އަހަރެން ބޭނުންވީ ދަރިފުޅު މޮޅުކުއްޖަކަށް ހަދާށެވެ. ގައުމުދެކެ ލޯބިވާ، ގައުމަށް ޚިދުމަތްކުރާ ކުއްޖެއްގެ ގޮތުގައި ދަރިފުޅު ބޮޑުކުރާށެވެ. އެކަން ކުރުމަށް އަހަރެންނަށް ވިސްނުނު އެންމެ މޮޅު ގޮތަކީ ކިޔަވައި ދިނުމެވެ. އަހަރެން އެންމެ ބޮޑަށް ސަމާލުކަން ދިނީ އެކަމަށެވެ. ކިޔެވުމަކީ އެންމެ މުހިންމު ކަންތައްކަމުގައި ދަރިފުޅަށް ވިސްނައި ދިނީމެވެ. އެހެން ހަރަކާތްތަކުގައި ބައިވެރިވާންވާނީ ކިޔެވުމަށް ބުރޫ ނާރާގޮތަށް ކަމަށްވެސް ބުނީމެވެ.

ދަރިފުޅުގެ ތަޢުލީމީ ދައުރުގައި ތަފާތު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެ ދަރިފުޅަށް ލިބުނެވެ. ނަމަވެސް ގިނަކަންކަމަށް ބުނަން ޖެހުނީ ނޫނެކެވެ. އެއީ ކިޔެވުން ދަށްވެ، އިމްތިހާނުތަކަށް އަސަރު ކޮށްފާނެކަމަށްޓަކައެވެ. ކިޔެވުމަށްވުރެ ބޮޑަށް އެހެން ކަންކަމަށް ދަރިފުޅުގެ ހިތްޖެހިދާނެ ކަމަށްޓަކައެވެ. އެ ފިކުރުގެ ތެރެއިން އަހަރެންނަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދޭތެރެ ދޭތެރެއިން އޮންނަ ދިވެހި ހަރަކާތްތަކެވެ. އެ ހަރަކާތްތަކުގައި ދަރިފުޅު ބައިވެރިވާން އުޅޭއުޅުމެވެ. ކިތަންމެ ވަރަކަށް ބުނި ނަމަވެސް އަދަބީ ކަންކަމަށް އޭނާ ހުންނަ ފޯރިއެވެ. އެންމެ ފަހުން އެ ކަންތައް ބޮޑުވެގެން އަދަބީ ކަންކަމުގައި ދަރިފުޅު ބައިވެރިވުން އަހަރެން މަނާކުރީމެވެ.

"މީގެފަހުން އަދަބީ އެއްވެސް ކަމެއްގައި ދަރިފުޅު ބައިވެރިވާނެކަމަށް ނެތް. ކިޔެވުމާ ގުޅޭ ކަންކަމުގައި ބައިވެރިވާނީ. އަބަދު ސްކޫލަށް ގޮސް އަދަބީ ކަންކަމަށް ވަގުތު ދުއްވާލާނަމަ އޮންނާނީ ނުކިޔެވިފައި. މިއަދު ނުކިޔަވާ މާދަމާ މޮޅު މީހަކަށް ނުވެވޭނެ. އެއީ އެންމެ މުހިންމުކަންތައް. ތިޔަ އަދަބީ ކަންކަމަށް ގޮސްގެން ވާނެ މޮޅެއް ނޯންނާނެ" އިނގރޭސި ބަހުން އަހަރެން ވިސްނައިދިނީ ދަރިފުޅަށެވެ. ދޮވެލީ ދަރިފުޅުގެ ބޮލެވެ. އަހަރެންގެ ވާހަކަތައް އަޑުއަހަން އަންހެނުން ރަޒިއްޔާވެސް ހުއްޓެވެ. ތުން ފިއްތައިގެން ރަޒިއްޔާއަށް ހުރެވުނީ އިރުކޮޅަކުއެވެ. އެތަނުން ދަރިފުޅު ހަމަ ދިއުމާއެކު ރަޒިއްޔާ ފެއްޓިއެވެ.

"ކީއްވެތަ ތިހާ ވަރަކުން އެ ކަންކަމުން ދަރިފުޅު ތިޔަ ދުރުކުރުވަނީ؟ ބަލަ އެފަދަ އަދަބީ ކަންކަމުން ދަރިންނަށް ވަނީ ފައިދާކަން ފަހުދަށްވެސް އެނގޭނެ. ފަހުދުވެސް ކިޔެވީ އެފަދަ ކަންކަމުގައި ބައިވެރިވަމުންނެއްނު" އަހަރެން ކަންތައް ކުރިގޮތާމެދު ހިތްހަމަ ނުޖެހިގެން ރަޒިއްޔާ ޝަކުވާކުރިއެވެ.

"ތިޔަބުނީ ތެދެއް. އެކަމަކު އަހަރެންނަށް މަތީ ތަޢުލީމަށް ނުދެވުނީ ތިބުނާ އަދަބީ ކަންކަމުގައި ތެޅެން އުޅެންހަދާ. އެއީ ކުއްޖާ މޮޔަކޮށްލާ ކަމެއް. އެކަންކަމުގައި އުޅޭނަމަ އެތައް ވަގުތެއް އެކަމަށް ހޭދަވާނެ. ކިޔެވުމަށްވުރެ އިސްކަންދެވޭނީ އެކަންކަމަށް. އެއީ ފާޑެއްގެ ދެވި ހިފުމެއް. އަހަރެން ބޭނުމެއް ނޫން އެސޮރުގެ ކިޔެވުން ހަލާކުކުރާކަށް" އަހަރެން ޖަވާބު ދިނީ އަހަރެންގެ ތަޖުރިބާއިންނެވެ.

"އެކަމަކު އެސޮރު އެންމެ އުޅޭ ހިތްވާ ހަރަކާތަކީ އަދަބީ ހަރަކާތްތައް. އެކަންކަން ތި ހުއްޓުވާލަނީ. ތިހެން ހެދީމާ އެސޮރު ކިޔެވުން މަތިންވެސް ފޫހިވެދާނެއްނު" ރަޒިއްޔާ ވިސްނީ ދަރިފުޅަށް ވެދާނެ ގޮތެކެވެ. ކިޔެވުމަށް ކޮށްފާނެ އަސަރަކާމެދުއެވެ. އެކަމާ އަހަރެންވެސް ވިސްނީމެވެ. ދަރިފުޅަށް އަތުވެދާނެ ބަދަލުތަކާމެދު ފިކުރު ކުރީމެވެ.

"އަހަރެންނަށް ގަބޫލުކުރެވެނީ ދިވެހި އަދަބީ ހަރަކާތްތަކުގައި ބައިވެރިވުމުގެ މާނައެއް ނެތްކަމަށް. އެ ކަންކަމުގައި މުސްތަގުބަލެއް ނެތްކަމަށް. އަހަރެން ބޭނުންވަނީ އިނގިރޭސި ބަހަށް ފަރިތަ މޮޅު ކުއްޖަކަށް ދަރިފުޅު ހަދަން. އިނގިރޭސި ބަހުން ދަރިފުޅާ މި ވާހަކަދައްކަނީ ވެސް އެހެންވެ" އަހަރެންގެ ވިސްނުން ހުރި ގޮތް ރަޒިއްޔާއަށް ބުނެދިނީމެވެ.

"މަށަށް ހީވަނީ ދަރިފުޅު އަދި އަދަބީ ހަރަކާތްތަކުގައި ބައިވެރި ކުރިޔަސް ކިޔެވުމަށް ކުރާނެ އަސަރެއް ނޯންނާނެ ހެން. ގައިމު ހަބީބައްތަގޭ މުހައްމަދުވެސް އެއުޅެނީ އަދަބީ ކަންކަމުގައި. ކިޔަވަން ނުލާހިކު މޮޅު. އަނެއްކާ ގައުމީ މުބާރާތްތަކުން ވަނަތައް ވެސް ހޯދާ. މިހާރު ސްކޫލު ކެޕްޓަނަކަށް ވެސް އެ ހުރީ އެސޮރު. ވާހަކަދައްކާށާއި މަޒުމޫނު ލިޔަން ވެސް ވަރަށް މޮޅޭ ބުނާތީ އިވޭ. އެހެންވީމާ ކޮބާ މައްސަލައަކީ؟" ރަޒިއްޔާ ދިފާޢުކުރީ އޭނާގެ ވިސްނުމެވެ.

"މައްސަލައަކީ...... މައްސަލައަކީ އެފަދަ ތަންތަނަށް ގޮސްގެން އުޅެން ޖެހޭ ގޮތް. ހޭދަކުރަންޖެހޭ ވަގުތު. އަހަރެންގެ ވާހަކައަކީ އެ ވަގުތުތައް އެކަންކަމަށް ދުއްވާލުމަށްވުރެ ކިޔެވުމުގައި ވަގުތު ހޭދަކުރުން މާރަނގަޅޭ. ދަރިފުޅުގެ މުސްތަގުބަލަށް މާ ފައިދާކުރާނޭ" އަހަރެންވެސް ދުލެއް ނުކުރަމެވެ. އަހަރެން ހިފެހެއްޓީ އަހަރެންގެ ގޮތުގައެވެ.

ދަރިފުޅުގެ ސާނަވީ ތައުލީމީ ދައުރު ނިންމާލީ އަހަރެން އެންމެ ބޭނުންވި ނަތީޖާއާ އެކުގައެއް ނޫނެވެ. މައްސަލައަކަށްވީ ދިވެއްސެވެ. އެއިން އޭއެއް ނުލިބުމުވެ. އެންމެ މޮޅު ދަރިވަރުންގެ އެއްވަނައިގައި ދަރިފުޅު ނުހިމެނުނީ ދިވެއްސާ ހެދިއެވެ. އެއީ އެތައް ދަރިވަރަކަށް ދިމާވިގޮތެވެ.

"ކޮބާ އެއީ މަ ބުނިތަން. އެއީ ދިވެހި ކަންކަމުން ދުރު ކުރުވީމާ ވީގޮތް" އަންހެނުންގެ ނުރުހުން އަމާޒުވީ އަހަރެންނަށެވެ.

"ތި ދިވެއްސަކާ ހެދި މިހާރު ކުއްޖަކަށް ރަނގަޅު ނަތީޖާއެއް ހޯދާލެވޭކަށް ނޯވޭ. އެސޮރުވެސް ބުނެފި ދެން ދިވެއްސެއް ނުކިޔަވާނަމޯ. އޭލެވެލް ހަދާނީ ވެސް ރާއްޖެއިން ބޭރުންނޯ. އޭރުން ދިވެހި ކިޔަވާކަށް ނުޖެހޭނެޔޯ. އެއީ ވެސް ގޮތެއް. އަހަރެން މި ވިސްނަނީ އެސޮރު ބޭރަށް ފޮނުވަން" އަންހެނުން ދެކޭގޮތް ބަލައިލުމަށް އަހަރެން ހިއްސާކުރީ ދަރިފުޅު ބޭނުންވާ ގޮތެވެ.

"ތިވާހަކަ އެސޮރު މަގާތުގައި ވެސް ބުނެފި. އެސޮރު އެ ހުންނަނީ ދިވެއްސާހެދި ފޫހިވެފައި. އެކަމަކު އެހެންވީ ފަހުދާ ހެދި. ހަމަ ފަހުދު ކަންތައް ކުރިގޮތުން. އެހެން ނޫންނަމަ އެސޮރަކީ ދިވެހި ބަހަށް ވެސް މޮޅު ކުއްޖަކަށް ވީސް" އަންހެނުން ފެށީ އަނެއްކާ ވެސް ހަމަ އެ ވާހަކައެވެ. އަދަބީ ކަންކަމަށް އޭނާ ދުރުކުރި ވާހަކައެވެ.

"ދެން ތި ވާހަކަތައް ހުއްޓާލަ ބަލަ. އެ ދުވަސްތައް އެވަނީ ފާއިތުވެފައި. ދެން އޮތީ އޭލެވެލް. މިހާރު އަހަރެންނަށް ވެސް ވިސްނެނީ ދަރިފުޅު ބޭނުންވާ ގޮތަށް ކަންތައްތައް ކޮށްދެން. އެސޮރު ބޭނުންވާހެން ރާއްޖެއިން ބޭރަށް ފޮނުވަން" އަހަރެންގެ ޚިޔާލު އަހަރެން ފާޅުކުރީމެވެ. އަހަރެން ބޭނުންވީ ދަރިފުޅު ބޭނުންވާ ގޮތަށް ކަންތައްތައް ކޮށްދޭށެވެ.

ދަރިފުޅު ރާއްޖެއިން ބޭރަށް ފޮނުވީމެވެ. ބޭނުން ގައުމެއްގައި ހުރެ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނީމެވެ. ދަރިފުޅު ނިންމީ އިނގިރޭސިވިލާތަށް ދާށެވެ. އެތަނުގައި ހުރެ އޭލެވެލް ހަދާށެވެ.

ދަރިފުޅު އޭލެވެލް ހެދިއެވެ. ޑިގްރީއަށް ކިޔެވިއެވެ. މާސްޓަރސްވެސް ހެދިއެވެ. ދަރިފުޅުގެ މޮޅުކަމަށް އަންހެނުންނާއި އަހަރެން ތަޢުރީފު ކުރީމެވެ. އެ އުފާތަކުގައި ބައިވެރިވީމެވެ.

"ދެން މި ވަގުތަށް ކިޔެވުން ނިންމާލީތަ؟ ކޮން އިރަކުން ޕީއެޗްޑީ ހަދަނީ؟" ދަރިފުޅާ ސުވާލުކުރީ އަންހެނުންނެވެ.

"ދެން ދެތިން އަހަރު ފަހުން އިތުރަށް ކިޔަވާނީ. މިހާރު ކިޔެވިއްޖެއެއްނު" ހިނިތުންވެ އިނދެ ދަރިފުޅު ޖަވާބު ދިނެވެ.

"އެހެންވީމާ ރާއްޖެ ދާންވީ ދޯ؟" އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިނދެ އަންހެނުން އަޅާލީ ދޯއެކެވެ.

"ރާއްޖެއޭ. ކީއްކުރަން؟ އެތަނުގައި އޮންނާނީ ކޮންކަމެއް. އަދިވެސް މަންމަ ތި އުޅެނީ އެއްކަލަ ދިވެހިބަސް ދޫކޮށް ނުލެވިގެން" ދަރިފުޅުގެ ވާހަކަތަކުން އަހަރެންނަށް ލިބުނީ ހައިރާންކަމެވެ.

"ދަރިފުޅު ރާއްޖެއަށް ދާ ޚިޔާލެއް ނުކުރަންތަ؟" ލިބުނު ހައިރާންކަމާއެކު އަހަރެން ސުވާލުކުރީމެވެ.

"މިތަނުގައި ދެން މަސައްކަތް ކުރާނީ. މި ކިޔެވި އެއްޗެއްގެ ބޭނުންވެސް ކުރެވޭނީ މިތަނުގައި އުޅެގެން. އެހެންވީމާ ރާއްޖެ ދިއުމުގެ ވިސްނުމެއް ނެތް. މިހާރުވެސް ދެ ތަނަކުން ވަޒީފާ އެއޮތީ ހަމަޖެހިފައި. އަނެއްކާ މުސާރަ ރާއްޖެއަށް ވުރެ މާ ބޮޑުވާނެ. އުޅެން މާ ފަސޭހަވާނެ. ދިވެހި ބަހުން ވާހަކަދައްކަން އުނދަގޫވެގެން އުޅޭކަށް ނުޖެހޭނެ. ތިޔަ ސިޔާސީ ކަންކަމުން ހަލަބޮލިވެގެން އުޅޭކަށްވެސް ނުޖެހޭނެ" ދަރިފުޅުގެ ވާހަކައިން ހާމަވީ ރާއްޖެއަށް ދެވިފައިވާ ދަރަޖައެވެ.

"ނޫން ދަރިފުޅާ! ދަރިފުޅު ދިރިއުޅެންވާނީ ރާއްޖޭގައި. އެއީ ދަރިފުޅުގެ ގައުމު. އެތަނަށް ޚިދުމަތްކުރާކަށްނު ދަރިފުޅަށް މިހުރިހާ ކަމެއް މި ކޮށްދިނީ" ރަޒިއްޔާ ބުނީ އަހަރެން ވެސް ބުނަން ބޭނުންވި ވާހަކައެވެ.

"މިއީ ބައްޕަ ބޭނުންވި ގޮތް. އަހަރެން މޮޅުވުން، އެކަން ފުރިހަމަ ވެއްޖެ. އަހަރެންނަށް ވިސްނެނީ މި މޮޅުކަން ދައްކާކަށް ރާއްޖެ ކޮންމެހެން މުހިންމެއް ނޫނޭ. މިކަން ދެއްކޭނީ މިތަނުގައި ހުރެއޭ. އެހެންވީމާ އަހަރެން އުޅޭނީ މިތަނުގައި. ދިރިއުޅެންވެސް ވިސްނަނީ މި ތަނުގައި. ރާއްޖެއަކީ ފޫހިތަނެއް. ޗުއްޓީ ހޭދަކޮށްލަން ދާން ރަނގަޅު ތަނެއް" ދަރިފުޅު ވާހަކަތަކުން އަހަރެންނަށް ލައްކަ އަސަރުކުރިއެވެ. ބަސްހުއްޓި ގޮތް ހުސްވިއެވެ.

"ފަހުދޫ....ފަހުދޫ......" އަންހެނުން އައިސް ވަނީ ކޮޓަރިއަށެވެ. ޚިޔާލުގެ މާޒީން އަހަރެންނަށް ނުކުމެވުނީ އެ އަޑަށެވެ.

"އަދިވެސް ތިޔަ ވިސްނަނީ އެކަމާތަ؟" އަންހެނުން ސުވާލުކުރިއެވެ.

"ދެން ވިސްނޭނީ އެކަމަކާނު. ދަރިފުޅުގެ ވިސްނުން ހުރިގޮތް އެނގިއްޖެ. އޭނާ ރާއްޖެދާނެ ހެނެއް ހިއެއްނުވޭ" އަހަރެންނަށް ބުނެވުނެވެ.

"ތިހެން ވެދާނެތީ އޭރުވެސް އަހަރެން ވާހަކަދެއްކީ. އެކަމަކު އެދުވަހު ފަހުދަށް ވިސްނުނީ އަހަރެންގެ ވިސްނުން ކޮށިކަމަށް. މިހާރު އެނގިއްޖެއެއްނު. ގަބޫލުކުރެވިއްޖެއެއްނު. މިހުރިހާ ކަމެއްވެސް މިވީ ހަމަ ފަހުދާ ހެދި" އަންހެނުން ދެއްކި ވާހަކަތައް އަހަރެން ގަބޫލުކުރީމެވެ. ލޮލުން ބޮލުން ބަލައިގަތީމެވެ. މައްސަލައަކީ އަހަރެންނެވެ. އަހަރެންގެ ވިސްނުމެވެ. އަމިއްލަ ބަހާ ދަރިފުޅު ދުރުކުރުވި ކުރުވުމެވެ. ވީކަމެއް އެވީ އެކަމާހެދިއެވެ.

(ނިމުނީ)