ނ. މާފަރުގައި އެއަރޕޯޓް ތަރަށްޤީކުރަން ފެށިއިރުވެސް އެތަނަކީ ގިނައަދަކަށް ވެލާއަރައި ބިސްއަޅާ ސަރަހައްދެއްކަން އީއައިއޭ ރިޕޯޓްގައި ފާހަގަކޮށްފައިވާކަން އެނގިއްޖެ އެވެ.

މާފަރު އެއަރޕޯޓްގެ ރަންވޭއަށް ވެލައެއް އަރައި، އެތަނަށް ބިސް އަޅާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިއަދު ވަނީ ފޮޓޯއެއް ދައުރުވެފަ އެވެ. އާންމުވެފައިވާ އެ ފޮޓޯ އިން ފެންނަ ގޮތުގައި އެއަރޕޯޓްގެ ތާރުގަނޑު މަތީގައި ވެލައެއް އޮތް އިރު އޭގެ ކައިރީގައި ބިސް ވެސް ހުއްޓެވެ. އަދި ވެލާ އެތަނަށް އަރާފައިވާ ފާހަގަވެސް ތާރުގަނޑުން ފެންނަ ހުއްޓެވެ.

ވެލާ ކަނހަބު ބިސް އެޅުމުގެ ގުދުރަތީ ނިޒާމަށް ބަލާއިރު، އާންމުކޮށް ވެލާ ބިސް އަޅާނީ ހޭޅިފަށުގައި ހުންނަ ގަސްތައް ދަށަށްވަދެ ދޮންވެލިގަނޑު ކޮނުމަށް ފަހު އެތަނަށެވެ. އެގޮތުން މާފަރު އެއާޕޯޓް އަޅަމުންދާ ސަރަހައްދަކީ ކުރިން އާންމުކޮށް ވެލާ އަރައި ގިނަ އަދަދަކަށް ބިސް އަޅާކަން ފާހަގަކުރެވިފައިވާ ސަރަހައްދެކެވެ.

ވީނިއުސް އަށް އެނގިފައިވާ ގޮތުގައި ނ. މާފަރުގައި އެއަރޕޯޓް ތަރަށްޤީކުރަން އެންމެ ފުރަތަމ ހެދި އެންވަޔަރުމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓުގައި އެތަނަކީ ވެލާ އަރާ ތަނެއްކަން ވަނީ ފާހަގަކޮށްފަ އެވެ. އިންސާނުން ކުރާ އަމަލެއްގެ ސަބަބުން ތިމާވެއްޓާއި ތިމާވެށީގެ ދިރުންތަކަށް ކުރާނެ އަސަރު ތަކާއި ގުޅޭގޮތުން ހެދި މި އީއައިއޭ ރިޕޯޓް ރިވިއު ކުރި ބައެއް ފަރާތްތަކުން އެތަނުގައި އެެއަރޕޯޓް ތަރަށްގީކުރަން ނުފެންނަ ކަމަށް ބުނެ، 2009 ވަނަ އަހަރުގެ ތެރޭގައި އީއައިއޭ ރިޕޯޓް ރިޖެކްޓް ކޮށްފައިވާ ކަން ވަނީ އެނގިފައެވެ.

ނަމަވެސް އެތަނުގައި އެެއަރޕޯޓް އެޅުމުގެ މަޝްރޫއު 2015 އަަހަރު ބިންގާއަޅައި އަދިވެސް ނުނިމި ކުރިއަށްދާއިރު، އެތަނުގެ ރަންވޭއަށް އަރައި ވެލައެއް ބިސް އެޅިކަމަަށް ބުނާ ޚަބަރު ވެގެން ދިއައީ ބައެއް މީހުންނަށް ޤަބޫލުކުރަން ދަތި ޚަބަރަކަށެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ތަޖުރިބާކާރު އެއް ޑައިވަރު، އަދި އެންވަޔަރންމެންޓަލް އެކްޓިވިސްޓް ހުސެން ރަޝީދު (ސެންޑީ) ވިދާޅުވީ އެކަން އެހެން ނުވާނޭ ބުނުމަށްވުރެ ވުން ގާތްކަމަށެވެ.

ސެންޑީ ވިދާޅުވީ މާފަރަކީ ކުރިން މީހުން ނޫޅޭ ރަށަކަށް ވުމުން ވެލާ ބިސް އަޅަން އަރާފާނެ ކަމަށެވެ. އަދި އާއްމުކޮށް ވެލާ ބިސްއަޅަން އަރާ ތަނަކަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެން ކަމުން އެރަށަށް ވެފައިއޮތް ގޮތަށް ބަލާއިރު އެސޮރުމެން ބިސްއަޅާ އުޅޭ ގުދުރަތީ ނިޒާމުގެ ބޭރުން އެކަން ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"ޑިސްއޮރިއަންޓް ވެފަ އެއޮތީ. ވެދާނެ އެކަން ހަމަ އެގޮތަށް . އެސޮރުމެން އާއްމުކޮށް އަރާ ބިސްއަޅާ ތަނެއް ކުއްލިއަކަށް ބަދަލުކޮށްލާ ހޭޅިފަށް ކޮސާލާ ނައްތާލީމަ އެހެންވެދާނެ. އަސްލު ޖަޒީރާ ރަށެއްގެ ސިފަތައް ގެއްލިފަވުމުން އެފަދަ ކަމެއް ހިނގާފާނެ" ސެންޑީ ވިދާޅުވި އެވެ.