ސަރުކާރުގެ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއްރަށުން އަނެއް ރަށައް ދާން ބެނުންވާ ފަރާތްތަކަން މުޅި ރާއްޖެގެ ދަތުރުފަތުރުގެ ވިއުގަ އެކުލެވިފައިވާ ގޮތް އެޕްލިކޭޝަނެއް މެދުވެރިކޮށް ފެންނާނެ ގޮތް ހަދައިފި އެވެ.

"ނިޔާމި"ގެ ނަމުގައި ތައްޔާރުކޮށްފައިވާ މިއެޕްލިކޭޝަން މިއަދު ތާރަފްކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ އުތުރުން ދެކުނަށް މިހާރު ދައުލަތުގެ ފަރާތުން ދެމުންގެންދާ އަތޮޅު ފެރީގެ ހުރިހާ ފެރީތަކުގެ މައުލޫމާތު ބަލާލެވޭނެ ކަމަށެވެ. އެހެންކަމުން ހުރިހާ ފެރީއެއްގެ ތާވަލް މި އެޕް މެދުވެރިކޮށް ބަލާލެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. މިއެޕްލިކޭޝަން ބޭނުން ކުރުމަށްޓަކައި އެމީހަކު ދަތުރުކުރަން ބޭނުންވާ ތާރީހް އަދި ދާން ބޭނުންވާ މަންޒިލެއް ޖެހުމުން، އެފެރީއެއް ދަތުރުކުރަނީ ކޮންގަޑިއަކުން ކޮންގަޑިއަކަށް ކަމާއި، އަދި ދަތުރަށް ނަގާނީ ކިހާ ވަގުތެއް ކަން މި އެޕްލިކޭޝަން މެދުވެރިކޮށް ފެންނާނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މި އެޕްލިކޭޝަން ތާރަފްކޮށްދިނުމަށްފަހު މިނިސްޓަރު ނަހްލާ ވިދާޅުވީ މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ އެކުލެވިފައިވާ ގޮތް އެޕްލިކޭޝަނެއް މެދުވެރިކޮށް އާންމުކުރުމުން އެ މިނިސްޓްރީއާ ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކުރަން ހަވާލުކޮށްފައިވާ ހުރިހާ މަސައްކަތްތަކެއް ނިންމާލެވުނީ ކަމަށެވެ.

މިނިސްޓަރު ނަހްލާ އިތުރަށް ވިދާޅުވީ މި އެޕްލިކޭޝަނަކީ އެ މިނިސްޓްރީން ވަރަށް އުނދަގުލުން ހޯދާފައިވާ މައުލޫމާތުތަކެއްގެ މައްޗަށް އެކުލަވަލާފައިވާ އެޕްލިކޭޝަނެއް ކަމަށެވެ.

"ނިޔާމި" އެޕްލިކޭޝަން ގޫގުލް ޕްލޭއިން މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.