ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދިވެހި ރައްޔިތުން ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީއަށް ދިން ބޮޑު އަޣުލަބިއްޔަތު ބޭނުން ކުރާނީ ޒިންމާދާރުކަމާ އެކުގައި ކަމަށް އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންނަ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރުކަމަށް އިންތިހާބުވެވަޑައިގަތް ނަޝީދު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގަ އެވެ.

ނަޝީދު ވިދާޅުވީ އަންނަ މަޖިލީހުގައި އެމްޑީޕީއަށް ލިބިފައިވަނީ ވަރަށް ބޮޑު އަޣުލަބިއްޔަތެއް ކަމަށާއި އެ އަޣުލަބިއްޔަތު ލިބުނީ ދިވެހި ރައްޔިތުން އެގޮތަށް ބޭނުންވާތީ ކަމަށެވެ. އެހެން ނަމަވެސް ލިބުނު އަޣުލަބިއްޔަތުގެ ނާޖާއިޒު ފައިދާ އެ ޕާޓީން ނުނަގާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އެއީ މި އަޣުލަބިއްޔަތު އަޅުގަނޑުމެންނަށް ލިބުނެއް ކަމަކު ނާޖާއިޒު ގޮތުގަ އެ އަޣުލަބިއްޔަތު ބޭނުން ނުކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނެއް އެކަމެއް ނުކުރާނަން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ބޭނުންހާ ވަގުތެއްގައި ގާނޫނު އަސާސީއަށާއި ގާނޫނުތައް އިސްލާހު ގެނައުން ފަދަ އަމަލުތައް އެމްޑީޕީގެ ފަރާތުން ނުފެންނާނެ ކަމަށެވެ. އަދި ގާނޫނު އަސާސީއަށް އިސްލާހެއް ގެނައުމުގެ ކުރިން މުޅި ރާއްޖޭގައި އެ ކަމެއްގެ ބަހުސެއް ކުރެވެން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"ގާނޫނު އަސާސީއަށް އިސްލާހެއް ގެނައުމުގެ ކުރިން ބަހުސް ކުރެވެން ޖެހޭނެ މުޅި ރާއްޖޭގައި. ގާނޫނު އަސާސީއަށް އިސްލާހެއް ގެނައުމުގެ ކުރިން ކުރަންޖެހޭނެ އެކިއެކި މަރުހަލާގެ ތެރޭގައި ކުރާ ބަހުސް." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް މަޖިލީހުގެ މަދު ގޮނޑިތަކެއް ލިބުނު ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު އެ ފަރާތްތަކަށް ލިބިގެން ދާނެ ކަމަށެވެ. އިދިކޮޅުގައި އެންމެ މެންބަރަކު ހުންނެވި ނަމަވެސް ވަޒީރުންނާއި މުއައްސަސާތަކުގެ ވެރިން ޖަވާބުދާރީ ކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން ލިބިގެންދާކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.

"އަބަދުވެސް އިދިކޮޅު ފަރާތް އޮންނަން ޖެހޭނެ. ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭނެ. ވަޒީރުންނާ ސުވާލުކުރަން ޖެހޭނެ. މަޖިލީހުގަ އެއް އަތް ޖަހައިގެން އަޑެއް ނުގޮވާނެ. ދެ ފަރާތުން ކޮންމެ ކަމަކަށްވެސް ވާހަކަ ދައްކަން ޖެހޭނެ." ނަޝީދު ވިދާޅުވި އެވެ.