އިންޑިއާއަށް "އެތެރެވެގެން އުޅޭ މީހުން" އެ ގައުމުން ބޭރުކުރާނެ ކަމަށް ބުނެ އެ ގައުމުގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އިސް ވެރިއަކު ވައުދުވުމުން، ގިނަ ބަޔެއްގެ ނުރުހުމާއި ފާޑުކިޔުންތައް އެ ޕާޓީއަށް އަމާޒުވާން ފަށައިފިއެވެ.

"ބުދިސްޓުންނާއި، ހިންދޫން، އަދި ސިކުން ނޫން އެހެން ދީންތައް ގަބޫލްކުރާ މީހުންނަށް އިންޑިއާއިން ޖާގައެއް ނުދޭނަން. އެހެން ހުރިހާ ދީންތަކެއް ގަބޫލްކުރާ މީހުން މި ގައުމުން ބޭރު ކުރާނަން،" ބީޖޭޕީގެ ރައީސް އަމީތް ޝާހް، ކެމްޕެއިން ރެލީއެއްގައި ވާހަކަ ދައްކަމުން ބުންޏެވެ.

މިއީ، އިންޑިއާގައި ދިރިއުޅޭ 150 މިލިއަނަށްވުރެ ގިނަ މުސްލިމުންނަށް އަމާޒުކޮށް ދީފައިވާ ވަރުގަދަ ބަހުގެ ހަމަލާއެއްގެ ގޮތުގައި ގަބޫލްކުރެވެއެވެ.

ބުދިސްޓުންނާއި، ހިންދޫން، އަދި ސިކުން ނޫން އެހެން ދީންތައް ގަބޫލްކުރާ މީހުން އެ ގައުމުން ބޭރުކުރާނީ، "ނެޝަނަލް ރެޖިސްޓްރީ ސިޓިޒެންސް" ގެ ނަން ދީފައިވާ ސިޔާސަތެއް ތަންފީޒުކޮށްގެން ކަމަށް ޝާހް ބުންޏެވެ. އިންޑިއާގެ އައްސާމް ސްޓޭޓްގައި މިދިޔަ އަހަރުގެ ތެރޭގައި މި ސިޔާސަތު ތަންފީޒު ކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. އަދި، އެހެން ހުރިހާ ސްޓޭޓްތަކެއްގައިވެސް މި މަސައްކަތް ފެށުމަށް ޝާހްވަނީ ވައުދުވެފައެވެ.

ނަމަވެސް، މި ސިޔާސަތަކީވެސް ގިނަ ބަޔެއްގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވެފައިވާ ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން، ކޮންމެ ރައްޔިތަކުވެސް އެންއާރްސީގައި ރަޖިސްޓްރީކުރަން ޖެހެއެވެ.

އައްސާމްއަކީ، ބެންގާލީ ބަހުން ވާހަކަދައްކާ އެތައް ސަތޭކަ ހާސް މުސްލިމުންނެއް ދިރިއުޅޭ ސްޓޭޓްއެކެވެ. އަދި، އެންއާރްސީ ތަންފީޒުކުރަން ފެށުމުން، އައްސާމްގައި ދިރިއުޅޭ 4 މިލިއަނަށްވުރެ ގިނަ މުސްލިމުންނަށް، އެ މީހުންގެ ރައްޔިތުކަން ގެއްލެނޭ ކަމަށް ގަބޫލް ކުރެވެއެވެ.

ބީޖޭޕީއަކީ ކުރީއްސުރެވެސް މުސްލިމުންނާއި ދެކޮޅަށް ބަސްބުނުމުގައި ކުރީ ސަފުގައި އުޅޭ ޕާޓީއެކެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގުޖަރާތް ސްޓޭޓްގެ ޗީފް މިނިސްޓަރުގެ މަގާމު ފުރުއްވިއިރު ހިނގި ހަމަނުޖެހުންތަކެއްގައި 1000 އަށްވުރެ ގިނަ މުސްލިމުން މަރުވި ހާދިސާގައި، އޭނާއާއި ދެކޮޅަށް ފިޔަވަޅު އަޅާފައި ނުވުންވެސް މިއީ، އިންޑިއާގެ އެތެރެއިންނާއި ބޭރުގެ ފާޑުކިޔުންތައް އަމާޒުވި ކަމެކެވެ.

އަދި، 2014 ވަނަ އަހަރު އޭނާ އިންޑިއާގެ ބޮޑުވަޒީރުގެ މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު، ބީޖޭޕީގެ އިސް ލީޑަރުންގެ ފަރާތުން މުސްލިމުންނާއި ދެކޮޅަށް ދޭ ބަހުގެ ހަމަލާތައް އިތުރުވެފައިވާކަން ފާހަގަވެއެވެ.

މީގެ އިތުރުން، ބީޖޭޕީގެ މިފަދަ ބަހުގެ ހަމަލާތަކާއި ދެކޮޅަށް ބަސްބުނާ ފަރާތްތަކަކީ "ގައުމާއި ދެކޮޅު" ބައެއްގެ ގޮތުގައި ބީޖޭޕީން ދެކެއެވެ. އަދި، އެއީ "ޕާކިސްތާނަށް ވާގިވެރިވާ" ބައެއްގެ ގޮތުގައި ގަބޫލްކުރެއެވެ. ބީޖޭޕީގެ މި ސިޔާސަތަށް ފާޑުކިޔަމުން ނޫސްވެރިއެއް އަދި "އަރލީ އިންޑިއަންސް" ކިޔާ ފޮތުގެ ލިޔުންތެރިޔާ ޓޯނީ ޖޯސެފް ބުނީ، އެ ޕާޓީއަކީ "ނާޒީ" ސިޔާސަތުތަކަށް ތާއީދުކުރާ ޕާޓީއެއް ކަމަށެވެ.

ބީޖޭޕީގެ މި ސިޔާސަތަށް އިންޑިއާގެ އިދިކޮޅު ފަރާތްތަކުންވެސް ވަނީ ބަހުގެ ހަމަލާތައް އަމާޒުކޮށްފައެވެ. އާމް އާދްމީ ޕާޓީގެ ތަރުޖަމާނު ޕްރީތީ ޝަރްމާ މެނަން ބުނީ، "ބީޖޭޕީއިން މަސައްކަތް ކުރަނީ އިންޑިއާގެ އާބާދީގެ ބޮޑު ބަޔަކާއި ދެކޮޅަށް ފިޔަވަޅު އަޅަން" ކަމަށެވެ. އަދި، ބީޖޭޕީން ފަހަރުގައި "ގަތުލުއާންމެއް" ހިންގައިގެން މުސްލިމުންގެ އާބާދީ ނެތިކޮށްލަން ރާވަމުން ގޮސްދާނެ ކަމަށްވެސް އޭނާ ސިފަކުރިއެވެ.

ކޮންގްރެސް ޕާޓީއިންވެސް ޝާހްގެ މި ބަސްތަކަށްވަނީ ރައްދު ދީފައެވެ. "މިއީ ބީޖޭޕީއިން ބޭނުންވާ އިންޑިއާއަކީ. އެއްވެސް އެއްބައިވަންތަކެއް ނެތް، އެއްބަނޑުއެއްބަފާ ކަމެއް ނެތް ގައުމެއް އެ ޕާޓިން ބޭނުންވަނީ. ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ނުހިތާނެ ކަމަށާއި، ގައުމު ބައިބައިކޮށްލުމުގައި ފަހަތަށް ނުޖެހޭނެކަން ފާޅުގައި ހާމަކުރަމުން އެދަނީ. މި ފަދަ ހަތުރުވެރިކަމުން މި ގައުމު ސަލާމަތް ކުރަންޖެހޭ،" ކޮންގްރެސް ޕާޓީއިން ކުރި ޓްވީޓެއްގައި ބުނެފައިވެެއެވެ.