ހިތަށް އަރައެވެ. އަމިއްލަ އިޚުތިޔާރުގައި ކަންކަން ކުރެވޭނީ ކޮން ދުވަހަކުން ބާއެވެ؟ އެ ފުރުޞަތު ލިބޭނީ ކިހިނެއް ހަދައިގެން ބާއެވެ؟ އަހަރެންގެ އަމިއްލަ ކަންކަމާ މީހުން ނުބެހި ތިބޭނީ ކިހިނެއް ހަދައިގެން ބާއެވެ؟ މީހަކާ އިނދެ ދަރީން ލިބުނީމާ ވެސް މިކަންކަމަށް ހުއްޓުމެއް ނައެވެ. އަދިވެސް ވޯޓުލީ ކާކަށްތޯ އެބަ ސުވާލުކުރެއެވެ.

މިއަދަކީ ވެސް އެފަދަ ދުވަހެކެވެ. ހެނދު ހެނދުނާ އަހަރެން ތެދުވީމެވެ. މީހުންތައް ގިނަވުމުގެ ކުރިން ފޮށި ދޮށަށް ގޮސް ވޯޓު ލުމުގެ ނިޔަތުގައެވެ. މަންމަގެ އުނދަގޫ ޖެހިދާނެ ކަމުގެ ބިރަށެވެ. ބައްޕައަށް ފެނިދާނެތީ ވެސް ތޯއްޗެކެވެ.

އަވަސް އަވަހަށް ފެންވަރާލައި ނަލަހެދިލައިގެން ކޮޓަރިން ނުކުތީމެވެ. ނުކުމެވުނީ މަންމަގެ ކުރިމައްޗަށެވެ.

"މާ އަވަސްއަވަހަށް ކޮންތާކަށް؟" ސުވާލު ކުރީ ކޮޓަރީގެ ދޮރުމަތީ ހުރި މަންމައެވެ.

"މި ދަނީ ވޯޓުލާން. އެކަން ވެސް އަވަހަށް ނިންމާލިއްޔާތާ ފަސޭހަވާނީ" އަހަރެން ޖަވާބު ދިނީމެވެ.

"ބަލަ ވޯޓު ލުން ފެށޭނީ 8:30 ގައެއްނު. އަދި އެ ޖެހީ ހަތެއް. އެހައި އަވަހަށް ނުދިޔަޔަސް ތިޔަ ލާން ބޭނުންވާ މީހަކަށް ވޯޓު ލެވިދާނެއްނު. އިހަށް މަޑުކުރޭ. މަންމަމެން ވެސް އިރުކޮޅަކުން ދާނަމޭ" މަންމަ ބޭނުންވީ އަހަރެން މަޑުކުރުވާށެވެ.

"އަހަރެންގެ ރައްޓެހި ކުއްޖަކު މިހާރު ހުންނާނެ އެތަނުގައި. އެނާއާއެކު ސައިބޯން ވެސް ދާނަން. އެހެންވެ މިދަނީ" އަހަރެން ބޭނުންވީ މަންމައާ ވަކިން ދާށެވެ.

"ބަލަ ސުނީނާއަށް މުހިންމީ އެކުވެރިންތަ؟ މަންމައާއި ބައްޕަތަ؟ ތި ގޮތަށް ހިތަށް އެރިގޮތަކަށް ތިއުޅެނީ؟ އަދި ބުނެފިއެއްނު ވޯޓުލާނީ ކާކަށް ކަމެއް ނުބުނާނަމޭ؟" މަންމަ ފެށީ އިއްޔެ ދެއްވި ވާހަކައެވެ. ބޭލީ އިއްޔެގެ ރުޅިގަނޑެވެ. ދެއްކީ އެ ހިތްހަމަ ނުޖެހުމެވެ.

"މަންމާ! ދެން އެކަން އެނިމުނީއޭ. އަހަރެން ވޯޓުލާނީ މަންމަމެން ބޭނުންވާ މީހަކަށް" އަހަރެން އުޅުނީ މަންމަގެ ރުޅިގަނޑު މައިތިރި ކުރުވޭތޯއެވެ.

"އެހެންވެ ދޯ މާ ހެނދުނާ ސިއްރުސިއްރުން ބުނެވެސް ނުލައި ދާން ތިއުޅެނީ؟ އަހަރެންނާއެކު ދާން މަޑުކޮށް ނުލެވެނީ؟" މަންމަ ކުރީ އިތުރު ޝަކުވާއެވެ.

"ވޯޓާ ގުޅޭގޮތުން މަންމަ އަބަދުވެސް ތި ކުރަނީ ޝައްކު. މަންމަ ބޭނުންވާ މީހަކަށް ވޯޓުލާދޭނެ ކަމަށް ބުނީމާ ވެސް ގަބޫލެއް ނުކުރަމު. އަނެއްކާ ވެސް ފަށަފަށައިގެން މަންމަ ތި ދައްކަނީ ތިޔަ ވާހަކަ" އަހަރެންވެސް ފާޅުކުރީ ހިތުގެ ހިތްހަމަ ނުޖެހުމެވެ. މަންމަ ވެސް ދިޔައީ ކުރިއަށެވެ.

"ބަލަ މި ވާހަކަ ދެއްކޭނެއްނު. އަޅެ ބުނެބަލަ އަހަރެން ބުނާ މީހަކަށް ވޯޓުލައިގެން އޮތް ގެއްލުމެއް؟" މަންމަ ކުރީ އިތުރު ސުވާލެކެވެ.

"ތިހެން ބުނާކަށް ނޭނގެ. މަށަށް އެނގެނީ މަ ބެނުންވާ މީހާއަށް ވޯޓު ނުލެވޭކަން. އެ ހިތްހަމަ ޖެހުން ނުލިބޭކަން" އަހަރެން ޖަވާބު ދިނީމެވެ.

"ތިހެންވެގެންނޭ މި ބުނަނީ ކޮންމެ ކޮންމެ މީހަކަށް ވޯޓު ލާނެކަމެއް ނެތޭ. ގައިމު މަ ބުނާމީހަކަށް ވޯޓުލައިގެން ވަންޏާވާނީ ފައިދާ. ބައްޕަ ބުނީ ސުނީނާ ކިޔެވޭނެ ގޮތް ހަމަޖައްސައިދޭން ވެސް އޭނާ އެއްބަސްވި ވާހަކަ. މަންމަމެން ދަރިފުޅު ގޮވައިގެން ވޯޓުލާ ތަނަށް ދާން ކޮންމެހެން މި ބޭނުންވަނީ އެހެންވެ. އެތަނަށް މަންމަމެން ދިޔަ ތޯ ބަލަން ބަޔަކު ތިބޭނެ" މަންމަމެންގެ ރޭވުމާއި ވެފައިވާ އެއްބަސްވުން މަންމަ ހާމަކުރިއެވެ.

"އެކަމަކު މަންމާ! ވޯޓަކީ އަމާނާތެއްނު. އެއީ ސިއްރެއްނު" އަހަރެންނަށް ބުނެވުނެވެ.

"ބަލަ ކާކަށްތަ ތިކަން ނޭނގެނީ؟ މީގައި ކޮބައިތަ ގޯހެއް؟ ދަރިފުޅު މަންމަމެންނާ އެކު ގޮސް ވޯޓުލީމާ އެ ނިމުނީ. މާގިނަ ވާހަކަތައް ނުދައްކާތި. މަންމަވެސް ތައްޔާރުވެލައިގެން މި ނުކުންނަނީ" އަހަރެންނަށް ދިން ޖަވާބާއެކު މަންމަ ވަނީ ކޯޓަރިއަށެވެ.

އަހަރެން ވޯޓުލީމެވެ. މަންމަ ބޭނުންވާ މީހާއަށް ވޯޓު ދިނީމެވެ. އަހަރެންގެ އަމިއްލަ އިޚުތިޔާރު ދޫކޮށްލީމެވެ. ނަމަވެސް ހިތުގައި އޮތީ ހުސް ޝަކުވާއެވެ. އަދިވެސް މި ކުޅިވަރެއް ނުހުއްޓޭ ހެއްޔެވެ؟ އަމިއްލަ މިނިވަންކަން ލިބޭ ވަރެއް ނުވޭހެއްޔެވެ؟ ބޭނުންވާ ގޮތަށް ކަންކަން ކުރުމުގެ ބާރެއް ނުލިބޭ ހެއްޔެވެ؟ އެބާރު ލިބޭނީ ކޮން ދުވަހަކުން ހެއްޔެވެ؟ އެ ބާރު އަތަށް އަރާނީ ކިހިނެއް ހަދައިގެން ހެއްޔެވެ؟

ވޯޓުލައިގެން ހަމަ ނުކުތުމާއެކު ދިމާވީ ބައްޕައާ އެއްބަނޑު އައިސައްތައާއެވެ.

"ކޮބާ؟ ކާކަށްތަ ވޯޓުލީ؟" އަހަރެން ހަމަ ފެނުމާއެކު ފުރަތަމަ ވެސް އަހާލިއެވެ.

"އެއީ ސިއްރެއްނު" ފޫހިވެފައި ހުރި ނަމަވެސް އެކަން ނުދައްކާ އަހަރެން ޖަވާބު ދިނީމެވެ.

"ސިއްރެއްކަން އެނގެޔޭ. އައިސައްތަ ގާތުގައި ބުނެގެންނެއް ކަމެއް ގޯހެއް ނުވާނެ. އެހެން ނޫނަސް މަންޖެ ވޯޓުލާނީ ކާކަށްކަން އައްތައަށް އެނގޭ. މަންމަ އޮތީ ތި ހުރިހާ ވާހަކައެއް ކިޔާދީފައި" އައިސައްތަގެ ވާހަކަތަކުން މަންމައާއި އައިސައްތަ ވާހަކަތަކެއް ދައްކާފައިވާކަން ޔަގީންވިއެވެ.

"ދެން އެނގެންޏާ އެ ނުނިމުނީނު. އަހަރެންގެ ދުލުން އަހަރެން ވޯޓުލީ ކާކަށް ކަމެއް ނުބުނާނަން. އެއީ ސިއްރެއް" އަހަރެން ޖަވާބު ދިނީމެވެ.

"ނުބުންޏަސް ވޯޓު ލާނީ ކާކަށްކަން އެނގެޔޭ. ނެގީ ކިހާ ފައިސާއެއްކަންވެސް އައްތައަށް އެނގޭ. އެއީ ސިއްރެއް ނޫން. އެވަރު ނެގީމާ ވޯޓު ނުލާ ނުހުންނާނެކަން ވެސް އެނގޭ" އައިސައްތަގެ ވާހަކައިން އަހަރެން ބޮލުގައި ރިއްސާލިއެވެ.

"ކީކޭތަ ތިކިޔަނީ؟" ހިތްހަމަ ނުޖެހުމާއެކު އަހަރެންނަށް ބުނެވުނެވެ.

"އައްދޭ! ހާދަ އަވަހަކަށް ތި ރުޅިއައީ؟ ކިތަންމެ ރުޅިއަޔަސް ހަގީގަތްވާނީ ހަގީގަތަށް؟ ވޯޓުލާން ތި އޮތީ މަޖުބޫރުވެފައި. އަމިއްލަ ނަފުސު ތިވަނީ ފައިސާއަށް ވިއްކާލާފައި. މުޅި އާއިލާ ތިވަނީ އެމަޅީގައި ޖެހިފައި" އައިސައްތަ ވެސް ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. އަހަރެންގެ ކުރިމަތީ އެތައް ވާހަކައެއް ގޮވިއެވެ. އެ ވާހަކަތައް އަޑު އަހާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެތާ ހުންނާކަށް ވެސް ބޭނުމެއް ނުވިއެވެ. އަހަރެން އައީ ގެއަށެވެ.

ގޭގައި މަންމައާއި ބައްޕަ ތިބީ ފިސާރި ހެވިފައެވެ. އަހަރެން ހަމަ ވަނުމާއެކު ވާހަކަ ފެށީ ބައްޕައެވެ.

"ދަރިފުޅާ! ދެން ހުރިހާ ކަމެއް މި ހަމަޖެހުނީ. ބައްޕަ ބޭނުންވި ކަންތައް ބައްޕައަށް ވެއްޖެ. ދަރިފުޅު ބޭނުންވީ ކަންތައް ވެސް ބައްޕައަށް ކޮށްދެވިދާނެ. އަވަހަށް ރާއްޖެއިން ބޭރަށް ދާން ތައްޔާރުވާންވީ. އެކަން އެވަނީ ހަމަޖެހިފައި" ހިނިތުންވުމާއެކު ބައްޕަ ދެއްކީ ލިބިފައި އޮތް ފުރުޞަތެއްގެ ވާހަކައެވެ. އެ ވާހަކަތަކުން އަހަރެން އައީ ރުޅިއެވެ. ބައްޕަމެންގެ އެވިސްނުމާހެދި ވީ ދެރައެވެ.

"ތިފަދަ އުފާތައް ރަނގަޅީ ނުލިބުނިއްޔާ. ތިފަދަ ޚަބަރުތައް ރަނގަޅީ ނުދިނިއްޔާ. ތިފަދަ ކަންކަން އަހަރެން ބޭނުމެއް ނޫން. ވޯޓު ވިއްކާލައިގެން ކިޔަވާ ހިތެއް އަހަރެންނެއް ނުވޭ. ތި ފައިސާގައި ޖެހޭކަށް ވެސް އަހަރެން ބޭނުމެއް ނޫން" އަހަރެންނަށް ބުނެވުނީ ބޭއިޚުތިޔާރުގައެވެ. ހިތުގައި އުފެދުނު ނުރުހުމުގެ ޝުޢޫރު ފާޅުކުރެވުނީ ގަސްތަކު ނޫނެވެ. އެ ޖަޒުބާތުގައި ނަފުސުގެ ކޮންޓްރޯލު ނެއްޓުނީ ކީއްވެކަމެއްވެސް އަހަރެންނަށް ނެނގެއެވެ.

"ސުނީނާއަށް އެނގޭތަ ތި ބުނެވެނީ ކީކޭކަން؟ ތި އަޅުވަނީ ކިހައިވަރެއްގެ ތުހުމަތެއްކަން. ބަލަ އަހަރެމެން ކަލޭ ބޮޑުކުރީ ތިފަދަ ބަދުނާމުތައް އަހަރެމެންގެ ބޮލުގައި އަޅުވަންތަ؟ ގޮތްކުޑަ.." ބައްޕަގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. މަންމަ ވެސް އެކަމުގައި ބައިވެރިވިއެވެ. އަހަރެންޖެހުނީ މަޢާފަށް އެދޭށެވެ. ހިތް ގަބޫލު ނުކުރިޔަސް މަންމަމެންގެ ވާހަކަތައް ގަބޫލުކުރާށެވެ.

މިފަހަރު މަންމަމެން ބުނާ މީހަކަށް އަހަރެން ވޯޓުލީ ނަމަވެސް އަހަރެންގެ ޢަޒުމެއް އެބައޮތެވެ. ނިންމައިގެން މިހުރީ އެ ފައިސާގައި ނުޖެހުމަށެވެ. އަމިއްލައަށް ފައިސާ ހޯދައިގެން ނޫނީ ނުކިޔެވުމަށެވެ. ދެން ފަހަރަކުން ވޯޓުވެސް ދޫކޮށެއް ނުލާނަމެވެ. އަހަރެން ވޯޓު ލާނީ އަހަރެން ބޭނުންވާ މީހަކަށެވެ. އެ ހައްގު ވިއްކައެއް ނުލާނަމެވެ.

(ނިމުނީ)