ތ. އަތޮޅު ކަނޑުދޫގައި މިއަހަރުގެ ރަމަޟާން މަހަށް ހައްދާ މިރުހުގެ އަގު އެހެން އަހަރުތަކާ އަޅާ ބަލާއިރު ދެގުނަ ބޮޑުވާނެ ކަމަށް ކަނޑޫދޫ ކައުންސިލުން ބުނެފި އެވެ.

ތ. އަތޮޅު ކަނޑޫދޫ މިރުހަކީ ކޮންމެ އަހަރަކު ރަމަޟާން މަހު ބާޒާރުގައި އެންމެ އަގު އަރައިގެންދާ ރާއްޖޭގެ އެއް އުފެއްދުމެވެ. އެގޮތުން މިދިޔަ އަހަރު ރަމަޟާން މަހުގައިވެސް ކަނޑޫދޫ މިރުހުގެ އަގުވަނީ 350 ކިލޯ އާއި 450 ކިލޯ އާއި ދެމެދު އަގުތަކަކަށް އުފުލިފަ އެވެ.

ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ކަނޑޫދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނަވާޒު ވިދާޅުވީ އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ކަނޑޫދޫ މިރުހުގެ އަގު ދެގުނަ އުފުލޭނެ ކަމަށެވެ. ސަބަަބަކީ ހޫނުގަދަވުމުގެ ސަބަބުން ދަނޑުވެރިންނަށް މިރުސް ހެއްދުމަށް ދަތިތަކަކާއި ކުރިމަތިލާން ޖެހުން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް މިރުސް ނުހެއްދޭނެ ކަމަށެވެ.

"ހޫނުގަދަ ދުވަސްވަރަކާ ދިމާވެފައި މިއޮތީ. މިރުހަކީ ވަރަށް ނާޒުކު އެއްޗެއް. ވަރަށް ބަލައިގެން މިރުސް ހެއްދޭނި ދަނޑުތަކުގައި މިރުސް ހައްދަނީ މިހާރުވެސް ގަސްތަކުގެ މަތިން ނެޓް ދަމައިގެން މިވަރުންވެސް، މިފަހަރު އެޅި ގިނަ މާތަށްވެސް ވަދަށްވެ ހުސްވީ. އެހެނަމަވެސް ދެން ކޮންމެސް ވަރަކަށް ހެޔޮވޭ. ބެލެވެނީ މިދިޔަ އަހަަރަށް ވުރެން މި އަހަރު މިރުހުގެ އަގު ޑަބަލް އުފުލޭނެ ކަމަށް،" ނަވާޒު ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ ކޮންމެ އަހަރަކުވެސް ކަނޑޫދޫއިން ރަމަޟާން މަހަށް ޚާއްސަކޮށް މިރުސް ހައްދާ ކަމަށާއި އެހެންނަމަވެސް މިރުހަށް އޮންނަ ޑިމާންޑު ބޮޑު ބޮޑުކަމުން ކަނޑޫދޫ މިރުހުގެ އަގު ބޮޑުވަނީ ކަމަށެވެ. އަދި މިދިޔަ އަހަރު ބާޒާރުގައި 400 އަށް ވުރެ މައްޗަށް މިރުސް ކިލޯއެއްގެ އަގުއެރި ކަމަށާއި މިއަހަރު ބާޒާރުން މިރުސް ކިލޯއެއް ގަންނަން ލިބޭނީ 600 އާއި 800 ދެމެދުގެ އަގުތަކެއްގައި ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ނަވާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޫނުގެ އަސަރު މިރުސް ގަސްތަކަށް ކުރާ މިންވަރު ދަށްކުރުމަށް ގަސްތަކުގެ މަތިން އިތުރު ނެޓެއް ދެމުމަކީ ގަސްތައް ބޮޑެތިވެފައި ހުރުމުން ކުރަން ދަތި ކަމެއް ކަމަށެވެ. އެހެންނަމަވެސް ހުރިހާ ދަނޑުވެރިންވެސް ހޫނުން ގަސްތަކަށް ކުރާ އަސަރު ކުޑަކުރުމަށް ފެންޖަހާ ކަމަށްވެސް ވިދާޅުވި އެވެ.

ނަވާޒު އިތުރަށް ވިދާޅުވީ ވާރޭނުވެހޭތާ ދެމަހަށްވުރެ ގިނަވެފައިވުމުން ދަނޑުވެރިކަން ކުރުމުގައި ދަނޑުވެރިންނަށް ދަތިތައް ހުރި ކަމަށެވެ.

އާބާދީގައި 670 މީހުން ދިރިއުޅޭ ކަނޑޫދޫ އަކީ ރާއްޖޭގައި މިރުސް ހެއްދުމަށް މަޝްހޫރު ރަށެކެވެ. އަދި އެރަށުގެ ބޮޑުމިނުގައި 78 ހެކްޓަރު ހުންނައިރު ދަނޑުވެރިކަން ކުރުމަށް 200 ދަނޑު ދޫކޮށްފައިވާ ކަމަށާއި ނަމަވެސް ދަނޑުތައް ދޫކޮށްފައިވާނީ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ދުރުން ކަމަށް ކައުންސިލް އިދާރާއިން ވަނީ މައުލޫމާތު ދީފަ އެެވެ. އެގޮތަށް އަމަލުކޮށްފައިވާނީ ދަނޑުތަކުން ޖަހާ ކެމިކަލުން ރައްޔިތުންނަށް ކުރިމަތި ވެދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށް ކަމަށްވެސް ކައުންސިލުން ވަނީ ބުނެފަ އެެވެ.