ނަފްސާނީ އެކި އެކި ބަލި ތަހަައްމަލުކުރަމުންދާ ފަރާތްތަކުން އެމީހުންގެ އުދާސްތަކާއި ތަހައްމަލު ކުރަމުންދާ ކަންކަން އެހެން މީހުންނާ ހިއްސާކުރުމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެދިވަޑައިގެންފި އެވެ.

"ނަފްސާނީ ދުޅަހެޔޮ ރާއްޖެ"ގެ ނަމުގައި މިއަދު ފެށި ޕްރޮގްރާމު އިފްތިތާހުކުރުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ނަފްސާނީ ބަލިމަޑުކަމަކީ ހުރިހާ މުޖުތަމައެއްގެ، ހުރިހާ ފަންތިއެއްގެ މިހުންނަށްވެސް ކުރިމަތިވާ ކަމެއް ކަމަށެވެ. އެހެންކަމުން ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް އެހެން މީހުންނާ ހިއްސާކުރުމަކީ މުހިއްމު ކަމެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް މުޖުތަމައުގައި މިފަދަ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މީހަކު "ކިހިނެއް" ހޭ އަހައިފިނަމަ "ރަނގަޅޭ" ބުނުމުގެ މައްސަލަ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހާހިސާބުން މައްސަލައަށް ވާހަކަ ދެއްކުމުގެ ފުރުސަތު އެހީވާން ބޭނުންވާ މީހާއަށް ލިބިގެން ނުދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން ނަފްސާނީ ބަލި މީހެއްގެ ކައިރީގައި ކިހިނެއްހޭ އަހާލައިފިނަމަ އެސުވާލުގެ ޖަވާބުގައި ހަމައެކަނި ރަނގަޅޭ ބުނުމުގެ ބަދަލުގައި ކަންކަން ސާފުކޮށްދޭ ވަރަށް ޖަވާބު ދިނުމާ މެދު ބަލި ތަހައްމަލުކުރަމުންދާ ފަރާތްތައް ހޭލުންތެރިކުރުވަން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.