އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ގެނައުމަށް މިހާތަނަށް އެ މަގާމު ފުރުއްވި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ތާއީދު ކުރައްވައިފިއެވެ.

ފަސް އަހަރަށްވުރެ ގިނަ ދުވަހު ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރުގެ މަގާމު ފުރުއްވި ނިހާން ވަނީ އެ މަގާމުން އިސްތިއުފާ ދެއްވިކަން ޓުވިޓާ މެދުވެރިކޮށް ހާމަކުރައްވާފައެވެ. ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރުގެ މަގާމު މިހާރު އޮތީ ހުސްކޮށެވެ.

ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމަކީ އެތައް ހާސް ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ސިޔާސީ ޕާޓީއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރުގެ މަގާމު ފުރުއްވަން އޭނަ ތާއީދު ކުރައްވަނީ ނައިފަރު ދާއިރާގެ ގޮނޑި އިތުރު ދައުރަކަށް ދިފާއު ކުރެއްވި ޝިޔާމް ކަމަށް ނިހާން ވިދާޅުވިއެވެ.

ޝިޔާމަށް ތާއީދު އޮތްކަން ހާމަކުރައްވައި ނިހާން ކުރެއްވި ޓްވީޓްގައި އޭނާ ވަނީ ޝިޔާމާއެކު ނަންގަވާފައިވާ ސެލްފީއެއް ހިއްސާ ކުރައްވާފައެވެ. އެ ސެލްފީގައި މަހިބަދޫ ދާއިރާގެ ގޮނޑި ދިފާއު ކުރެއްވި އަހްމަދު ތޯރިގް ވެސް ހުންނެވިއެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގޮނޑި ދިފާއު ކުރެއްވުނު ޕީޕީއެމްގެ މަދު މެންބަރުންގެ ތެރޭގައި ޝިޔާމް ހިމެނިވަޑައިގަންނަވާއިރު، ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވައި ނިހާނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ.

މި މަހުގެ ހަވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިޚާބާއި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ އިތުރަށް އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ޕީޕީއެމަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ.

ފަހުން ބޭއްވި އިންތިހާބުތަކުގައި ޕީޕީއެމަށް ރަނގަޅު ނަތީޖާއެއް ހާސިލުވަމުން ނުދަނީ ޕާޓީގައި ހަރުދަނާ ލީޑާޝިޕެއް ނެތުމުން ކަމަށް ވިދާޅުވެ މިވަގުތު ޕީޕީއެމްގެ ލީޑާޝިޕްގައި ތިއްބެވި ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވުމަށް ނިހާން ވަނީ ރޭ ގޮވާލައްވާފައެވެ.

ޕީޕީއެމްގެ ލީޑާޝީޕްގައި މި ވަގުތު ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުމަށް ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި ބައެއް ސަޕޯޓަރުން ގޮވާލަމުން ދިޔުމާއި ގުޅިގެން ޕާޓީގެ ރައީސްކަމުގައި ހުންނެވި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން ތިއްބަވާ ވައިބާ ގްރޫޕަކަށް އެމަނިކުފާނު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނުގެ ސަޕޯޓަރުން ނިންމައިފިނަމަ މިއަދު ވެސް ޕީޕީއެމްގެ ލީޑާޝިޕުން ދުރަށްޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އާއިލާއިން ވެސް އާދޭސް ދަންނަވަނީ އެމަނިކުފާނު ދުރަށް ޖެހިވަޑައިގަތުމަށް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.