ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެ އުފެއްދެވި ޖަލުތަކުގެ އޮޑިޓް ކޮމިޓީން، ރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓު އެކުލަވާލާ ހޯމް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓްރީގެ ފަރާތުން ޖަލުތަކުގެ އޮޑިޓް ރިޕޯޓާ ހަވާލުވެވަޑައިގަތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

މި ރިޕޯޓު އެކުލެވިގެންވަނީ 390 ސޮފްހާގެ މައްޗަށެވެ. އޮޑިޓް ރިޕޯޓުގައި ކޮމިޝަނުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ޖަލުތަކުގެ އުސޫލުތައް އިސްލާހުކުރުމަށާއި ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް 182 ހުށަހެޅުމެއް ހުށަހަޅާފައިވާނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެ އެވެ. މިހުށަހެޅުންތަކުގެ ތެރެއިން އެންމެ ގިނައިން ހުންނާނީ ޖަލުތަކުގައި ދިމާވާ ސިއްހީ މައްސަލަތައް ރަނގަޅުކުރުމާއި ޖަލުތަކުގެ އާންމު ހާލަތު ރަނގަޅުކުރުމާ ގުޅޭ އިސްލާހުތަކެއް ކަމަށްވެސް ކޮމިޝަނުން މައުލޫމާތުދެ އެވެ.

އޮޑިޓް ރިޕޯޓާ ހަވާލުވެވަޑައިގަތުމަށްފަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އިންތިޚާބުވީއިރު ރާއްޖޭގެ ޖަލުތަކުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. އެހެންކަމުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ރާއީސް ސޯލިހު ކުރެއްވި މަސައްކަތްތަކުގެ ތެރެއިން އުފެއްދެވި ކޮމިޝަނުގެ މަސައްކަތް މިއަދު ވަރަށް ފުރިހަމައަށް ނިންމާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށާއި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ހައްލެއް ހޯދާނެ ކަމަށެވެ.

"މާތް ﷲ އިރާދަކުރެއްވިއްޔާ މިފޮތަކީ ފޮތް ހަރުގަނޑަށް އިތުރުކޮށްލެވޭ ފޮތެއްގެ ގޮތުގައި ދޫނުކޮށްލާނަން. މި ރިޕޯޓުގައި ފާހަގަކުރެވިފައި ހުރި ކަންކަމަށް ބަލާ ޖަލުތައް ރަނގަޅު ކުރުމުގެ މައިގަނޑު އަސާސަކީ މި ރިޕޯޓު ކަމުގައި ހަދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ޖަލުތަކުގެ އޮޑިޓް ރިޕޯޓު އާންމުންނަށް ފެންނަން ހުންނާނެހެން އާންމު ކުރައްވާނެނެ ކަމަށެވެ. ރާއްޖޭގެ ޖަލުތަކުގެ ހާލަތު، ދުނިޔޭގެ ފެންވަރުގެ ޖަލުތަކާ އެއްގޮތަށް ރަނގަޅު ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ްޮއޮޑިޓް ރިޕޯޓު އެކުލަވާލުމުގައި ގާނޫނުތަކާއި ގަވައިދުތަކާއި، ކަމާގުޅުންހުރި ބައެއް މުއާހަދާތަކާއި، ޖަލުތަކުގައި ހަދާފައިވާ ބައެއް އުސޫލުތަކާއި، މިނިވަން މިއައްސަސާތަކުގެ ހުށަހެޅުންތަކާއި، ދައުލަތުން ބައިނަލްއަގުވާމީ މުއާހަދާތަކާ ގުޅިގެން ހުށަހަޅާފައިވާ ރިޕޯޓުތަކުގެ މައްޗަށް ދިރާސާ ކޮށްފައިވާނެ ކަމަށްވެސް ކޮމިޝަނުން މައުލޫމާތުދެ އެވެ. އެއަށްފަހު ރިޕޯޓަށް މަައުލޫމާތު ދިނުމަށް އާންމު ބޭފުޅުންނަށް ފުރުސަތު ހުޅުވާލި ކަމަށްވެސް ކޮމިޝަނުން މައުލޫމާތުދެ އެވެ. އެގޮތުން ގިނަ އަދަދެއްގެ އާންމުންގެ އެހީތެރިކަން ރިޕޯޓު އެކުލަވާލުމުގައި ލިބުނުކަން ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަކީ ރާއީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.