މިއަހަރުގެ ފުރަތަމަ ކުއާޓާ ނިމިގެން ދިޔައިރު ހާސިލްކުރަން ބޭނުންވި ހިސާބަށް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެން ގޮސްފައިވާ ކަަމަށް ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ކޮންމެ މަހަކު އެއްފަހަރު ބާއްވަމުންގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ފާއިތުވި 3 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ފާހަަގަކޮށްލެވޭ މިންވަރަކަށް ކުރިއަރައިގެން ގޮސްފައިވާ ކަމަށެވެ.

އެގޮތުން ފާއިތުވި ޖެނުއަރީމަހު 6.5 އިންސައްތައަށް ފަތުރުވެރިކަން ކުރިއަރާފައިވާ ކަމަށާއި، އަދި ފެބްރުއަރީމަހު 16.8 އިންސައްތައަށް އިތުރުވެފައިވާ ކަަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި މާޗް މަހުގެ ތެރޭގައި 22 އިންސައްތައިގެ ކުރިއެރުމެއް ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިފައިވާ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފާއިތުވި އަހަރާ އަޅާބަލާއިރު މިއަހަރު 15 އިންސައްތައިގެ ކުރިއެރުމެއް ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި 3 މަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ބޮޑުތަނުން ކުރިއަރައިގެން ދިއުމަކީ ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ހަމަޖެހުމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފާއިތުވި 3 މަހުގެ ތެރޭގައި ރާއްޖެއަށް 4،82978 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އާސަރުކާރު އައި ފަހުން ހަމައެކަނި ދަށްވެފައިވަނީ ޗައިނާއިން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު ކަމަށާއި، އަދި މިމަހު މި އަދަދުވެސް ިއިތުރުވެފައިވާ ކަަމަށެވެ.

އަދި އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އިންޑިއާ އަދި ރާއްޖެއާ ދެމެދު އޮތް އެކުވެރިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށެވެ.