ފަރާ ޚާންއާއި ރޯހިތު ޝެޓީ ގުޅިގެން ފިލްމެއް ހަދަން އުޅޭވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ކުރިން ރިޕޯޓްކޮށްފައިވަނީ ރޯހިތު ޕްރޮޑިއުސް ކުރާ މި ފިލްމު ޑައިރެކްޓް ކުރާނީ ފަރާ ކަމަށެވެ.

މިހާރު ރިޕޯޓްތައް ބުނަމުން ދަނީ މި ފިލްމު ވާނީ 1982 ވަނަ އަހަރު ރިލީޒްކުރި އަމިތާބް ބައްޗަން އަދި ހެމާ މާލިނީގެ ކާމިޔާބު ފިލްމު ސައްތޭ ޕެ ސައްތާގެ ރީމޭކަކަށް ކަމަށެވެ.

ޗަލްތީ ކާ ނާމް ގާޅީ އަދި ހަމްގެ ރީމޭކެއް ހަދަންވެސް ފަރާ ވިސްނަމުންދާ ކަމަށް ބައެއް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

ފިލްމާބެހޭ ގޮތުން އަދި ރަސްމީ ގޮތެއްގައި ރޯހިތުވެސް ފަރާވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެހެންނަމަވެސް މި ފިލްމުން އެކްޓަރު ރަންވީރް ސިންގް އަދި މިދިޔަ އަހަރުގެ ދުނިޔޭގެ ރީތީގެ ރާނީ ނުވަތަ "މިސް ވޯލްޑް" މާނުޝީ ޗިއްލަރް ލީޑް ރޯލުތަކުން ފެނިގެންދާނެ ކަމަށްވެސް މިދިޔަ ހަފްތާ ތެރޭ އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރި އެވެ.

ފަރާއާއި ރޯހިތު ވަނީ މީގެ އަހަރުތަކެއް ކުރިން އެކީގައި މަސައްކަތްކޮށްފަ އެވެ. ރޯހިތު ޑައިރެކްޓްކުރި ފިލްމު ދިލްވާލޭގެ މަޝްހޫރު ލަވަ "ގޭރުއާ" ކޮރިއޮގްރާފްކުރީ ފަރާ އެވެ.