ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ދެމަފިރިންނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިންގެ ދެމަފިރިން ވާދަކުރެއްވި ދާއިރާތަކުން ކާމިޔާބު ހޯއްދަވައިފި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ މި އިންތިހާބުގައި ވެސް ވާދަކުރެއްވީ އައްޑޫ މީދޫ ދާއިރާ އަށެވެ. ރޮޒައިނާ އައްޑޫ މީދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވިއިރު އޭނާގެ ފިރިކަލުން މުހައްމަދު ނާޝިޒް ކާމިޔާބު ކުރެއްވީ ކިނބިދޫ ދާއިރާގެ ގޮނޑި އެވެ.

ރޮޒައިނާއާއި ނާޝިޒު ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް މެންބަރު ކަން ކުރައްވާފަ އެވެ. ނަމަވެސް 18 ވަނަ މަޖިލިސް އިންތިހާބުގައި ވާދަކުރައްވައިގެން އެފަހަރުގެ އިންތިހާބުގައި ނާޝިޒަށް ކާމިޔާބުކުރެއްވޭ ގޮތް ވަނީ ނުވެފަ އެވެ.

ގާނޫނީ ވަކީލު ހިސާން ހުސައިން ވަނީ ތުޅާދޫ ދާއިރާއަށް ވާދަކުރައްވައި ބޮޑު ތަފާތަކުން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ. އަދި ހިސާންގެ ފިރިކަލުން އިބްރާހިމް ނާޒިލް ވެސް ވަނީ ހިތަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވައި ބޮޑު ތަފާތަކުން ކުރިހޯއްދަވައިގެން ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ. މިއީ ނާޒިލްއާއި ހިސާން މަޖިލިސް މެންބަރު ކަމަށް ހޮވުނު ފުރަތަމަ ފަހަރެވެ.

މި ހަތަރު ބޭފުޅުންނަކީ ވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި އެމްޑީޕީގެ ޓިކެޓު ކާމިޔާބު ކުރައްވައިގެން މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ހަތަރު ބޭފުޅުންނެވެ.

މި ހަތަރު ބޭފުޅުންނަށް ވެސް އިންތިހާބުގައި ކާމިޔާބީ ލިބިވަޑައިގެންނެވިއިރު ރޮޒައިނާއާއި ހިސާނަކީ ވެސް އާއިލީ ގުޅުންތަކެއް އޮތް ދެ ބޭފުޅުން ކަމަށް އެނގިފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ނަތީޖާ މިމަހުގެ 12 ވަނަ ދުވަހުގެ ކުރިން އިއުލާނު ކުރާނެ ކަމުގައި އިލެކްޝަނުން ވަނީ ބުނެފަ އެވެ. ނަމަވެސް ގިނަ ގޮނޑިތައް ކާމިޔާބުކުރި ކެންޑިޑޭޓުން މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ.