ހޮނިހިރު ދުވަހު ބޭއްވިި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބުމާ އެކު، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލުގެންނަ ވާހަކަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވުމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.

މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގެންފައިވާ ނަޝީދު ރޭ ޕީއެސްއެމަަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ތާއީދު ކުރައްވާނީ ބަރުލަމާނީ ނިޒާމަކަށް ކަމަށެވެ. ނަމަވެސް ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށާއި އެ މަސައްކަތް ކުރެއްވުމާ މެދު ގޮތެއް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީން ކަށަވަރު ކުރުމަށްފަހުގައި އެންމެ ފުރަތަމަ ވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނަޝީދު ގެންގުޅުއްވާ ވިސްނުން އިއުލާން ކުރެއްވުމުން އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ނިޒާމު ބަދަލުކުރުމުގެ ބަދަލުގައި ނަޝީދުގެ އަމާޒުގައި ހުންނަވަންވީ ރައްޔިތުން ވޯޓުދިން އެޖެންޑާ 19 ގައި ހިމެނޭ ވައުދުތައް ފުއްދައިދިނުމަށް ކަމަށްވެސް ވިދާޅުވި އެވެ.

ޖަމީލު މިހެން ވިދާޅުވިއިރު ނަޝީދު ވެސް ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށްވުރެ މުހިއްމު ކަންކަން އަދި ހުރި ކަމަށް ޕީއެސްއެމަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފަ އެވެ. އެގޮތުން ވެރިކަން ބަދަލުކުރުމުގެ ނިޒާމު ބަދަލުކޮށް މީހަކު ބޮޑުވަޒީރުކަމަށް އަންނަން މަސައްކަތް ކުރަން ހަދައިގެން ރައްޔިތަކަށް ފޯރުކޮށްދެން ޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްނުދެއްވިޖެނަމަ އެއީ ރަނގަޅު ގޮތެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ޖަމީލު ވަނީ، ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް ރައްދު ދެއްވައި ވާހަކަ ދައްކަވާފަ އެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ތެރޭގައި ޖަމީލު ވަނީ އެމްޑީޕީގެ އެޖެންޑާ 19 މެނިފެސްޓޯގައި ހިމެނޭ ބައެއް ސިޔާސަތުތަކަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޖަމީލު ވަނީ ނިމިގެންދިޔަ އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިިގެންފަ އެވެ.