މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓުގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާނަމަ އެ ވޯޓު ސައްޙަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން އާންމު ސުވާލަށް ހުޅުވާލައި މިރޭ ކުރިއަށް ދިޔަ ޕްރޮގްރާމްގައި މީހަކު ފޮނުވި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ކެންޑިޑޭޓުގެ ނަމާ ދިމާލުގައިވާ ގޮޅީގައި ފާހަގަ ޖަހާއިރު ގޮޅިން ބޭރަށް ފާހަގައިގެ ބައެއް ކުރެހުނު ނަމަވެސް ވޯޓު ބާތިލު ނުވާނެ ކަމަށެވެ. އަދި ގޮޅިން ބޭރުގައި ފާހަގަ ކުރެހި ނަމަވެސް ކެންޑިޑޭޓުގެ ނަމާ ދިމާލުގައި ފާހަގަ އޮތްނަމަ ވޯޓު ސައްހަ ވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"ގާނޫނުގައި މި ބުނަނީ ވޯޓުލާން އެދޭ ކެންޑިޑޭޓުގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަޖެހުން. އޭގެ މާނައަކީ ގޮޅީގެ ބޭރުގަ ވެސް ޖެހިދާނެ. އެއީ ކޮން ކެންޑިޑޭޓަކަށް ދިން ވޯޓެއްކަން ސާފުވާނަމަ އެ ވޯޓެއް ގުނާނެ. ބައެއް ފަހަރުގައި އެބަހުރޭ ފާހަގަ ޖެހިފައި އެއީ ކާކަށް ދިން ވޯޓެއްކަން ސާފުނުވާ ގޮތަކަށް. ދެ ކެންޑިޑޭޓުގެ ނަމުގެ ދޭތެރޭގައި ޖަހާފިއްޔާ ބާތިލު ވޯޓަކަށް ވާނީ." ޝަރީފު ވިދާޅުވި އެވެ.

ދާދި ފަހުން އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަލިއަޅުވާލައްވައި ޝަރީފު ވިދާޅުވީ، ވޯޓު ދޭން ބޭނުންވާ ކެންޑިޑޭޓުގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ނޫން އެހެން ފާހަގައެއް ނުވަތަ ކުރެހުމެއް ނުވަތަ ލިއުމެއް ނުވަތަ އެހެން އެއްވެސް ނިޝާނެއް ޖަހާފައިވާނަމަ ވޯޓު ބާތިލުވާނެ ކަމަށެވެ. އަދި ފާހަގަ ޖެހުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ހުރި ކޮންމެ މީހަކު ވޯޓުލާން ދާއިރުގައި އެހީތެރިއަކު ގެންދިއުމަށް ޝަރީފު އިލްތިމާސްކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ރާއްޖޭގައި ކުރިއަށްގެންދަން އިލެކްޝަނުން ހަމަޖައްސާފައި ވަނީ މާދަމާ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށެވެ. މި އިންތިހާބުގައި 505 ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަކުރާއިރު 264589 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.