މާލޭގެ ލޮނުޒިޔާރަތްކޮޅުގައި ގާނޫނާ ޚިލާފަށް ނިއުޕޯޓް ހިންގަމުންދާތީ އެސަރަހައްދުން ނިއުޕޯޓް ފުޑް އައުޓްލެޓް ނަގާނެ ކަމުގެ އިންޒާރު ޕްލޭނިން މިނިސްޓްރީން ދީފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ނިއުޕޯޓް ހިންގުމަށް އެމިނިސްޓްރީއާ އެކު ހަދާފައިވާ އެއްބަސްވުން މިދިޔަ މާޗް މަހުގެ ހަތްވަނަ ދުވަހު އުވާލާފަައިވާނޭ ކަމަށެވެ. އެހެންކަމުން ނިއުޕޯޓް ހިންގަމުންދާ ކުންފުނި، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ނިއުޕޯޓް މިހާރު ހިންގަނީ ގަވައިދާ ހިލާފަށް ކަމަށާއި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ގާނޫނުގެ ތެރެއިން އަޅާނެ ކަމަށެވެ.

ސްޓްރާޑާ ކުންފުންޏާއެކު ޕްލޭނިން މިނިސްޓްރީން އެއްބަސްވުމެއް ހެދީ ބްރިޖްގެ އަމަލީ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު އާންމުންނަށް އެމަސައްކަތް ފެންނާނެ ފަދަ ގޮތަކަށް އެތަނުގައި ޕްލެޓްފޯމެއް ހަމަޖެއްސުމަށާއި އެކަންކުރުމުން އެތަނުގައި ކެފޭއެއް ހިންގޭ ގޮތަށެވެ. މިއެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ތިން އަހަރުގެ މުއްދަތަށެވެ. ނަމަވެސް 13 އޭޕްރީލް 2017 ގައި އެއްބަސްވުމުގެ މުއްދަތު ފަހުން ވަނީ އަށް އަހަރަށް އިތުރު ކޮށްފަ އެވެ.

ޕްލޭނިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ އެއްބަސްވުމުގައިވާ ގޮތަށް 2018 ވަނަ އަހަރުގެ ޑިސެމްބަރުގެ މަހުން ފެށިގެން ނިއުޕޯޓުން ކުލި ދައްކާފައިވާ ނުވާތީ މިހާރު އެތަން ހިންގަމުން އެދަނީ ގަވައިދާ ހިލާފަށް ކަމަށެވެ. އަދި ހުސްކުރަން އަންގާފައިވާ މުއްދަތުގައި އެތަން ހުސްކޮށްފައިނުވާތީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް މިނިސްޓްރީން ފުރިހަމަކުރާނެ ކަަމަށްވެސް ބަޔާނުގައިވެ އެވެ.

ބްރިޖް ވިއު ޕްލެޓްފޯމާއި ނިއުޕޯޓް ރެސްޓޯރަންޓް ނެގުމަށްފަހު ލޮނުޒިޔާރަތްކޮޅު ވަކި ޕްލޭނެއްގެ ދަށުން ތަރައްގީކުރާނީ އާންމުން ހިތްފަސޭހަކޮށްލަން ވަގުތު ހޭދަކުރެވޭނެ ގޮތަކަށް ކަމަށްވެސް ޕްލޭނިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.