އިކުއިޑޯއިން ހިމާޔަތް ދިނުމަށްފަހު ރަށްވެހިކަންވެސް ދީފައިވަނިކޮށް ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް ހައްޔަރުކޮށްފިއެވެ.

އިއްޔެ އިކުއިޑޯ އެމްބަސީން އަސާންޖް ހައްޔަރުކުރި އިރު އިންޓަޕޯލުން އޭނާ ހައްޔަރުކުރުމަށް ބޭނުންވެގެން ރެޑްނޯޓީސް ނެރެފައިވަނީ މީގެ 8 އަހަރު ކުރިންނެވެ. އެމެރިކާއިން "މޯސްޓް ވޯންޑެޓް" ލިސްޓްގައި ހިމަނައިގެން އަސާންޖް ހައްޔަރުކުރުމަށް މަސައްކަތް ކުރަމުންދަނިކޮށް އޮސްޓްރޭލިއާގެ ރައްޔިތެއް ކަމުގައިވާ އަސާންޖް ހިމާޔަތް ހޯދައިގެން އިކުއިޑޯ އެމްބަސީގައި އުޅޭތާ މިހާރުވަނީ 6 އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ. .

އޭނާއަށް ހިމާޔަތް ދިނުމަށް މިދިޔަ އަހަރުގެ ތެރޭގައި އެގައުމުގެ ރައްޔިތުކަންވެސް އަސާންޖަށް އިކުއިޑޯ ސަރުކާރުން ވަނީ ހަމަޖައްސާދީފައެވެ.

އިނގިރޭސި ފުލުހުންގެ ޓީމަކުން އިކުއިޑޯ އެމްބަސީގެ އެތެރެއާއި ބޭރުގައި ހަރަކާތްތެރިވުމަށްފަހު އެމެރިކާ ސަރުކާރުން ނެރެފައިވާ އަސާންޖް ހައްޔަރުކުރުމުގެ އަމުރު ހިއްޕަވައިގެން އެމްބަސީއަށް ވަޑައިގެންނެވީ އެމެރިކާ ސަރުކާރުގެ ގާނޫނީ ވަކީލެކެވެ. އިކުއެޑޯ އެމްބަސީގައި ތިއްބެވި އެމްބެސެޑަރުންނަށް އެ ކޯޓު އަމުރު ދެއްކުވުމަށްފަހު އެމްބެސެޑަރުންގެ މެދުގައި އިކުއެޑޯ ގަޑިން 9 ގަޑި 15 ހާއިރު ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެއަށްފަހު އިކުއެޑޯއިން އަސާންޖަށް ދީފައިވާ ހިމާޔަތް އުވާލުމަށްފަހު އެމްބެސެޑަރުން ވަނީ 10 ޖެހިއިރު އަސާންޖާއި ބައްދަލުކޮށް ކޯޓުއަމުރާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ. ދެފަރާތުން ކޯޓު އަމުރު ބެލުމަށްފަހު އަސާންޖް ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ 10:15 ހާއިރު އެވެ. އިނގިރޭސި ފުލުހުންގެ ފައުޖަކުން އަސާންޖް ހައްޔަރުކޮށްގެން ގެންދިޔައީ މީގެ ކުރިންވެސް ހައްޔަރުކޮށްފައި ބެހެއްޓި ފުލުހުންގެ އިދާރާއަށެވެ. އެވަގުތުވެސް އިކުއެޑޯ އެންބަސީގެ ބޭރުގައި އަސާންޖްގެ އެތައްހާސް ސަޕޯޓަރުން އަސަންޖަށް ހިތްވަރުދީ އޭނާ ހައްޔަރުކުރުމާ ދެކޮޅަށް އަޑު އުފުލަމުންވެސް ގެންދިޔައެވެ.

އެމެރިކާއިން ނެރެފައިވާ ކޯޓުއަމުރެއް ތަންފީޒު ކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް އަސާންޖް ގެންދިޔަފަހުން ފުރަތަމަ ފަހަރަށް އަސާންޖާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އިނގިރޭސިވިލާތުގެ ހޯމް ސެކެޓްރީ ސާޖިދު ޖާވިދު ވިދާޅުވީ އިކުއެޑޯ އެންބަސީން ނެރެގެން އަސާންޖް ހައްޔަރުކޮށްގެން ގެންދިއުމުން އޭނާގެ ސިއްހީ ހާލާތާ މެދު ކަންބޮޑުވާ ކަމަށެވެ.

ބުރާފަސްތި ދުވަހު އެގައުމުގެ ގާނޫނޫ ހަދާ މަޖިލީހުގައި (ހައުސް އޮފް ކޮމަންސް) ގައި މެންބަރުންނާ މުހާތަބުކުރައްވާ ސާޖިދް ވިދާޅުވީ އިނގިރޭސިވިލާތާއި އިކުއެޑޯ ސަރުކާރުން އަސާންޖްގެ ސިއްހީ ހާލަތާއި މެދު ނުހަނު ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

އަސާންޖަށް ބެއިލް ކޮންޑިޝަންސް ތަކާއި ހިލާފުވިކަމަށް ކޯޓުން ކަނޑައަޅާފައިވާތީ މިހާރު އަސާންޖަށް ކުރިމަތިވެފައިވަނީ އެއް އަހަރު ދުވަހުގެ ޖަލުހުކުމެކެވެ.

އިނގިރޭސި ވިލާތުގެ ވެސްޓްމިންސްޓާގެ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ މޭ މަހުގެ 2 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެކްޓްރެޑިޝަން އަޑުއެހުމާއި ހަމައަށް އަސާންޖް ފުލުހުންގެ ބެލުމުގެ ދަށުގަ ބެހެއްޓުމަށެވެ. އަސާންޖަށް ހުކުމް ކުރާނެ ތާރީހެއް ކަނޑައަޅާނީ ލަންޑަންގެ ސައުތްވޯކް ކްރައުން ކޯޓުންނެވެ.

ވިކިލީކްސް އިން އެމެރިކާ ސަރުކާރާއި އެހެނިހެން ގައުމުތަކުގެ ސަރުކާރުތަކުން ހިންގާފައިފާ ކޮރަޕްޝަނާއި އެހެނިހެން ޖަރީމާތައް ފަޅާއަރުވާލާ ގިނަ ސިއްރުތަކެއް އިންޓަނެޓްގައި ލީކްކޮށްލާފައިވާ މައްސަލައިގައި އަސާންޖްގެ މައްޗަށް ޝަރީއަތް ފަށާފައިވީ ނަމަވެސް މިހާ ދުވަސްވީއިރު އޭނާ ހައްޔަރު ކޮށްފައި ނުވަނީ އިކުއެޑޯ ސަރުކާރުން އޭނާ ފުލުހުންނާ ހަވާލުކުރުމަށް ދެކޮޅު ހަދާފައިވާތީ އެވެ.

އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައިވަނީ 'ޔޫއެސް ޑިޕާޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ' މެދުވެރިކޮށް 2011 ވަނަ އަހަރުގެ މާޗް މަހުއެވެ.

އޭގެފަހުން އަސާންޖްގެ މައްޗަށް ވަނީ ޝަރީއަތްވެސް ހިންގާފައެވެ. އެގޮތުން 2012 ވަނަ އަހަރުގެ ކޯޓުގައި ހިނގަމުންދިޔަ ޝަރީއަތުގެ އަޑުއެހުންތަކުގައި އަސާންޖްގެ ގާނޫނީ ވަކީލުން ވިދާޅުވަމުން ގެންދެވީ އަސާންޖް ފުލުހުންނާ ހަވާލުނުވީ އޭނާގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ހިންގާފައި ނުވާތީކަމަށެވެ. އަދި ޝަރީއަތް ނާއިންސާފުން ކުރިޔަށްގެންދާތީ އޭނާއަށް އިކުއެޑޯ އެމްބަސީން ހިމާޔަތް ހޯދައިގެން އުޅެން މަޖުބޫރުވީ ކަމަށެވެ.

އެހެންނަމަވެސް ކޯޓުން ހިންގަމުންދިޔަ ދިގުލައިގެން ދިޔަ ޝަރީއަތް މިހާރު ނިންމާލާފައިވަނީ އަސަންޖް އޭނާގެ 'ބެއިލް ކޮންޑިޝަންސް'ތަކާއި ހިލާފުވެފައިވާތީ 'އެކްސްޓްރެޑިޝަން' އަޑުއެހުމަކަށް އަންނަ މޭމަހުގެ 2 ވަނަ ދުވަހު ކޯޓަށް ހާޒިރުވުމަށް އަންގާފައެވެ. އެހާތަނަށް ފުލުހުންގެ ބަންދުގައި ހުންނާނެ ކަމަށް އަސާންޖް ބުނެފައިވެއެވެ.

އިކުއިޑޯ ސަރުކާރުން ބުނީ 2012 ވަނަ އަހަރުންފެށިގެން ސަރުކާރުގެ ހިމާޔަތުގައި އެމްބަސީގައި ހުރިއިރު އަސާންޖަށް 6 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ހަރަދެއް ހިނގާފައިވާނެ ކަމަށެވެ. އިކުއެޑޯގެ ކުރީގެ ރައިސް ރަފައެލް ކޯރިއާ ވިދާޅުވީ "މިއީ އާދަޔާހިލާފު ކަމެއް، އަސާންޖް ހައްޔަރުކޮށްފައިއެވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފަށް، އެސައިލަމް އިންސްޓިޓިއުޝަނާއި، އިކުއިޑޯގެ ގާނޫނުއަސާސީއާވެސް ހިލާފަށް، ސަބަބަކީ މިދިޔަ އަހަރުންފެށިގެން އަސާންޖަކީ އިކުއިޑޯގެ ރައްޔިތެއް" ކަމަށެވެ.

ކޯރިއާ އަކި އަސާންޖަށް އިކުއެޑޯ ސަރުކާރުން ހިމާޔަތް ދެއްވިއިރު އެގައުމުގެ ރައީސްކަމުގެ ހުންނެވި ބޭފުޅާއެވެ. އޭނާ ވިދާޅުވީ އަސާންޖް ހިންގާފައިވާ އަމަލުތައް ބަލައިގަންނަނީ ނޫން ކަމަށެވެ.

ވިކިލީކްސްގައި ގައުމުތަކުގެ ސިއްރުތައް ފަޅާއަރުވާލުން އެމެރިކާއިން ހިންގަންފަށާފައިވާ ޝަރީއަތްތަކުން އަސާންޖަށް އިންސާފުލިބޭނެ ކަމުގެ ފުރުސަތު ނެތްކަން ވަރަށް ސާފުކަމަށްވެސް ކޯރިއާ ވިދާޅުވިއެވެ.

އަސާންޖް ހައްޔަރުކުރުމާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ " ވިކިލީކްސް އާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނޭންގެ، އަސާންޖާއި މެދު ކަންތައްތައް ވަމުންދާގޮތް ފެނޭ، އެކަމަކު ހަމަ ހަގީގަތުގައި އެއާއި ގުޅިގެން އަހަރެން ބުނާނެ އެއްޗެއް ނޭންގެ، އޮޕީނިއަންއެއް ނެތް" ކަމަށެވެ.

އަސަންޖާމެދު އަމަލު ކުރާގޮތް ނިންމަނީ އެޓާނީ ޖެނެރަލް ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އެހެންނަމަވެސް 2016 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި ޓްރަމްޕް ވަނީ އަސާންޖގެ މަސައްކަތަށް ތައުރީފު ކުރައްވާ ވިކިލީކްސްއަށް ވަރަށް ބޮޑަށް ތައުރީފުކޮށް ކެމްޕޭން އެއްވުންތަކުގައި ވާހަކަފުޅު ދައްކަވާފައެވެ.