އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ނުކުރެވޭ ހަމައެކަނި އަތޮޅަކީ އދ. އަތޮޅުކަން މަޖިލީހުގެ ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އދ. އަތޮޅުގައި ހިމެނެނީ ތިން އިންތިހާބީ ދާއިރާ އެކެވެ. އެއީ މާމިގިލި ދާއިރާއާއި، މަހިބަދޫ ދާއިރާގެ އިތުރުން ދަނގެތި ދާއިރާ އެވެ.

މީގެ ތެރެއިން މާމިގިލި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ މިހާރު ވެސް އެ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. މަހިބަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް އަދި މިހާރު ވެސް އެ ދާއިރާގެ މެންބަރު އަހްމަދު ތޯރިގެވެ. ދަނގެތި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.

އދ. އަތޮޅުގެ ދާއިރާތަކުގެ ވަގުތީ ނަތީޖާތަކަށް ބަލާއިރު، އެންމެ ރަނގަޅު ނަތީޖާއެއް ހޯދި އެމްޑީޕީގެ ކެންޑިޑޭޓަކީ މާމިގިލި ދާއިރާއަށް ވާދަކުރެއްވި އަލީ އަމީޒެވެ. އަމީޒަށް ވަނީ އެ ދާއިރާއިން ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިފަ އެވެ. ދަނގެތި ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އިބްރާހިމަށް ވަނީ އެ ދާއިރާއިން ބޮޑު ނާކާމިޔާބީއެއް ލިބިފަ އެވެ. ދަނގެތި ދާއިރާއަށް ހަތް ކެންޑިޑޭޓުން ވާދަކުރިއިރު މުހައްމަދު އިބްރާހީމް އުޅުއްވަނީ ހަތަރުވަނައިގަ އެވެ.

މަހިބަދޫ ދާއިރާއަށް އެމްޑީޕީން ކެންޑިޑޭޓަކު ނެެރުނެވެ. ނަމަވެސް އިންތިހާބުގެ ވޯޓް ކަރުދާސް ޗާޕްކުރުމުގެ ކުރިން އޭނާ ވަނީ ނަން އަނބުރާ ގެންގޮސް މަހިބަދޫ ދާއިރާއަށް ވާދަކުރެއްވި އަދާލަތު ޕާޓީގެ ކެންޑިޑޭޓް އަލީ އާޒިމަށް ތާއީދުކުރައްވާފަ އެވެ. އެ ދާއިރާއިން އާޒިމަށް ލިބުނީ ތިންވަނަ އެވެ. މަހިބަދޫ ދާއިރާ ކާމިޔާބު ކުރެއްވި ތޯރިގާ އެންމެ ގާތުން ވާދަކުރެއްވީ އަމިއްލަ ކެންޑިޑޭޓް އަހުމަދު ސުނީލެވެ.

އދ. އަތޮޅުގެ އެއްވެސް ގޮނޑިއެއް އެމްޑީޕީއަށް ނުލިބުނު ނަމަވެސް ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން މިއިންތިހާބުގައި ހަތް އަތޮޅެއްގެ ހުރިހާ ގޮނޑިތަކެއް އެމްޑީޕީން ކާމިޔާބު ކޮށްފައިވާ ކަން މިހާރު ވަނީ ޔަގީންކުރެވިފަ އެެވެ. އެގޮތުން ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކުރި އަތޮޅު ތަކަކީ ހއ، ށ، ނ، އއ، މ، އަދި ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ސިޓީ އެވެ. މާލެ ސިޓީން އެމްޑީޕީއަށް ގެއްލުނީ ހަމައެކަނި ވިލިމާލެ ދާއިރާގެ ގޮނޑި އެވެ.

އދ. އަތޮޅުގެ އެއްވެސް ގޮނޑިއެއް އެމްޑީޕީއަށް ނުލިބުނު ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވަނީ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފަ އެވެ. މިހާތަނަށް ނަތީޖާތައް ދައްކާ ގޮތުން އެމްޑީޕީން ވަނީ 65 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ 2008 ވަނަ އަހަރު ތަސްދީގުކުރި ގާނޫނު އަސާސީގެ ދަށުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި އެއް ޕާޓީއަކަށް މިހާ ބޮޑު އަޣުލަބިއްޔަތެއް ހޯދުނު ފުރަތަމަ ފަހަރެވެ.