ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރަންވީގޮތް އެއްވެސް އެހެން ޕާޓީއެއްގެ ލީޑަރަކަށްވެސް އަދި އެހެން ޕާޓީއަކަށްވެސް ބުނެދޭންނުޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ވީނިއުސްރޫމްގެ "ފަސްމަންޒަރު"ގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ ޖުމްހޫރީ ޕާޓީން އިދިކޮޅު ޕީޕީއެމްއާއެކު އެއްވެސް އެއްބަސްވުމެއް ހަދާފައިނުވާނެކަމަށެވެ. ޖުމްހޫރީ ޕާޓީން އޮތީ 2018ވަނަ އަހަރު ވެރިކަމަށް އައުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހާއެކު ވެފައިވާ އެއްބަސްވުން ދެމެހެއްޓުމުގައިކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ވެފައިވާ އެއްބަސްވުން ޕާޓީއަކުން އުވާލާ، އެއްބަސްވުމެއް ނެތްކަމަށް ބުނިނަމަވެސް، ރައީސް ސޯލިހާއެކު ޖުމްހޫރީ ޕާޓީން ވެފައިވާ ސައްޙަ އެއްބަސްވުމެއް އެބައޮތްކަމަށެވެ.

އާ ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ވެސް ވާނީ އިދިކޮޅު ޕާޓީއަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެކަމާއި ގުޅޭގޮތުން ސުވާލު ދެންނެވުމުން ރިޔާޒު ވިދާޅުވީ ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރަންވީގޮތް އެއްވެސް އެހެން ޕާޓީއެއްގެ ލީޑަރަކަށްވެސް އަދި އެހެން ޕާޓީއަކަށްވެސް ބުނެދޭންނުޖެހޭކަމަށެވެ. އެކަން ނިންމާނީ ޖުމްހޫރީ ޕާޓީގެ ކައުންސިލުންކަމަށް ރިޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި ޖުމްހޫރީ ޕާޓީން މަސައެްކަތްކުރަންވީ ގޮތް އެހެން ބޭފުޅަކު ވިދާޅުވެދެއްވާކަށް ނުޖެހޭ. އެކަން ނިންމާނީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ދެއްތޯ." ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ އައު މަޖިލީހުގައި އެމްޑީޕީއަށް 65 މެންބަރުންގެ ސުޕަ މެޖޯރިޓީއެއް ލިބިފައިވާތީ، ޖުމްހޫރީ ޕާޓީގެ މެންބަރުން މުހިންމު ނުވެދާނެކަމަށެވެ. އަދި ބައެއް ބޭފުޅުން ޖުމްހޫރީ ޕާޓީ ވެސް ވާނީ އިދިކޮޅު ޕާޓީއަކަށްކަމަށް ވިދާޅުވަނީ އެ ސަބަބާއި ގުޅިގެންކަމަށް ބެލެވޭކަމަށެވެ.

ނަމަވެސް ރާއްޖޭގެ ސިޔާސީ މައިދާނުގައި ޖުމްހޫރީ ޕާޓީ ދެމި އޮންނާނީ ވަރުގަދަ ސިޔާސީ ޕާޓީއެއްގެ ގޮތުގައިކަމަށް ރިޔާޒު ވިދާޅުވިއެވެ. އަދި ޖުމްހޫރީ ޕާޓީން ރާއްޖޭގެ ސިޔާސީ މައިދާނުގައި އަދާކުރަމުންދާ މުހިންމު ދައުރަށް ފަނޑުކަމެއް ނުގެނެވޭނެކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ފުރިހަމަ އެހީތެރިކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އޮންނާނެކަމަށެވެ. ހަމަ ޔަގީނުންވެސް ރިޔާޒު ހުންނެވީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި، އެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކާއެކު، ސަރުކާރަަށް އެއްބާރުލުން ދެއްވުމަށްކަމަށް ރިޔާޒު ވިދާޅުވިއެވެ.