މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަށް މެންބަރުން އިންތިހާބުކުރިއިރު މީގެ ތެރެއިން އެންމެ ހަތަރު ދާއިރާއަށް އަންހެން ކެންޑިޑޭޓުން އިންތިހާބުވެގެން ދިއުމަކީ ހިތާމައެއް ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝީދާތާ މިހެން ވިދާޅުވި އެޑްރެސިން ޖެންޑާ ސްޓެޓިސްޓިކްސް ގެޕްސްގެ ވޯކްޝޮޕް ހުޅުވުމުގެ ގޮތުން މިއަދު ޗަމްޕާ ސެންޓްރަލް ހޮޓަލްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ޝިދާތާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ގާނޫނު ހެދުމާއި ރައްޔިތުންގެ މަސްހަލަތު ހިމެނޭ ކަންކަމުގައި ވަކާލާތު ކުރުން ހިމެނޭ ކަމަށެވެ. އެހެންކަމުން މިހާރު ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު މަޖިލީހުގެ ތެރެއިން ގައުމީ ސިޔާސަތުތައް ކަނޑައެޅިގެން ދާނީ އަންހެނުންގެ އެކަށީގެންވާ މިންވަރެއްގެ ބައިވެރިވުން ނެތި ކަމަށްވެސް ވިދާޅުވި އެވެ.

މިގޮންޖެހުންތަކާއެކު ވެސް މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށާއި އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ދަމަހައްޓަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ވަކިން ހާއްސަކޮށް ވިޔަފާރިއާއި ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.