ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމާމެދު ގޮތެއް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށާއި އެމަނިކުފާނުގެ ރުހުންނެތި ވެރިކަމުގެ ނިޒާމު ބަދަލުކުރަން މަސައްކަތް ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާއަށް އިންތިހާބުވެވަޑައިގަތް ނަޝީދު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގަ އެވެ.

ނަޝީދު ވިދާޅުވީ ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރާނަމަ އެވާހަކަ އިސްވެ ދައްކަވަން ޖެހިވަޑައިގަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށެވެ. ސަބަބެއް ކަމަށް ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް އުނދަގޫފުޅުވާ ގޮތަކަށް މަސައްކަތް ކުރައްވަން އެމަނިކުފާނު ބޭނުންފުޅު ނުވާތީ ކަމަށެވެ.

"ރައީސަށް އުނދަގޫފުޅުވާ ގޮތަކަށް އެކަހަލަ ކަމެއް ކުރާކަމަށް އަޅުގަނޑު ދުވަހަކުވެސް ނޫޅޭނަން. އެއީ އަޅުގަނޑުމެން މިހާރު ވެރިކަމުގަ މިތިބީ. ރައީސުލްޖުމްހޫރިއްޔާ ވެސް އެއީ އެމްޑީޕީ. ރައްޔިތުންގެ މަޖިލިސް ވެސް އެއީ އެމްޑީޕީ. މިވަގުތަށް ބަލާއިރުގައި އަޅުގަނޑުމެންނަށް އެއިން (ރިޔާސީ ނިޒާމަކުން) ވާ އުނދަގުލެއް ނެތް." ނަޝީދު ވިދާޅުވި އެވެ.

ރައީސްގެ ރުހުމެއްނެތި އެކަން ކުރައްވަން ބޭނުންފުޅު ނުވާކަމަށް ނަޝީދު ވިދާޅުވުމަށްފަހުގައި ދެން ވިދާޅުވީ، އެމަނިކުފާނު އަދިވެސް ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެއަށް އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ. ނަމަވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހޭނީ ދިގު މުއްދަތުގެ މަރުހަލާއަކަށް ފަހުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ބަރުލަމާނީ ނިޒާމު އަޅުގަނޑުމެންގެ ތެރެއަށް ތައާރަފުވެގެން އަންނަން ޖެހޭނީ އަޅުގަނޑުމެންގެ ޕާޓީގެ އެކިއެކި ގޮފިތަކުގަ ވެސް ޕާޓީގެ ކޮންގެރެސްގަ ވެސް މި މަޝްވަރާ ކުރެވި ޕާޓީގެ ގުނަވަންތަކުގަ ވެސް މި މަޝްވަރާ ކުރެވި އަދި ރައްޔިތުންގެ މަޖިލީހަށް މިމައްސަލަ އައިސް ފެންނަ ނުފެންނަ ވޯޓެއް ނެގި، ވަރަށް ދިގު މަސައްކަތަކަށް ފަހު. މިއިން އެއްވެސް މަސައްކަތަކަށް ފަށައިގަންނަން ވެސް ޖެހޭނީ ރައީސުލްޖުމްހޫރިއްޔާގެ އިޒުނަވެސް ރުހުންވެސް މިކަމުގައި އޮވެގެން." ނަޝީު ވިދާޅުވި އެވެ.

ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާ، އެ ނިޒާމު ގެނައުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށްފަހުގައި ބޮޑުވަޒީރަކަށް ވަޑައިގަތުމުގެ ޝައުގުވެރިކަމެއް ހުންނެވިތޯ ސުވާލު ކުރުމުން ރައީސް ނަޝީދު އެ ކަމަށް ސީދާ ޖަވާބެއް ނުދެއްވައެވެ. ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތް ދޫކޮށްލުމުގެ ވިސްނުންފުޅު ނެތް ކަމަށެވެ.

ނަމަވެސް ބޮޑުވަޒީރަކަށް ވަޑައިގަތުމުގެ މަސައްކަތް މީހަކު ކުރެއްވުމަށްވުރެ މުހިއްމު މަސައްކަތްތަކެއް ހުރި ކަމަށް ނަޝީދު ވިދާޅުވި އެވެ. މިގޮތުން ބޯހިޔާވަހިކަމާއި އެހެން އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.