ފާއިތުވި މާޗު މަހު ރާއްޖެއިން މުދާ ބޭރުކުރެވުނު އަގު މިދިޔަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު 39 އިންސައްތަ އިތުރުވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މާޗު މަހު ދިވެހިރާއްޖެއިން 246 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު މިއަހަރުގެ މާޗު މަހު މި އަދަދު ވަނީ 341 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

މިއަހަރުގެ މާޗު މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އަގު އިތުރުވިނަމަވެސް މުދާ ބޭރުކުރެވުނު އަގު ވަނީ މިދިޔަ އަހަރުގެ މާޗް މަހާ އަޅާ ބަލާއިރު 9 އިންސައްތަ ދައްވެފަ އެވެ.

މާޗް މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓް ކުރި ގައުމުތަކަކީ، ތައިލެންޑް، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް، އެމެރިކާ އަދި އިނގިރޭސިވިލާތެވެ.

މިއަހަރުގެ މާޗް މަހު 4.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު މިދިޔަ އަހަރުގެ މިމުއްދަތުގައި ވަނީ 4.5 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކަަށް ބަލާއިރު ރާއްޖެއަށް އެތެރެކޮށް ބޭރުކުރެވުނު މުދަލުގެ އަގުން އާމްދަނީގެ ގޮތުގައި 267 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު 277 މިލިއަން ރުފިޔާއަށް ވުރެ 4 އިންސައްތަ ދަށް އަދަދެކެވެ.

މާޗު މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ 16 އިންސައްތަ ސިންގަޕޫރުން ހިއްސާކުރާއިރު، ޔޫއޭއީ އިން 15 އިންސައްތަ އަދި ޗައިނާ އިން 12 އިންސަައްތަ މުދާ ވަނީ ރާއްޖެ އެތެރެކޮށްފަ އެވެ.

ރާއްޖެއަށް އާންމުކޮށް އެންމެ ގިނައިން މުދާ އެތެރެކުރާ ފަސް ގައުމުގެ ތެރޭގައި ނުހިމެނޭ ގައުމެއް ކަމަށްވާ އަޔަލޭންޑް މިފަހަރު ހިމެނިފައިވަނީ 345 މިލިއަން ރުފިޔާގެ އެއާކްރާފްޓެއް އެ ގައުމުން އިމްޕޯޓްކޮށްފައިވާތީ އެވެ.