ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް 2015 ވަނަ އަހަރު ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލްކޮށް ކުރިން ގާނޫނު އަސާސީގައި އޮތްގޮތަށް އެ މާއްދާ ބަދަލުކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިއިސްލާހު ފާސްކޮށްފައިވަނީ 64 މެމްބަރުންގެ އިއްތިފާގުންނެވެ. މިއީ މިބިލް ފާސްކުރުމަށް ބޭނުންވާ އެންމެ ދަށް އަދަދެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މިބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ރިފާއު އެވެ.

ގާނޫނުއަސާސީގެ 251 ވަނަ މާއްދާ އަށް ރިފާއު ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ދިވެހިރާއްޖެއިން އެއްވެސް ބައެއް ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެ ކަމަށެެވެ. އަދި ރާއްޖޭން އެއްވެސް ސަރަހައްދެއް ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ދެވޭނީ ދިގުވެގެން 99 އަހަރުގެ މުއްދަތަށް ކަމަށް ވެސް ބުނެފައިވެ އެވެ. މިއާއެކު ގާނޫނު އަސާސީއަށް އަލަށް އިތުރުކޮށްފައިވާ 15 ވަނަ ބާބުވެސް އުވާލުމަށް ވަނީ ހުށަހަޅުއްވާފަ އެވެ.

މިބިލް ދިރާސާކުރުމަށް ގައުމީ ސަލާމަތު ކޮމެޓީއަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް މިބިލް ކޮމިޓީގައި ގިނަ ދުވަސްތަކެއް ވަންދެން ބޭއްވުމަށްފަހު ބިލް ދިރާސާކޮށް ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވާފައި މިވަނީ 18 ވަނަ މަޖިލިސް ނިމެން ކައިިރި ވެފައި ވަނިކޮށެވެ.

މިބިލްގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރެއްވި ހުރިހާ މެމްބަރުންވެސް ވަނީ މިއިސްލާހަކީ ފާސްކުރަންޖެހޭ އިސްލާހެއް ކަމަށް ވިދާޅުވެ މި ބަދަލު ގާނޫނު އަސާސީއަށް ގެންނަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ އިސްލާހު އުވާލައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ ކެމްޕޭންގެ ތެރޭގައި ވައުދުވެވަޑައިގެންފަ އެވެ.