ނިއުޒީލެންޑް މިސްކިތްތަކަށް ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން މުސްލިމުންނަށް ފުރައްސާރަކޮށް ވާހަކަދެއްކި އޮސްޓްރޭލިއާގެ ސެނެޓަރ ފްރޭސަރ އަނިންގްގެ ބޮލަށް ކުކުޅު ބިހުގެ ހަމަލާދިން ޒުވާނާއާ ދެކޮޅަށް އެއްވެސް ދައުވާއެއް ނުކޮށް ފުލުހުން އޭނާ މިނިވަންކޮށްފިއެވެ.

އުމުރުން 17 އަހަރުގެ ވިލިއަމް ކޯނޮލީ، ސެނެޓަރ ފްރޭސަރގެ ބޮލަށް ބިހެއް ތަޅާނީ މެލްބަންގައި އޭނާ ނޫސްވެރިންނާ ވާހަކަ ދައްކަން ހުއްޓައި މިދިޔަ މާޗްމަހުގެ 16 ވަނަ ދުވަހުއެވެ. ބޮލުގައި ބިހުން ޖެހުމާއެކު ސެނެޓަރ ފްރޭސަރވަނީ ވިލިއަމްގެ މޫނުމަތީގައި އެތައްފަހަރަކު އަތުން ތަޅައި އަނިޔާކޮށްފައެވެ.

މިހާދިސާ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެ، ވިލިއަމް ކޯނޮލީ މުޅި ދުނިޔެއަށް މަޝްހޫރުވެގެން ދިޔައެވެ. އޭނާއަކީ ބަތަލަކަށް ވެގެންދިޔައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައްބަޔަކު އޭނާ އެ ކުރި ކަންތަކަށް ތައުރީފްކޮށްފައި ވެއެވެ.

މިހާދިސާގެފަހުން ވިލިއަމް ކޯނޮލީ ދުނިޔޭގައި މަޝްހޫރު ވެފައިވަނީ "އެގްބޯއި" ގެ ނަމުންނެވެ.

ސެނެޓަރ ފްރޭސަރ އަނިންގެ ބޮލަށް ބިސްޖެހި މައްސަލާގައި ވިލިއަމް ޝަރީއަތާ ކުރިމަތިލާން ޖެހިދާނެ ކަމަށް ނުވަތަ އޭނާއަށް ޖޫރިމަނާއެއް އަތުވެދާނެ ކަމަށްބަލައި ނުވަތަ އިތުރަށް ކުކުޅުބިސް ގަތުމަށް އޭނާއަށް އެހީތެރިވުމުގެ ގޮތުން "ގޯފަންޑްމީ" ގެ ނަމުގައި ސޯޝަލް މީޑިއާގައި ޕޭޖެއް ހަދައި ފައިސާވެސް އެއްކޮށްފައި ވެއެވެ.

އެ ޕޭޖުން ކުރި މަސައްކަތުން 80،000 އޮސްޓްރޭލިއަން ޑޮލަރު (57،000 އެމެރިކާ ޑޮލަރު) އެއްކޮށްފައި ވެއެވެ.

ވިލިއަމް ކޯނޮލީ ބުނީ، އެ ފައިސާ އޭނާ ހަދިޔާކުރާނީ މިސްކިތަށް ދެވުނު ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ކަމަށެވެ.