އެސްޓީއޯ އިން ރަމަޟާން މަހަށް ހާއްސަކޮށްގެން އެހެން އަހަރު ތަކެކޭވެސް އެއްގޮތައް މިއަހަރުވެސް ފިޔާ، އަލުވި، ބިސް ވިއްކަން ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ ފިޔާ، އަލުވި، ބިސް ވިއްކުމަށް މާލޭގެ ސިނާއީ ސަރަހައްދުގައި އާންމުންނަށް ފަސޭހަވާނެ ގޮތަށް އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން ހެނދުނު 8:30 އިން ހަވީރު 5:00 އަށް ފިޔާ، އަލުވި، ބިސް ގަނެވޭނެ އިންތިޒާމު ސިނާއީ ސަރަހައްދުގައި މިހާރު ހަމަޖައްސާފައިވާނެ ކަމަށްވެސް އެސްޓީއޯ އިން ވަނީ މައުލޫމާތު ދީފަ އެވެ. މީގެއިތުރުން އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އެސްޓީއޯ ސުޕަމާޓުން ރީޓެއިލްކޮށް އަދި އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށް މިބަވާތްތައް ލިބެން ހުންނާނެ ކަމަށްވެސް އެސްޓީއޯއިން މައުލޫމާތުދެ އެވެ.

އެސްޓީއޯ އިން ބުނީ އެކުންފުނީގެ ރީޖަނަލް ފިހާރަތަކުން ފިޔާ، އަލުވި އަދި ބިސް ވިއްކަން ފަށާނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މީގެ އިތުރުން އެހެން އަހަރުތަކާ ހިލާފަށް މިއަހަރު އެސްޓީއޯއިން ވިއްކާ ފިޔާ، އަލުވި އަދި ބިސް ގަތުމުގެ ކުރިން މިތަކެތި ޗެކުކުރެވޭނެ އިންތިޒާމު އެސްޓީއޯގެ ފިހާރަތަކުގައި ވަނީ ހަމަޖައްސާފައި ކަަމަށްވެސް އެސްޓީއޯއިން މައުލޫމާތުދެ އެވެ.

އެސްޓީއޯގެ ފިހާރަތަކުން ރީޓެއިލްކޮށް ފިޔާ ކިލޯއެއް 7 ރުފިޔާއަށް، އަލުވި ކިލޯއެއް 8 ރުފިޔާ 50 ލާރިއަށް، ބިހެއް 1 ރުފިޔާ 50 ލާރިއަށް ވިއްކާއިރު އެސްޓީއޯ ސްޕަމާޓް ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް 140 ރުފިޔާއަށް، އަލުވި ބަސްތާއެއް 180 ރުފިޔާއަށް، ބިސް ކޭހެއް 270 ރުފިޔާ ގަންނަން ލިބޭނެ ކަމަށްވެސް އެސްޓީއޯއިން މައުލޫމާތުދެ އެވެ.

މީގެއިތުރުން އެސްޓީއޯ ސްޕަމާޓް ހޯލްސޭލް ސެންޓަރުން ގަނޑުކޮށް 25 ކޭހަށް ވުރެ އިތުރަށް ނަގާ ފަރާތްތަކަށް ފިޔާ ބަސްތާއެއް 130 ރުފިޔާއަށް، އަލުވި ބަސްތާއެއް 170 ރުފިޔާއަށް، ބިސް ކޭހެއް 260 ރުފިޔާއަށް ލިބޭނެ ކަމަށްވެސް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.