ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިޚާބު ބޮޑުތަނުން ކާމިޔާބުކޮށް އޭނާ ހުންނެވީ މާވަށު ދާއިރާގެ މެންބަރު ކަމަށް އިންތިޚާބުވެފައި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް 19 ވަނަ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަމަށް އިންތިހާބުވެފައިވާ ކަމަށް ވަގުތީ ނަތީޖާތަކުން ހާމަވާ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ސައީދު މިހެން ވިދާޅުވީ އެ ދާއިރާގެ ވޯޓު މިއަދު އަލުން ގުނަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމާ ގުޅިގެން ވީނިއުސް އިން ދެެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މުހައްމަދު ސައީދު ވިދާޅުވީ އިންތިޚާބުގައި މާވަށު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އޭނާ ކަމަށާއި އެކަން ނަތީޖާތަކުން ވަރަށް ރަނގަޅަށް ސާފުވާ ކަމަށެވެ. އަދި އިންތިޚާބުގައި ކާމިޔާބު ލިބުނީ ވަރަށް ބޮޑު ތަނުން ކަމަށާއި، އެކަންވެސް ވަރަށް ސާފު ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މާވަށު ދާއިރާއަށް އޭނާ އިންތިހާބުވެފައި ވަނިކޮށް އެ ދާއިރާގެ ވޯޓް ފޮށިތަކެއް އަލުން ގުނަން އުޅޭކަން ރަސްމީކޮށް އަދިވެސް އަންގާފައި ނުވާ ކަމަށެވެ. ނަތީޖާ ވަރަށް ސާފުކޮށް ލިބިފައިވާއިރު އަލުން ވޯޓްތައް ގުނަން ޖެހޭ ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި، އަލުން ގުނި ނަމަވެސް ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށްވެސް ވިދާޅުވި އެެވެ.

އިލެކްޝަންސް ކޮމިޝަނުން ގުނަން ނިންމާފައިވަނީ މާވަށު ދާއިރާގައި ހިމެނޭ މާވަށާއި، ކުނަހަންދޫ އަދި ހިތަދޫގައި ބެހެއްޓި ތިން ފޮށްޓެވެ.

މާވަށު ދާއިރާގައި ވޯޓުލުމުގެ ހައްގު 2،789 މީހުންނަށް ލިބިގެންވާއިރު މިދާއިރާގައި ވާދަކުރެއްވި 4 ކެންޑިޑޭޓުންގެ ތެރެއިން 853 ވޯޓާ އެކު ކުރި ހޯއްދެވީ މުހައްމަދު ސައީދު އެވެ. އަދި ސައީދާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ފަލާހަށް ލިބުނީ 848 ވޯޓެވެ. އަދި ތިންވަނައަށް ވާދަކުރެއްވި އަދި މިހާރުވެސް މާވަށު ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ އަޒުހާން ފަހުމީ އަށް ލިބިވަޑައިގެންފައި ވަނީ 650 ވޯޓެވެ. އަދި އަމިއްލަގޮތުން ވާދަކުރެއްވި ޝާދިޔާ ތައުފީގަށް ލިބިވަޑައިގެންނެވީ 41 ވޯޓެވެ.

އެހެންކަމުން ފަސް ވޯޓުގެ ތަފާތުން ސައީދު ކުރީގައި އުޅުއްވާއިރު، އެ ދާއިރާގެ ވޯޓު މިއަދު އަލުން ގުނާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ވީނިއުސް އަށް އެނގިފައިވާ ގޮތުގައި އެ ދާއިރާގެ ތިން ވޯޓު ފޮއްޓެއް އަލުން ގުނަން ނިންމާފައި މިވަނީ ސައީދަށް ކުރި ލިބިވަޑައިގެންނެވީ ބާތިލް ވޯޓުތަކެއް ގުނައިގެން ކަމަށް ބުނެ ފަލާހު ހުށަހެޅުއްވި ޝަކުވާ އަަކާއި ގުޅިގެންނެވެ.