ބ. ކެންދޫގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ނަތީޖާ ބާތިލުކުރުމަށްފަހު އެ ފޮއްޓަށް ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންނަށް އަލުން ވޯޓުލުމަށް ފުރުސަތު ދިނުމަށް އެދި ހުށަހެޅި މައްސަލަ ތަހުގީގުކުރުމަށްޓަކައި އެ ރަށަށް އިލެކްޝަންސް ކޮމިޝަންގެ ޓީމެއް ފޮނުވާފައިވާ ކަމަށް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނަށް މި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އަހްމަދު ލަތީފްގެ ފަރާތުން އެމްޑީޕީން ކަމަށް އެނގިފައިވެ އެވެ. މިގޮތުން ބާތިލުކުރުމަށް ހުށަހަޅާފައިވަނީ ކެންދޫ ވޯޓުލާ މަރުކަޒުގައި ބެހެއްޓި ވޯޓު ފޮށި ނަންބަރު F03.03.1، ވޯޓު ފޮށީގެ ނަތީޖާ އެެވެ.

މި މައްސަލައާ ގުޅިގެން ވީނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ މައްސަލައާ ގުޅޭ ގޮތުން ކޮމިޝަނުން އަދި ވަކިގޮތެއް ނުނިންމަވާ ކަމަށެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރުމަށްޓަކައި ކެންދޫއަށް ކޮމިޝަންގެ ޓީމެއް ފޮނުވަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ކެންދޫގައި ބެހެއްޓި ފޮއްޓާ ގުޅޭ ގޮތުން މައިގަނޑު ގޮތެއްގަިއި ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ ވޯޓުލާ މީހުންގެ ތަފުސީލުތައް އުސޫލާ އެއްގޮތަށް ހާމަކޮށްފައި ނުވުމާއި، ވޯޓު ފޮށި ކައިރީ އޮންނަ ޝީޓާއި ވޯޓާސް ލިސްޓާއި އިނގިލީގައި ފާހަގަ ޖަހާފައި މާކުކުރާ ލިސްޓާއި ކިއު ނަންބަރު ދޫކުރި ލިސްޓާއި އެއް ޝީޓް އަނެއް ޝީޓް ދިމާ ނުވުމުގެ މައްސަލަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކެންދޫ ދާއިރާގައި ކުރިހޯއްދަވަނީ މިހާރު ވެސް އެ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަލީ ހުސައިނެވެ.

އަލީ ހުސައިނަށް 938 ވޯޓު ލިބިވަޑައިގެންފައިވާއިރު، އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ލަތީފަށް ލިބިވަޑައިގަތީ 807 ވޯޓެވެ. މިދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްި އަހްމަދު ރިޒާއަށް ލިބިވަޑައިގަތީ 700 ވޯޓެވެ.