އަލްއަޒްހަރު ޔުނިވާސިޓީން އަރަބިއްޔާ ސްކޫލަށް ފޮނުވުމަށް ހަމަޖެހިފައިވާ އިތުރު 18 ޓީޗަރުން އަންނަ ބުދަ ދުވަހު މާލެ އަންނާނެ ކަމަށް އެ ސްކޫލުން މިއަދު ބުނެފި އެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް ވިދާޅުވީ އަލްއަޒްހަރު ޔުނިވާސިޓީން ޓީޗަރުން ފޮނުވުމުގެ ހުރިހާ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި އަންނަ ބުދަ ދުވަހު ޓީޗަރުން ރާއްޖެ އަންނާނެ ކަން އަންގާފައިވާ ކަމަށެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ޓީޗަރުންގެ ވަޒީފާއާ ބެހޭ ހުރިހާ ލިޔެކިޔުންތައް ލިބި، ޓިކެޓާއި ވިސާގެ ކަންކަން ވެސް މިހާރު ވަނީ ހަމަޖެހިފަ އެވެ.

އަރަބިއްޔާ ސްކޫލްގައި 22 ޓީޗަރުންނާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަން ނިންމި ނަމަވެސް ދިރާސީ އާ އަހަރުގެ ކިޔަވަަން ފެށިއިރު އަރަބިއްޔާ ސްކޫލަށް އަޒްހަރު ޔުނިޔާވިސިޓީން ފޮނުވާފައި ވަނީ އެންމެ 4 ޓީޗަރުންނެވެ. އެހެންކަމުން ކުދިންނަށް ކިޔަވައިދިނުމުގެ ކަންކަން ހަމަޖައްސަމުން ގެންދަނީ ވަގުތީ ޓީޗަރުން ބޭނުންކޮށްގެންނެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު ވެސް ސްކޫލަށް ބޭނުންވާ ޓީޗަރުން ހަމަނުވުމުން ސްކޫލްގެ ބައެއް ބެލެނިވެރިން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖު ވެސް ކޮށްފަ އެވެ.

ދިވެހި ސަރުކާރާއި މިސްރުގެ ސަރުކާރާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އަރަބިއްޔާ ސްކޫލަށް ޓީޗަރުން ހަމަޖައްސަނީ އަޒްހަރް ޔުނިވާސިޓީންނެވެ. ޓީޗަރުންނަށް މުސާރަ ވެސް ހަމަޖައްސަނީ އަޒްހަރް ޔުނިވާސިޓިންނެވެ. މީގެ އިތުރުން އަރަބިއްޔާ ސްކޫލްގައި ކިޔަވައިދެމުން ދަނީ މިސްރުގެ އަލްއަޒްހަރް ޔުނިވާސިޓީން ކަނޑައަޅާފައިވާ މުޤައްރަރަކަށެވެ.