ކޮންމެ އަހަރަކުވެސް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ރަމަޟާން މަހުގައި ކުރިއަށްގެންދާ ކްރިކެޓް ކާނިވަލަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ކޮންމެ އަހަރަކުވެސް ފޯރިއާއެކު ކުރިއަށްދާ ކްރިކެޓް ކާނިވަލްގައި ތިން މުބާރާތެއް ކުޅެއެވެ. އެއީ އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތާއި، ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ކޮމްޕެނީ ޓޭޕްބޯލް ކްރިކެޓް މުބާރާތާއި، ސަރުކާރު އޮފީސްތަކުގެ މެދުގައި ބާއްވާ އޮފީސް ޓޭޕްބޯލް ކްރިކެޓް މުބާރާތެވެ.

މިއަހަރުގެ ކޮމްޕެނީ ޓޭޕްބޯލް ކްރިކެޓް މުބާރާތުގައި ޖުމްލަ 12 ޓީމެއް ވަނީ ބައިވެރިވެފައެވެ. މިދިޔަ އަހަރުގެ މި މުބާރާތުގައި ވާދަކުރީ 11 ޓީމެކެވެ. މިދިޔަ އަހަރުގެ ކޮމްޕެނީ ޓޭޕްބޯލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދިރުހަމް އެވެ. އެޓީމު ޗެމްޕިއަންކަން ހޯދާފައިވަނީ އަހިންޝަކާ އަތުން 6 ވިކެޓުން މޮޅުވެގެންނެވެ.

މިއަހަރުގެ އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތުގައި 14 ޓީމެއް ބައިވެރިވިއިރު، މިދިޔަ އަހަރު މި މުބާރާތުގައި 12 ޓީމެއް ވާދަކުރި އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ އައިބީއެސް އެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި ކޭޑީއެމް 8 ވިކެޓުން ބަލިކޮށްގެންނެވެ.

މީގެ އިތުރުން މިއަހަރުގެ އޮފީސް ޓޭޕްބޯލް ކްރިކެޓް މުބާރާތުގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން ރައީސް އޮފީސް ހޯދީ ފައިނަލުގައި ކަސްޓަމްސް އަތުން މޮޅުވެގެންނެވެ.