ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު އުވާލާން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން ފާސްކޮށް، އަންނަ ހޯމަ ދުވަހު ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

އަންނަ ހޯމަ ދުވަހު ބާއްވާ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ގައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅައި ބިލަށް ވޯޓަށް އެހުމެވެ. މިއީ ގާނޫނު އަސާސީއަށް ގެންނަ އިސްލާހެއް ކަމުން، މިބިލު ފާސްވާނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.

ގާނޫނު އަސާސީގެ 251 ވަނަ މާއްދާގެ (ހ) އަށް އިސްލާހު ގެންނަން މިދިޔަ ނޮވެމްބަރު މަހު މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. މިގޮތުން ރިފާއު ހުށަހެޅުއްވީ ގާނޫނު އަސާސީގައި ކުރިން އެ މާއްދާ އޮންނަ ގޮތަށް އަލުން މާއްދާ އިސްލާހު ކުރުމަށެވެ.

ގާނޫނު އަސާސީގެ 251 ވަނަ މާއްދާގައި މީގެ ކުރިން އޮންނަނީ ދިވެހިރާއްޖޭގެ ސަަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެ ކަމަށެވެ. ނަމަވެސް 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން މާއްދާއަށް ގެނައި އިސްލާހުގައިވަނީ ރާއްޖޭގައި ބިން ހިއްކައިގެން އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް ބިމުން ބައެއް މިލްކުކުރެވޭނެ ކަމަށެވެ.

ގާނޫނު އަސާސީގެ 251 ވަނަ މާއްދާއަށް އެ އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން އެއިރު ފާސްކުރީ މަޖިލީހުގައި ތިއްބަވާ 85 މެންބަރުންގެ ތެރެއިން 70 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މިއިސްލާހު ފާސްކުރުމަށް އޭރު އިދިކޮޅު މެންބަރުންގެ ގޮތުގައި ތިއްބެވި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ މެންބަރުން ވެސް ވޯޓް ދެއްވާފައިވެ އެވެ. މިބިލާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ 14 މެންބަރުންނެވެ.

ބިލާ ދެކޮޅަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް ހިމެނިވަޑައިގަންނަވަ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ވެސް ރައީސް ވަނީ ބޭރުގެ ފަރާތްތަކަށް ބިން މިލްކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު އުވާލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.