އެއްތަނުން އަނެއްތަނަށް ފައިސާ ގެންދިއުމުގައި ފުލުހުންގެ ސެކިއުރިޓީ ދިނުމާއި ސްޓޭޓް ބެންކް އޮފް އިންޑިއާ (އެސްބީއައި)ގެ އިމާރާތާއި އަދި އޭޓީއެމްގެ ސެކިއުރީޓީގެ ކަންކަން ބެލެހެއްޓުމާއި ދެފަރާތުގެ ވަސީލަތްތައް ހިއްސާކުރުމާއި މުވައްޒަފުން ތަމްރީނު ކުރުމާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއާއި އެސްބީއައި އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފުލުހުންގެ އިސްކަންދަރުކޮށި ކޮންފަރެންސް ރޫމްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފެވެ. ސްޓޭޓް ބެންކް އޮފް އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރު އެންޑް ސީއީއޯ އަމްރޭޝް މޯހަން އެވެ.

ދެފަރާތުގެ މެދުގައި މިވެވުނު އެއްބަސްވުމުގެ ދަށުން އޭޓީއެމް ތަކަށް ފައިސާ ގެންދިއުމުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އަދި އެއްތަނުން އަނެއްތަނަށް ފައިސާ ގެންދިއުމުގައި ބަލަންޖެހޭ ކަންތައްތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން ފުލުހުންގެ ފަރާތުން ސެކިއުރިޓީ ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި މުވައްޒަފުން ތަމްރީނު ކުރުމާއި ވަސީލަތްތައް ހިއްސާކުރުމުގައި އެއްބާރުލުން ލިބިގެންދާނެ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

މިރަސްމިއްޔާތުގައި ފުލުހުންނާއި އެސްބީއައިގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.

ފުލުހުންނާ ސްޓޭޓް ބެންކް އޮފް އިންޑިއާ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި މިވަނީ ބޮޑެތި އަދަދުތަކުން ޖަމާކުރަން ބޭންކަށް ގެންދާ ފައިސާ ފޭރުން ވަރަށް އާންމުވެފައިވާ ވަގުތެއްގަ އެވެ.