ދިވެހި ރައްޔިތުން ވޯޓު އަޅަނީ ވަކި ޕާޓީއަކަށްތޯ ނުވަތަ އިންތިޚާބުގައި ވާދަކުރާ މީހާއަށްތޯ މިއީ ވަރަށް ދިގުކޮށް ބަހުސު ކުރެވިދާނެ ސުވާލެކެވެ. އަދި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން އެޅި ވޯޓު، ޕާޓީ ތަކަށް ހިސާބުކޮށްލާ ނަމަ އެމްޑީޕީން 65 ގޮނޑި ކާމިޔާބުކުރީ 96،347 ވޯޓުންނެވެ. އެހެންނަމަވެސް 2013 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ނަޝީދު ގަތްގަނޑަކަށް 105،000 ވޯޓު ހޯއްދެވި އެވެ. މި ދެ ނަތީޖާގެ ތަފާތަކީ ދައުލަތުގެ ހުރިހާ ބާރެއް ރައްޔިތުން އެމްޑީޕީއަށް ދިން ކަމަށް ބުނުން ކަހަލަ ކަމެކެވެ. ގައުމުގެ ރިޔާސަތަށް ރައީސް ނަޝީދަށް ނާދެވުނު އަދަދަށް ވުރެ މަދު އަދަދުގެ ވޯޓުން މުޅި ދައުލަތުގެ ހުރިހާ ބާރެއް އެމްޑީޕީއަށް ލިބުނީ އެވެ. ރައީސް ބަދަލު ކުރެވިދާނެ، ޤާނޫނު އަސާސީ، ފަނޑިޔާރުން، އަދި ހުރިހާ މުއްސަސާއެއްވެސް މަޖިލީހުގެ ނަތީޖާ އިން ބަދަލުކުރެވިދާނެ އެވެ. އެމްޑީޕީ ނޫން އެހެން ޕާޓީތަކާއި އަމިއްލަ ކެންޑިޑޭޓުންނަށް ލިބުނު ވޯޓަކީ 108،627 އެވެ. މިއަދަދުން އަދާލަތާއި އެމްއާރްއެމް އުނިކުރުމުންވެސް 99،081 ވޯޓުވެ އެވެ. އެމްޑީޕީއަށް ލިބުނު ޖުމްލަ ވޯޓަށް ވުރެ ގިނައިން އެހެން ފަރާތްތަކަށް ލިބިމުންވެސް، އެވޯޓުގެ އަދަދުގައި ބާރުނެތްއިރު، ބަރުލަމާނީ ނިޒާމެއް މުހިންމުތޯ އެވެ؟

ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަންޖެހޭ

ބާރުތައްވަކިވެފައިވާ ނިޒާމެކޭ ބުނުމުން އެއީ ޕާޓީ ނިޒާމެއް ނޫނޭ ހީވަނީ ކީއްވެބާ އެވެ. މިއަދު ގައުމުގައި އެންމެންނަކީވެސް ކޮންމެވެސް ޕާޓީއަކަށް ވޯޓުލާ މީހުންނެވެ. ސިފައިިން ކަމަށްވިޔަސް، ފަނޑިޔާރުންކަމަށް ވިޔަސް، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ކަމުގައިވިޔަސް ވޯޓުލުމުގެ ހައްގަކީ ކޮންމެ ރައްޔިތެއްގެ ހައްގަކަށް ވާއިރު، ތާއީދުކުރާ ސިޔާސީ ފަރާތްތަކާއި ޕާޓީތައް އެންމެންގެވެސް ހުންނާނެ އެވެ. އެމްޑީޕީގެ ފިކުރާ ގަޔާވާ ފަނޑިޔާރަކާއި، ޕީއެންސީގެ ލީޑަރަށް ތާއީދުކުރާ ސިފައިންގެ ވެރީންނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރަށް ވޯޓުލާ ފުލުހުން މި މަލްޓި ޕާޓީ ނިޒާމުގައި ތިބުމަކީ ތިންބާރު މަސްހުނިވުން ކަމުގައި ނުވިނަމަވެސް، މިހުރިހާ އެންމެންގެ މަގާމުގެ ކުރިއެރުން އަދި އައްޔަނުކުރުމާއި ވަކިކުރުން ގުޅެނީ މަޖިލީހުގެ މެޖޯރިޓީ ހޯދާ ޕާޓީއަކާ ކަމަށް ވަނީނަމަ، އެބުނާ ތިންބާރު ވަކި ނުވަނީ ނޫން ހެއްޔެވެ.

ބުއްދީގެ ހަމައިން ބަލާއިރު، މިސާލަކަށް ފަނޑިޔާރުން އައްޔަނު ކުރާ ބަޔަކަށް އެމީހުން ވަކި ކުރުމުގެ ބާރުނެތުމުން ނޫނީ، ހަގީގަތުގައި ބާރުތައް ވަކިވީ ކަމަކަށް ނުބެލެވެ އެވެ. އަޅުގަނޑުގެ ނަޒަރުގައި ފަނޑިޔާރުކަމުން ވަކި ކުރެވެންވާނީ ފަނޑިޔާރުކަމުގެ ޝަރުތު ގެއްލިއްޖެ ކަމަށް ބަލައި، ވަކި މުއްސަސާއަކުންނެވެ. މިސާލަކަށް ރައީސް އަށް އައްޔަނު ކުރުުމުގެ ބާރު ދޭނަމަ، ވަކި ކުރުން އޮންނަން ވާނީ ރައްޔިތުންގެ މަޖީހުގެ އަތްމަތީގަ އެވެ. އެއްވެސް ކޮމިޓީއަކުން ބަލައި ތަހުގީގުކޮށް ނިންމުމަށްފަހު، ބުހުސްކުރެވި ވޯޓަށް އަހައިގެންނެވެ. އެހެންނަމަވެސް ކެބިނެޓްގެ ވަޒީރުންނަކީ އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ބޭނުންފުޅު އިރެއްގައި އައްޔަނުކޮށް ވަކިކުރުން، ރައްޔިތުންގެ މަޖިލީހާ ނުބައްސާ ކުރެވެންޖެހޭނޭ ކަމެކެވެ.