ޖަލުތަކުން މީހުން މިނިވަން ކުރުމާއި ޖަލުތަކުން ގައިދީންނަށް ހިދުމަތް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ޖަލުތަކުގެ އޮޑިޓް ކުރުމަށް އެކުލަވާލި ޕްރިޒަންސް އޮޑިޓް ކޮމިޝަނުން ބުނެފި އެވެ.

ޖަލުތަކުގެ އޮޑިޓް ރިޕޯޓް ހޯމް މިނިސްޓްރީއާ ހަވާލުކުރުމަށް މިއަދު އެ މިނިސްޓްރީގައި އޮތް ވާހަކަދައްކަވަމުން ޕްރިޒަންސް އޮޑިޓް ކޮމިޝަންގެ މެންބަރު އަހްމަދު މުހައްމަދު ވިދާޅުވީ އެކޮމިޝަނުން ޖަލުތައް އޮޑިޓްކުރިއިރު ޖަލުތަކުގެ ބައެއް ކަންކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިނގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަހްމަދު މުހައްމަދު ވިދާޅުވީ ފާހަގަކުރެވުނު ކޮރަޕްޝަންގެ މައްސަލަތައް އިތުރަށް ތަހުގީގުކޮށް ބެލުމަށް އޮޑިޓް ރިޕޯޓްގައި ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅާފައިވާނެ ކަމަށެވެ.

"ކޮމިޝަނަށް ފާހަގަވި ބައެއް ބޮޑެތި މައްސަލަތަކަށް ބަލާއިރު ޖަލުތައް މިވަގުތު ހިނގަމުންދާ ގޮތުން ޖަލުތަކުން މީހުން މިނިވަންވެގެން ދިއުމާއި ޖަލުތަކުން ދެވޭ ބައެއް ހިދުމަތްތަކުގައި ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ބައެއް ކަހަލަ ކަންކަން އެބަހުރި،" އަހްމަދު މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަލުތަކުގެ އޮޑިޓް ރިޕޯޓް އެކުލަވާލުމަށް ލިބިގެން ދިޔައީ 75 ދުވަސް ކަމަށާއި މިމުއްދަތުގެ ތެރޭގައި ރިޕޯޓްގެ މަސައްކަތްތައް ވަރަށް ފުރިހަމައަށް ނިންމާލެވިފައިވާނެ ކަމަށެވެ.

އަހްމަދު މުހައްމަދު ވިދާޅުވީ ޖަލުތަކުގައި ޖަލުގެ ކެޕޭސިޓީއަށް ވުރެ އިތުރަށް މީހުން ބަންދުކޮށްގެން ގެންގުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އަސާސީ ހައްގުތަކާއި ހިދުމަތްތަކުން ކުށްވެރިން މަހުރޫމު ވަމުންދާ ކަމަށާއި އެހެންކަމުން ޖަލުތަކުގެ އާބާދީ މަދުކުރުމަށް ކަންކަން ކުރެވޭނެ ގޮތަކީ ކޮބައިތޯ ބަލައި ހައްލު ހޯދުމަށް ކުރެވިދާނެ ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޖަލުތަކުގައި އަނިޔާގެ މައްސަލަތައް ހިނގާކަން ވެސް ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށްވެސް އަހްމަދު މުހައްމަދު ވިދާޅުވި އެވެ. އެފަދަ މައްސަލަތައް ފާހަގަކޮށް އިތުރަށް ތަހުގީގު ކުރުމަށް ރިޕޯޓުގައި ހުށަހަޅާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ބިދޭސީން މިވަގުތު ބަންދުކުރަމުންދާ ގޮތާ މެދު ގާނޫނީ ސުވާލުތަކެއް އެބަހުރި ކަން ވެސް އަހްމަދު މުހައްމަދު ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންކަމުން ބަންދުގައި ތިބޭ ވަގުތުތަކުގައި ބިދޭސީންނަށްވެސް ހައްގުތައް ލިބިދެވޭނެ ގޮތަށް ކަންތައްތަކެއް އިސްލާހުކުރުމަށް ހުށަހަޅާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ. ބަންދުކޮށްފައި ތިބި ބިދޭސީންނާ މެދު ތަފާތުކުރުން ގެންގުޅޭތީ އެކަންކަން ނައްތާލުމަށް ރިޕޯޓުގައި ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށްވެސް އަހްމަދު މުހައްމަދު ވިދާޅުވި އެވެ.

މިނިވަންކަން ގެއްލޭ ގޮތަށް މީހުން ބަންދުކުރާ މައްސަލަތަކުގައި އެފަރާތްތައް އެންމެ ފުރިހަމައަށް ޒިންމާދާރުކުރުވަން ޖެހޭ ކަމަށްވެސް އަހްމަދު މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ރައީސް ސޯލިހުގެ އެންމެ ބޮޑު އަމާޒަކީ ޖަލުތަކުގެ ހާލަތު ބަދަލުކުރުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފަ އެވެ.