މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެގެން ގޮސްފައި ވަނީ ހުރިހާ ގޮތަކުން ވެސް ތާރީހީ އިންތިހާބަކަށެވެ. 2008 ވަނަ އަހަރު ތަސްދީގު ކުރި ގާނޫނު އަސާސީގެ ދަށުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި އެއް ސިޔާސީ ޕާޓީއަކަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައްޔިތުން ދިން މިއީ ފުރަތަމަ ފަހަރެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން އެކަނި ވަނީ މަޖިލީހުގެ 65 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށާއި ޖުމްހޫރީ ޕާޓީއަށާއި އެމްޑީއޭގެ އިތުރުން އަމިއްލަ ކެންޑިޑޭޓުންނަށް ކާމިޔާބު ކުރެވުނީ ބާކީ 22 ގޮނޑި އެވެ. މިއީ އެމްޑީޕީގެ ތާރީހުގައި ވެސް އެ ޕާޓީއަށް މަޖިލީހުގެ އަގުލަބިއްޔަތު އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުނު ފުރަތަމަ ފަހަރެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އޭރުގެ އިދިކޮޅު ހުރިހާ ފަރާތްތަކެއް ގުޅިގެން އުފެއްދި ބޮޑު އިއްތިހާދާ އެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވީ ގައުމުގެ އެތައް ކަމެއް އިސްލާހުކުރާނެ ކަމުގެ ވައުދާ އެކު އެވެ.

އެއީ ޝަރުއީ ނިޒާމު އިސްލާހު ކުރުމާއި، ހިޔާނާތުގެ މައްސަލަތައް ތަހުގީގުކޮށް ދައުލަތުގެ ތެރެއިން ގެއްލިފައިވާ ފައިސާތައް އަނބުރާ ދައުލަތަށް ހޯދުމުގެ ވައުދެވެ. އިންސާފު ނުލިބިފައިވާ އާއިލާތަކަށް އިންސާފު ގާއިމު ކޮށްދިނުމެވެ. ހަގީގަތް ހޯދިފައި ނުވާ މަރުތަކުގެ މައްސަލަތައް ތަހުގީގުކޮށް އެކަމުގެ ހަގީގަތް ހޯދުމެވެ. ހަމަޖެހުމާއި ފުދުންތެރި ދިރިއުޅުމެއް އުޅުމުގެ އުއްމީދީ ހުވަފެނާ އެކުގައި ހަގީގީ ބަދަލެއް ގެނެސްދިނުމުގެ ވައުދެވެ.

ރިޔާސީ އިންތިހާބެކޭ އެއްފަދައިން މަޖިލިސް އިންތިހާބުގައި ވެސް ރައްޔިތުން ދިނީ ހަމަ އެ މެސެޖެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ރައްޔިތުން ނިންމާފައި ވަނީ ގައުމު އިސްލާހު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅުތައް ފުއްދަވަން އެމަނިކުފާނަށް ފުރުސަތު ދިނުމަށެވެ. މިއީ މީގެ ކުރިން މަޖިލިސް އިންތިހާބެއްގައި ދިވެހި ރައްޔިތުން އެއްވެސް ރައީސަކަށް ދީފައިވާ ފުރުސަތެއް ނޫނެވެ. އެހެންކަމުން ރައީސް ސޯލިހަށް މިފަދަ ފުުރުސަތެއް ދިނުމުގައި ސަބަބެއްވެސް އޮންނާނެ އެވެ.