ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން 10 ރިސޯޓާއި 40 ގެސްޓްހައުސް ހިންގުމަށް ލައިސަންސް ދީފައިވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ 10 ރިސޯޓެއް ހިންގަން ދިން ހުއްދައާއެކު ރާއްޖޭގައި ހުރި ރިސޯޓުތަކުގެ އަދަދު 141 އަކަށް އިތުރުވެފައިވާ ކަމަށެވެ. އަދި ރިސޯޓުތަކުގެ އަދަދު އިތުރުވުމާ ގުޅިގެން 1410 އެނދު ވެސް މާކެޓަށް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ. މިއަދަދަށް އެނދު އިތުރުކުރުމާއެކު މިހާރު ރިސޯޓްތަކުގައި 31،072 އެނދު ހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ 40 ގެސްޓް ހައުސް ހިންގުމަށް ދެވުނު ހުއްދައާ ގުޅިގެން ގެސްޓްހައުސްތަކުގެ ދާއިރާއަށް ވެސް 666 އެނދު އިތުރުކުރެވިފައިވާ ކަމަށެވެ. މި އަދަދު އިތުރުވުމާ އެކު 8،944 އެނދު މިހާރު ރާއްޖޭގެ ގެސްޓްހައުސްތަކުގައި އެބަހުރި ކަމަށްވެސް ވިދާޅުވި އެވެ. އަދި 11 ޓޫރިސްޓް ހޮޓެލާއެކު 900 ހޮޓެލް އެނދު އެބަހުރި ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ވަހީދު އިތުރަށް ވިދާޅުވީ ގެސްޓްހައުސް އަދި ރިސޯޓްތައް ހިންގުމަށް ހުއްދަ ދިނުމުގެ އިތުރުން 12 ޑައިވް ސެންޓަރަކަށްވެސް ހުއްދަ ދީފައިވާނެ ކަމަށެވެ. 212 ޑައިވް ސެންޓަރު މިވަގުތު ރާއްޖޭގައި އެބަހުރި ކަމަށްވެސް ވިދާޅުވި އެވެ. އަދި 22 ޓްރެވަލް އެޖެންސީ ރަޖިސްޓްރީ ކޮށްދީފާއިވާނެ ކަމަށާއި މިއަދަދާ އެކު 335 ޓްރެވަލް އެޖެންސީ ރާއްޖޭގައި މިވަގުތު އެބަހުރި ކަމަށްވެސް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.