އެމެރިކާގެ "ސްޓޭޓް ސްޕޮންސަރސް އޮފް ޓެރަރިޒަމް" ގެ ލިސްޓުގައި ސޫދާނު އޮންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެއާއި ސޫދާނަށް ވަނީ އިގްތިސޯދީ ގޮތުން އަރައި ނުގަނެވި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށަށްގޮސްފަ އެވެ. ދުނިޔޭގެ ނިސްބަތުން ފަގީރުން ގިން ސޫދާނާއި، މުއާމަލާތްތައް ހިންގުމަށް ދުނިޔޭގެ ބޭންކުތަކުން ދަނީ ފަސްޖެހެމުންނެވެ. ސޫދާންގެ ރައްޔިތުން ދެކޭގޮތުގައި އެ ގައުމު ކުރިއަރައިނުގޮސް ހުދު މުހުރާރުވެރިކަމެއް ހިންގަމުންދާއިރު އޭގެ ފަހަތުގައި ހުންނެވީ 30 އަހަރަށްވުރެ ދިގުމުއްދަތެއްގެ ވެރިކަމެއް ދަހަމައްޓަމުން ގެންދަވާ ރައީސް އުމަރު ހަސަން އަހްމަދު އަލްބަޝީރު އެވެ.

ސޫދާންގެ 43 މިލިއަނެއްހާ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި އެ ގައުމުގައި ހުސްވި އަހަރުގެ ޑިސެންބަރުން ފެށިގެން ދަނީ ސަރުކާރާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. އެ މުޒާހަރާތައް ހުއްޓުމަކަށް ނައިސް އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، ދިގު 30 އަހަރުގެ ވެރިކަމެއް ދަމަހައްޓަވަމުން ގެންދެވި އުމަރު އަލް ބަޝީރަށް މިވަނީ ވެރިކަމުން ދުރަށްވަޑައިގަންނަވަން ޖެހިފައެވެ.

ޚުދުމުހުތާރު ވެރިކަމާއި ދެކޮޅަށް ރައްޔިތުން ނިކުމެ އަޑުއުފުލަން ފެށުމުގެ ނަތީޖާއަކަށް ވެގެންދިއައީ އެ ގައުމުގެ ސިފައިންވެސް ރައްޔިތުންނާއި ގުޅި، ބަޝީރުގެ ވެރިކަން ބަދަލުކުރުމަށް މަޖުބޫރުވުމެވެ.

އެތައް މަސް ދުވަހަށް ދިގުދެމިގެންދިޔަ މުޒާހަރާތަކަށްފަހު ސޫދާންގެ މިލިޓަރީ ރައްޔިތުންނާއި އެއްކޮޅަށް އަރައި އެގައުމުގެ ވެރިކަން މިވަނީ ގާތްގަނޑަކަށް ވައްޓާލާފައެވެ. އެގޮތުން އެ ގައުމުގެ ރައީސް ހައްޔަރުކޮށް ރައްކާތެރި ތަނެއްގައި ބަހައްޓާފައިވާ ކަމާއި، ކުރިއަށްއޮތް 3 މަސް ދުވަހު އެ ގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އަދި ގައުމުގައި ވައިގެދަތުރުގެ އުދުހުން މަނާކޮށް ޤާނޫނުއަސާސީ ހުއްޓުމަކަށް ގެނެސްފައެވެ. އަދި މިވަގުތު ވެރިކަމުގެ ބާރުތައް ނަގާފައިވަނީ އަސްކަރިއްޔާއިންނެވެ.