އިނގިރޭސި ކްލަބު ޗެލްސީއަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރ ވިލިއަން ހޯދަން ސްޕެއިންގެ ބާސެލޯނާއިން އަނެއްކާވެސް މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެ ކުރިން ބާސާއިން ވަނީ ވިލިއަންއަށް ހަތަރު ފަހަރަކު ބިޑު ކޮށްފައެވެ. ބޮޑު އަގުތަކެއް ހުށަހެޅި ނަމަވެސް އެ ހުށަހެޅުންތަކަށް ފުރަގަސްދިނީ ޗެލްސީންނެވެ.

ރިޕޯޓުތައް ބުނާގޮތުން ވިލިއަން ހުރީ ބާސެލޯނާއަށް ބަދަލުވާން ބޭނުންވެފައެވެ. އެކަމަކު ރަސްމީކޮށް އެވާހަކަ އަދި ވިލިއަން ދައްކާފައެއް ނުވެއެވެ. އެކަމަކު ޗެލްސީގެ ކޯޗު ސާރީ ބުނީ މުސްތަގުބަލުގައި ވެސް ވިލިއަން ފެންނާނީ ޗެލްސީން ކަމަށާއި އޭނާ ބެހެއްޓުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަދި އޭނާއަކީ ޗެލްސީއަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި ކާމިޔާބީ ހޯދަން ބޭނުންކަމުގައި ވާނަމަ ވިލިއަން އަކީ ޓީމުގައި ހުރުން މުހިއްމު ކުޅުންތެެރިއެއް ކަމަށްވެސް ބުންޏެވެ.

ޗެލްސީއާއެކު އުމުރުން 30 އަހަރުގެ ވިލިއަން ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރު ހަމަވާއިރު، ވިލިއަން ބުނީ އައު އެއްބަސްވުމެއްގައި ސޮއިކުރަން ކްލަބުން ބޭނުންވާކަން އޭނާއަށް ނޭނގޭ ކަމަށާއި އެކަމަކު އައު އެއްބަސްވުމެއް އޭނާ ބޭނުންވާ ކަމަށެވެ.

އުމުރުން މިހާރު 30 އަހަރު ވެފައިވާ ވިލިއަން ޗެލްސީއާ ގުޅުނީ 2013 ވަނަ އަހަރެވެ. މިހާތަނަށް ޗެލްސީގައި އޭނާ މޮޅު ކުޅުމެއް ދެއްކިއިރު ގައުމީ ޓީމުގައިވެސް އޭނާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.