އިންތިގާލީ އަދާލަތު ގާއިމުކުރުމަށްޓަކައި އިންތިގާލީ އަދާލަތުގެ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފައްދާ އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދިނުމަށް ސަރުކާރުން މަޖިލީހަށް "އިންތިގާލީ އަދާލަތު"ގެ ނަމުގައި ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާ މިބިލްގެ ފުރަތަމަ ކިޔުން ވަނީ މިއަދު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިއްވާފަ އެވެ.

މިބިލް ހުށަހަޅާ ބޭނުމަކީ ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތާ ގުޅުންހުރި މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި ޚިލާފަށް ހިންގާފައިވާ ކަންކަން ބަލައި، ތަހުގީގުކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާއާއި ދެރަ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ.

މިބިލް ހުށަހެޅުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އިންސާނީ ހައްގުތަކާއި ޚިލާފަށް ހިންގާފައިވާ އަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖަވާބު ދާރީކުރުވައި، އެފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް މިބިލް ގާނޫނަކަށް ވެގެންގޮސް ގާނޫނުގެ ތެރެއިން ހައްލު ހޯދައިދިނުމެވެ. މީގެއިތުރުން އަދުލުއިންސާފަކީ ވުޖޫދުގައިވާ އެއްޗެއްކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނުމާއި އިންސާނީ ހައްގުތަކާއި ޚިލާފަށް ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އިޖުރާއަތްތައް އުވާލުމަކީވެސް މިބިލްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިބިލްގައިވާ ގޮތުން މިކަންކަން ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިންތިގާލީ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފައްދަން ޖެހެ އެވެ. މިކޮމިޝަނަށް ތަހުގީގުކުރެވޭނީ 1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018ގެ ނިޔަލަށް ހިނގާފައިވާ ކަންކަމެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ މިކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މެމްބަރުން އައްޔަނު ކުރަންޖެހޭއިރު އެތަނުން އެއް މެމްބަރަކު ޗެއާޕާސަން ކަމުގެ މަގާމަށް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވެސް ބިލްގައިވެ އެވެ.

މިކޮމިޝަނަށް ގިނަ މަސްއޫލިއްޔަތުތަކެއް މަތި ކޮށްފައިވާއިރު މީގެތެރޭގައި ހިމެނެނީ މިބިލް ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު ބިލްގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހިނގާފައިވާ ކޮމިޝަނަށް ބާރު ލިބިދީފައިވާ މައްސަލަތައް ދެނެގަތުމަށްޓަކައި، އެފަދަ މައްސަލަތައް ހުށަހެޅުމަށް ކޮމިޝަނުން އިއުލާންކުރާތާ ދެ މަސްދުވަހުގެ ތެރޭގައި ހުށަހަޅާ މައްސަލަތައް ބެލުމެވެ. އަދި މިމައްސަލަތައް ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކުގެ ބޭނުންކޮށްގެން ދެފުށް ފެންނަ ގޮތަކަށް ޝަކުވާތައް ދިރާސާކޮށް ތަހުގީގުކުރުން ވެސް ހިމެނެ އެވެ.

މިބިލްގައި ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދީފައިވާއިރު މީގެތެރޭގައި ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން ސުވާލުކުރުމަށާއި ހެކިބަސް ނެގުމަށް ކޮމިޝަނަށް މީހުން ހާޒިރުކުރުމުގެ ބާރުވެސް ދީފައިވެ އެވެ. އަދި ހާޒިރުވާން އަންގާ މީހަކު ހާޒިރު ނުވެއްޖެނަމަ އެމީހަކު ބަންދުގައި ބަހައްޓައިގެން ހާޒިރުކޮށްދިނުމަށް އެދި ކޯޓު އަމުރު ހޯދުމަށް ކޮމިޝަނަށް އެދެވޭނެ އެވެ. އަދި ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅުންހުރިކަމަށް ފެންނަ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ހޯދުމަށް އާންމު ތަންތަން ބަލައި ފާސްކޮށް އެފަދަ ތަންތަނާއި ތަކެތި ކޮމިޝަންގެ ބާރުގެ ދަށަށް ގެނައުމަށް ބޭނުންވާ ކޯޓު އަމުރަށް އެދުމުގެ ބާރުވެސް ކޮމިޝަނަށް ވަނީ ލިބިދީފަ އެވެ. އަދި ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅުންހުރި މީހަކު ފިލައިގެން ގޮސްފާނެ ކަމަށް ބެލެވޭނަމަ އެފަދަ ފަރާތްތަކުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ކޯޓުގެ އަމުރަކަށްވެސް ކޮމިޝަނަށް އެދެވިދާނެ އެވެ.

މީގެއިތުރުން ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅުންހުރި މީހަކު ހައްޔަރުކުރަން ކޮމިޝަނަށް ފެންނަނަމަ އެފަދަ މީހަކު ހައްޔަރުކުރުމުގެ ކޯޓު އަމުރަކަށްވެސް ކޮމިޝަނަށް އެދެވިދާނެ ކަމަށް ބިލްގައިވެ އެވެ. މިބިލްގައި ވަނީ ޖިނާއީ އިޖުރާތުގެ ދަށުން ތަހުގީގީ އިދާރާއަކަށް ލިބިގެންވާ ހުރިހާ ބާރެއް ކޮމިޝަނަށް ލިބިގެންވާ ކަމަށްވެސް ކަނޑައަޅާފަ އެވެ. ކޮމިޝަނުން ދައުލަތުގެ މުއައްސަސާއަކަށް އަންގާ އެންގުމަކަށް އިންކާރުކޮށްފިނަމަ އެކަމަށް އިންކާރުކުރާ ފަރާތަކާ މެދު ފިޔަވަޅު އެޅުމަށް ކޮމިޝަނަށް ނިންމިދާނެ ކަމަށްވެސް މިބިލްގައިވެ އެވެ.

ބިލްގައިވާ ގޮތުން "އިންތިގާލީ އަދާލަތުގެ އޮމްބުޑްސްމަން" އޮފީހެއް އުފައްދަން ޖެހެ އެވެ. ކޮމިޝަނުން މައްސަލަތައް ތަހުގީގު ކުރުމަށްފަހު، ހުށަހަޅަން ޖެހޭނީ އެ އޮފީހަށެވެ. އަދި ޖިނާއީ ދައުވާއެއް ކުރަން ޖެހިއްޖެނަމަ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަދި މަދަނީ ދައުވާއެއް ކުރަން ޖެހިއްޖެނަމަ ބަންޑާރަނައިބުގެ އޮފީހަށް ފޮނުވުމުގެ ބާރު އޮމްބުޑްސްމަން އޮފީހަށް ލިބިގެންވެ އެވެ.

އޮމްބުޑްސްމަންގެ އޮފީހުގައި ތިން މެމްބަރުން ހިމެނޭއިރު އެ އޮފީހަށް އައްޔަން ކުރާ މީހެއްގެ ކިބައިގައި ސުޕީރިއަ ކޯޓުގެ ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ހުންނަން ވާނެ ކަމަށް ވެސް ބިލްގައިވެ އެވެ. އަދި ބޭރުގެ ފަރާތްތައް އޮފީހަށް އައްޔަން ކުރުމަށް ހުރަސް ނާޅާ ކަމަށްވެސް ބިލްގައިވެ އެވެ.

ކޮމިޝަނުން ތަހުގީގުކުރާ މައްސަލައެއް ޕީޖީ އޮފީހަށާއި ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ދައުވާ އުފުލުމާ މެދު އެ ދެ ތަނުން ގޮތެއް ނިންމަންޖެހޭނެ ކަަމަށްވެސް ބިލްގައިވެ އެވެ. އަދި ދައުވާ ކުރަން ޕީޖީ އަށް ނުވަތަ ބަންޑާރަ ނަައިބު އޮފީހަށް ފެނިއްޖެ ނަމަ، އެ މައްސަލަތައް ގިނަވެގެން 45 ދުވަހުގެ ތެރޭގައި ކޯޓުން ބަލައި ހުކުމް ކުރަން ވާނެ ކަމަށްވެސް ބިލްގައިވެ އެވެ.