ކުޑަކުދިން ދިވެހި ބަހުން ވާހަކަ ދެއްކުން މަދުވުމުގެ ސަބަބުން ޖީލުތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ކެނޑިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވީ ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ މީގެ ކުރިން ދިވެހި ބަހުން ވާހަކަދެއްކުމަށް ދަތިތަކެއް އިހްސާސްވީ ބޭރު ގައުމުތަކުގައި ބޮޑެތިވަމުން ދިޔަ ކުދިންނަަށް ކަމަށްވިޔަސް މިހާރު އެކަން މުޅިން ބަދަލުވެއްޖެ ކަމަށެވެ. މިހާރު ރާއްޖޭގައި ތިބެގެން ބޮޑެތިވާ ކުދިންނަށްވެސް ދިވެހި ބަހުން އެއްވެސް ވަރަކަށް ވާހަކަ ދައްކަން ނޭނގޭ ކަންވެސް މިނިސްޓަރު ޔުމްނާ ވަނީ ފާހަގަކުރައްވާފައެވެ. މިކަމުގެ ސަބަބުން ކުއްޖާގެ އާއިލާގައި އުޅޭ ދޮށީ އުމުރުގެ މީހުންނާ ވާހަކަ ދައްކަން ނޭނގި، އެއްވެސް ވަރަކަށް ވާހަކަ ނުދައްކާ ކުދިން މިއަދު މުޖުތަމައުގެ ތެރޭގައި އުޅޭ ކަމަށްވެސް ވިދާޅުވިއެވެ. މިކަމާ ގުޅިގެން ގެއްލިގެން އެދަނީ ދެޖީލުގެ ދެމެދުގައި އޮންނަަ ގުޅުން ކަަމުގައި މިނިސްޓަރުވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޖިއޮގްރަފީ ގޮތުން ބަލާއިރު ރާއްޖެ އޮންނަ ގޮތުން ދިވެހިންގެ މެދުގައި މިއޮންނަ އެއްބައިވަންތަކަމާއި ގުޅުން ދެމެހެއްޓުމަށްޓަކައި ދިވެހިބަސް ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ދިވެހިން ވާހަކަ ދައްކާ އުޅޭ ބަހުރުވަ ތަފާތު ކަމަށާއި، އެއީ ދިވެހި ބަހަށް ލިބޭ އިތުރު މުއްސަނދިކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އެކަމަކު ގިނަ ކިޔަވާ ކުދިންނަށް މިބަހުރުވަތަކުގެ ތަފާތު ނޭނގުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.