ، ގދ. ފިޔޯރީ، އަދި ގދ. ވާދޫ އެވެ.

މީގެ އިތުރުން ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ހަމަޖެހިފައިވާ އަށް ރަށަކީ ހދ. މަކުނުދޫ، ހދ. ނެއްލައިދޫ، ހދ. ނޭކުރެންދޫ، ށ. ފޭދޫ، ބ. ދަރަވަންދޫ، ބ. ކެންދޫ، ގދ. ފިޔޯރީ އަދި ގދ. ވާދޫ އެވެ.

އަދި ބަނދަރު ހެދުމަށް ހަމަޖެހިފައިވާ ފަސް ރަށަކީ ބ. ދޮންފަނު، ބ. ކިހާދޫ، ބ. ކުޑަރިކިލު، ގއ. ކޮލަމާފުށި، އަދި ގދ. ހޯނޑެއްދޫ އެވެ.

މި ހުރިހާ މަޝްރޫއުތަކަށް ޖުމުލަ 14.52 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

މި އަހަރުގެ ޖެނުއަރީ މަހު މަޝްރޫއުތަކުގެ އެޕްރެއިޒަލް މިޝަން ނިންމާފައިވާ ކަމަށާއި މަޝްރޫއުތަކުގެ މަސައްކަތް ފެށުމަށްޓަކައި ބިޑްކުރުމުގެ މަރުހަލާ މި އަހަރުގެ މެދުތެރޭ ފެށުމަށް ތާވަލްކޮށްފައިވާ ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.