ބައްޕައަކީ ކެތްގަދަ މީހެކެވެ. އެ ބައްޕަގެ އޮތީ ހަމަ ހިލަ ހިތެކެވެ. އެ ހިތް މަޑުވި ދުވަހެއް ނުދެއްކެވިއެވެ. އެ ރުޅިގަނޑު މައިތިރިވި ދުވަހެއް ނައެވެ. ދުނިޔެއިން ނިމިގެން އެ ދިޔައީ ވެސް އެ ގޮތުގައެވެ. އެންމެ އަޖައިބުވަނީ މަންމައަށް މަޖުބޫރުކޮށްފައި ވާތީވެ. ވިސްނެމުން ދިޔަ ހިތުގެ ޚިޔާލުތަކުން އަހަރެންނަށް ނުކުމެވުނީ ފިރިމީހާ އައިސް ގެއަށް ވަނުމުންނެވެ.

"ކޮބާ ހިނގާ ސަހަރާއަށް ދާން" ހާސްވެފައިވާ ފިރިމީހާ މުޚާޠަބު ކުރީ އަހަރެންނާއެވެ.

"ނުކެރޭނެ. އަހަރެންނަކަށް ނުކުރޭނެ. މިއަދު ގޮސްގެން އޮތީ ކޮން ފައިދާއެއް؟" ބޭއިޚުތިޔާރުގައި އަހަރެންނަށް ކުރެވުނީ ސުވާލެކެވެ.

"ފައިދާއެއް ގެއްލުމެއް ބަލާކަށް ނުޖެހޭ. އެއީ ޝަރޫގެ ބައްޕައެއްނު. މިއީ އެ ބައްޕަގެ މޫނު ފެންނާނެ އެންމެ ފަހު ފަހަރު" ފިރިމީހާގެ ޖުމުލަތައް އަހަރެންނަށް ގަބޫލުކުރެވުނު ނަމަވެސް އަހަރެންގެ ހިތް އެކަމާ ދެކޮޅު ހެދިއެވެ.

"ބަލަ މިއޮތް ހުރިހާ ދުވަހު އަޅާނުލެވުނު އިރު، އެގެއަށް ނުދެވުނު އިރު މިއަދު ގޮސް ސަހަރާގައި އިނީމާ މީހުން ބުނާނީ ކީކޭ؟ ކިހައި އެއްޗެއްސެއް ކިޔާނެ. ކިހައި މަލާމާތެއް ކުރާނެ" އަހަރެންނަށް ވިސްނުނީ އެހެން މީހުން ދައްކާނެ ވާހަކަތަކެވެ.

"ބަލަ އަހަރެމެން ނުގޮސް ތިބީތަ؟ އަހަރެމެން އެގެއަށް ދާން ކިހައި މަސައްކަތެއް ކުރީ. ބައްޕައާ ވާހަކަދައްކަން ކިތައް މީހުން ފޮނުވީ؟ ބައްޕަގެ ރުހުން ލިބޭތޯ ކިހައި ވަރަކަށް އުޅުނީ؟ އެކަމަކު ބައްޕަ ބޭނުންނުވީ. އެގެއަށް ދިޔަ ދެ ދުވަހު ވެސް ހަޅޭއްލަވާ ނެރުނީ. ބައްޕަ ދަންނަ ކޮންމެ މީހަކަށް ވެސް އެނގޭނެ އެކަން ހިނގި ގޮތް. އެހެންވީމާ އެގޮތަށް ވިސްނާނެހެނެއް ހިއެއް ނުވޭ" ފިރިމީހާ އުޅުނީ އަހަރެންނަށް ވިސްނައިދޭށެވެ. އެއީ ވެސް ތެދެކެވެ. އެކަމަކު އެ ބައްޕަ ބުނެފައިވާ ޖުމުލަތަކުން އަހަރެންގެ ހިތް ނުގަބޫލުވަނީއެވެ. ދާން ބޭނުން ނުވަނީއެވެ.

"ދެން ތައްޔާރުވެލައިގެ އާދޭ! އަހަރެން މިއަންނަނީ ސައިކަލަށް ޕެޓްރޯލް އަޅައިގެން" ފިރިމީހާ ގެއިން ނުކުތީ އަހަރެން ތައްޔާރުވުމަށް ބުނެފައެވެ.

އަހަރެން ވިސްނީ ހަދާނެ ގޮތަކާމެދުއެވެ. ދާނީ ހެއްޔެވެ؟ ނުގޮސް ގޭގައި އިންނާނީ ހެއްޔެވެ؟ އެކަމަކު އެއީ ބައްޕައެވެ. އެ ބައްޕަ އަހަރެންނާ ވާހަކަ ނުދައްކާތާ 6 އަހަރު ވީއެވެ. އަހަރެން އިހުސާނާ އިންފަހުން އަހަރެންނާ އަނގައަކުން ނުބުނެއެވެ. މައްސަލައަކީ ބައްޕަގެ ނުގަބޫލުގައި ކުރެވުނު ކައިވެންޏެވެ.

އަހަރެންނަށް ގަބޫލުކުރެވުނީ ދުވަސްތަކެއް ފަހުން އެ ނުރުހުން، ރުހިގެން ދާނެކަމަށެވެ. ދަރިންކުރާ ނުރުހޭ ކަންކަމަށް މައިންބަފައިން މަޢާފު ކުރާނެކަމަށެވެ. ނަމަވެސް އެހެނެއް ނުވިއެވެ. ދުވަސްވީ ވަރަކަށް ބައްޕަގެ ހިތްހަމަ ނުޖެހުންވީ ބޮޑެވެ. ރުޅިވެރިކަންވީ އިތުރެވެ. އެންމެ ފަހުން މަންމަވެސް އަހަރެންނާ ވާހަކަދެއްކުން މަނާކުރީއެވެ.

މިހާރުވެސް ހަމަ ދެންމެ ވީ ކަމެއްހެން ހަނދާން އެބަހުއްޓެވެ. އިންތާ ފުރަތަމަ ހަފުތާގައި އަހަރެން ބައްޕަމެން އެގެއަށް ދިޔައީމެވެ. އެދުވަހު ގެއަށް ވަނުމާއެކު ބައްޕަގެ ލީ ހަޅޭކާއި ކީ އެއްޗެހިން ތަންގަނޑު މީހުން އެއްކުރުވިއެވެ. އެދުވަހު އެންމެންގެ ކުރިމަތީ އަހަރެންނާއި އިހުސާން ބޭޒާރު ކޮށްލިއެވެ. އެވަރުން ނުވެގެން އިހުސާންގެ ގައިގައިވެސް ޖެހިއެވެ. އަހަރެންނާއި އިހުސާސް އެ ގެއިންވެސް ބޭރުކުރިއެވެ. އަހަރެންނަކީ އެ ބައްޕަގެ ދަރިއެއް ނޫންކަމާއި ދުވަހަކުވެސް ދަރިއެއްގެ ގޮތުގައި ދެން ނުބަލާނެކަމަށް ވެސް ބުންޏެވެ. އެދުވަހު އަހަރެން ގެއަށް އައީ ރޮމުންނެވެ. ގިސްލަމުންނެވެ. ހިތުގައި އޮތް މައިވަންތަ ލޯބި ކަފުންކުރަމުންނެވެ.

އެވަރަކުން އަހަރެންގެ އުންމީދުތައް ފުނޑުފުނޑު ކޮށެއް ނުލަމެވެ. ދިރިއުޅުން ހަލާކުކޮށެއް ނުލަމެވެ. ބައްޕަމެން ދެކެ ވާ ލޯބި ފަނޑުވިޔަކަ ނުދެމެވެ. ފިރިމީހާ އިހުސާން ވެސް ހުރީ އެގޮތުގައެވެ. ކިތަންމެ ލަދެއްގަތަސް، ކިތަންމެ ދެރައެއް ވިޔަސް ބައްޕައާއި މަންމަ ވާނީ ހަމަ ބައްޕައާއި މަންމަ އަށެވެ. އިހުސާސް ދިޔައީ އެކަން އަހަރެންނަށް ވިސްނައިދެމުންނެވެ.

މަހެއް ފަހުން އަނެއްކާވެސް ބައްޕަމެން ގެއަށް ދިޔައީމެވެ. ބައްޕަ ބަލިވެ އުޅޭ ޚަބަރު ލިބިގެންނެވެ. މިފަހަރު ދިޔައީ ދިއުމުގެ ކުރިން ދެ މީހަކު ފޮނުވާ ބައްޕައާ ވާހަކަވެސް ދައްކާފައެވެ. ބައްޕައަށް ވިސްނައިދެވޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް މިފަހަރުވެސް ކަންތައްވީ ހަމަ އެގޮތަށެވެ. ކުރީ ފަހަރަށްވުރެ ވެސް ވީ ގޯހެވެ. ރުޅިވީ އިތުރެވެ. ހިތްހަމަ ނުޖެހުން ވީ ބޮޑެވެ.

"ބުނަން ކަލޭ ދެން މިގެއަށް ވަދެފިނަމަ ހަމަ ދެފައި ބިންދާލާނަން. އަހަރެން ކަލެއަށް ކުރާނެ މަޢާފެއް ނޯންނާނެ. މިގެއަށް ކަލޭ ވަންނާކަށް ނުޖެހޭނެ. ކަލޭގެ ބައްޕައެއް މަންމައެއް ނުހުންނާނެ. މަރުމަތީގައި ވެސް އަހަރެން ބުނާނީ މިހެން. އަހަރެންގެ މޫނުދެކެން ނާންނާތީ. އެދުވަހަކުން ވެސް މިގެއަށް ނުވަންނާތި. މައާފެއް ނުކުރާނަން. ނުކުރާން" ބައްޕަގެ ދުލުން ބުނި ޖުމުލަތައް އައިސް އަހަރެންގެ ކަންފަތް ތޮރުފަމުން، ހިތް ފަޅިފަޅި ކުރަމުން ދިޔައެވެ. އެ ދުވަހުވީ ތަދު ފިލީ އެތައް މަސްތަކެއް ފަހުންނެވެ.

"ކޮބާ ތައްޔާރުވެވިއްޖެ" ގޭ ދޮރުން އެތެރެވަމުން ފިރިމީހާ ގޮވާލާ އަޑު އިވުނެވެ. ޚިޔާލު ތަކުގެ ދުނިޔެއިން އަހަރެންނަށް ނުކުމެވުނީ އެ އަޑުންނެވެ.

"މިދަނީ... މިހާރު މި ނިމެނީ" ކޮޓަރީގައި ހުރެފައި އަހަރެން ގޮވާލީމެވެ.

ފިރިމީހާ އާއި އަހަރެން އާ ސަހަރާއަށް ދިޔައީމެވެ. އޭރު އެތަނުގައި މީހުންތައް އޮތެވެ. އަހަރެން ދަންނަ ކޮންމެ ލޮލެއްގެ ނަޒަރު އަހަރެންނަށް ހުއްޓެއެވެ. އަހަރެންގެ ފިރިމީހާއަށް ވެސް މެއެވެ. އެ ނަޒަރުން އެތައް ކަމެއް ބުނެދެއެވެ. އެ ކަންކަމާ އަހަރެން އަޅައެއް ނުލަމެވެ. ގޮސް ހުއްޓުނީ ހުދު ފޮތިން ކަފުންކޮށްފައިވާ ބައްޕަގެ ގަބުރު ކައިރީގައެވެ. އެ ބައްޕަގެ ބޮލުގައި އަހަރެންގެ އަތް ތިލަ ބާއްވާލީމެވެ. އެއާއެކު އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ދެމިގަތެވެ. އަހަރެން ބަޑި ފަޅައިގެން ދިޔައެވެ. ކިތަންމެ ހިތްވަރު ކުރިނަމަވެސް ހަމަ ކެތްނުވީއެވެ. އަހަރެން ހަމައަކަށް އެޅުވީ ކައިރީގައި ހުރި ފިރިމީހާއެވެ.

އަހަރެން އެތައް ދުޢާއެއް ކުރީމެވެ. އެތައް އިރަކު އެތާ ހުރީމެވެ. ބޭނުންވީ އެތާ ހުންނާށެވެ. ސަންދޮކަށް ލާންދެން ބައްޕަގެ ބޮލުގައި އަތް އަޅާލައިގެން ހުންނާށެވެ. ނަމަވެސް އޭރުވެސް އެތައް ބަޔަކު މޫނު ބަލަން އައިސް ސަފުގައި ތިއްބެވެ. އަހަރެންނަށް މަޖުބޫރުވީ އެތަނުން ދުރަށް ދާށެވެ.

އަހަރެން ގޮސް އިނީ މަންމަ ގާތުގައި ހުރި ހުސް ގޮނޑީގައެވެ. އެ މަންމައާ ކިތަންމެ ވާހަކަދައްކަން ބޭނުންވި ނަމަވެސް އެ މަންމައާ ވާހަކަދައްކަން އިސްނަގާކަށް އަހަރެންނަކަށް ނުކެރުނެވެ. އިސްޖަހާލައިގެން ހަމަ އިނދެވުނީއެވެ. އެ މަންމައަކަށް ނުއިނދެވުނެވެ. އެ މަންމަގެ މަޑު އަތުން އަހަރެންގެ ބުރަކަށީގައި ފިރުމާލިއެވެ. އެ ފިރުމުމުން ހީވީ ހަށިގަނޑުގެ ތެރޭގައި ހުރި ދައުރުނުވާ ލޭތައް ދައުރުވެގަތް ހެންނެވެ. މޫނު އަނބުރާލައި މަންމައާދިމާއަށް ބަލައިލަމުން މަންމަގައި އަހަރެންނަށް އޮޅުލައި ގަނެވުނެވެ. މަންމާއޭ ކިޔައި ގޮވާލެވުނެވެ. މަންމަގެ ކޮނޑުގައި ބޯ އަޅާލެވުނެވެ. ހާދަ ހިތްހަމަޖެހޭ ކޮނޑެކެވެ. ހާދަ ހިތްހަމަ ޖެހޭ ފިރުމުންތަކެކެވެ. އަހަރެންގެ ހިތް ފުރެންދެން ރުއީމެވެ. މަންމަގެ ގައި އޮޅުލީމެވެ. ފާއިތުވީ ދުވަސްތަކުގައި މަންމަ ކުރާނެ ހިތާމައާއި ވާނެ ދެރަ އަހަރެންނަށް އިހުސާސްވިއެވެ. ބައްޕަގެ ދުނިޔޭގައި މަންމަ އުޅެންޖެހުނު މަޖުބޫރުކަން އަހަރެންނަށް އެނގެއެވެ. ބައްޕަދެކެ މަންމަވީ ލޯބި ވެސް އަހަރެންނަށް އެނގެއެވެ.

މާގިނައިރު ތަކެއް ނުވެ ބައްޕަގެ މޫނު އަޅައި ސަންދޯކަށް ލިއެވެ. މަންމައަށް ވީގޮތާއި އެހިތް ތެޅެމުން ދިޔަ ތެޅުން އަހަރެންނަށް އިހުސާސްވިއެވެ. އެ މަންމަ ވާނެ ދެރަ ހިތަށް ތަސައްވަރު ކުރެވުނެވެ. އެހިތާމަތަކާއެކު ހުރިހާ ކަމެއް ނިމުނެވެ. އަހަރެން ދިޔައީ މަންމައާއެކު ބައްޕަމެން ގެއަށެވެ. އިހުސާން ސަހަރާގައި މަޑުކުރީ ނިންމަންޖެހޭ ބައެއްކަންކަން ނިންމުމަށެވެ.

"ދަރިފުޅާ. ބައްޕަވެސް ދަރިފުޅު ދެކެ ވަރަށް ލޯބިވޭ. އެކަމަކު އެ ބައްޕަގެ ހިތަކީ ބަދަލުވާ ހިތެއް ނޫން. ބައްޕަ ނިންމައިފި ކަމެއް ބަދަލެއް ނުކުރާނެ. ދަރިފުޅަށް މި ހިތާމަތައް ލިބުނީ ބައްޕަގެ މިޒާޖުން. ފަހަރެއްގައިވެސް އެއީ ދަރިފުޅުގެ ކުށެއް ނޫން. ބައްޕަވެސް އެކަން ގަބޫލުކުރޭ. ދަރިފުޅު ލޯބިވާ މީހަކާ އިނދެގެން ދަރިފުޅަށް ނޫޅެވެންވީ ސަބަބެއް ނެތްކަން ބައްޕައަށް ވިސްނޭ. އެކަމަކު ވެސް ގޮތްދޫނުކުރީ" މަންމަ ކިޔައިދެމުން ދިޔައީ ހިތުގެ އުދާސްތަކެވެ.

"ކިތަންމެ ފަހަރަކު ދަރިފުޅުމެން ގެއަށް ދާން އެދުނިން. ދަރިފުޅު މެންނާ ވާހަކަދައްކަން ވެސް ބުނިން. ނަމަވެސް ބައްޕަ ބޭނުމެއް ނުވި. ދަރިފުޅުމެން މިގެއަށް ގެނަޔަސް މައްސަލައެއް ނެތްތޯ ވެސް އެހިން. އެކަމަކު ބައްޕަ ގަބޫލެއް ނުވި. އެވާހަކަތައް މާގިނައިން ދައްކާތީ އެންމެ ފަހުން ރުޅިއައިސްގެން ދެން ބުނީ ދެން އެ ވާހަކަދައްކައިފިނަމަ ކުރާނީ ވަރިއޭ. މަންމައަށް މަޖުބޫރުވީ އެހިސާބުން. ބައްޕަ ގާތުގައި އެ ވާހަކަދެއްކުން މަންމަ ހުއްޓާލިން. ދަރިފުޅާ ވާހަކަ ދެއްކުންވެސް މަންމަ ހުއްޓާލީ. ދަރިފުޅާ! މަންމައަށް މަޢާފުކުރޭ. ބައްޕައަށް ވެސް މަޢާފު ކޮށްދޭތި" އަހަރެންގެ ގައި އޮޅުލައިގަންނަމުން މަންމަ ބުންޏެވެ.

"މަންމާ! އަހަރެން އަބަދުވެސް މަންމައަށް މަޢާފުކުރާނަން. ބައްޕައަށް ހެޔޮ ދުޢާކުރާނަން. އަހަރެންގެ ކައިވެންޏަށް ބައްޕަ ނުގަބޫލުވީ ނަމަވެސް އަހަރެންގެ ހިތުން އަބަދުވެސް ބައްޕައަށް އޮތީ ލޯބި. މަންމައަށް އޮތީ ލޯބި. މިގެއަށް އަންނަން ބޭނުންވީ އެހެންވެ. ފަހުން ފަހުން އަންނަން ބޭނުން ނުވީ ބައްޕަގެ ރުޅި މަޑު ނުވާނެކަން ޔަގީންވީތީ. އެ ރުޅި އިތުރަށް އަރުވަން ބޭނުންނުވީތީ" ކަންތައް ވީ ގޮތް އަހަރެން ބުނީމެވެ.

"ބައްޕަ ފަދަ މީހަކު މަންމައެއް ނުދެކެން. ދަރިފުޅު މިގެއިން ދިޔަ ފަހުން ދުވަހަކުވެސް ދަރިފުޅުގެ ވާހަކައެއް ނާހާ. ދަރިފުޅުގެ ވާހަކައެއް ބުނި ނަމަވެސް އަޑެއް ވެސް ނާހާ. ބުނާނީ ތި ނޫން ވާހަކައެއް ދައްކާށޭ. އެއީ ހަމަ ބައްޕަ. އެ ބައްޕަ އެދިޔައީ އެ ބައްޕަގެ ގޮތުގައި. މަންމައަށް ޔަގީންވަނީ ބައްޕަވެސް ދަރިފުޅުދެކެ ވަރަށް ލޯބިވިކަން. އެ ނުރުހުން އޮތީ އެހެންވެ" މަންމަ ބުނި ޖުމުލައިން އަހަރެން ހިތްހަމަ ޖައްސާލީމެވެ. އެ ވާހަކަތައް ދެއްކުން ހުއްޓާލީމެވެ. ބައްޕަގެ އެ ތަފާތުކަން ގަބޫލުކުރީމެވެ.

(ނިމުނީ)