ޗައިނާގައި ބާއްވާ އެންމެ ބޮޑު ޓުއަރިޒަމް ފެއާ ކަމަށްވާ ސީއޯޓީޓީއެމްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ފެއާގައި ދިވެހިރާއްޖެ ތަމްސީލު ކުރުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއެކު ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ 10 ކުންފުންޏަކުން ބައިވެރިވެފައި ވެއެވެ. މި ފެއާގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ދިވެހި ސަރުކާރުން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފައިސަލެވެ.

މި ފެއާ ކުރިއަށްދަނީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ޗައިނާގެ ބެއިޖިންގައެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ރާއްޖޭގެ ސްޓޭންޑްގައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މިގޮތުން ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަން ސްޓޭންޑަށް ޒިޔާރަތް ކުރާ މީހުންނަށް ދައްކާލެވޭނެއެވެ. މީގެ އިތުރަށް ދިވެހި ކާނާގެ ރަހަބެލުމުގެ ފުރުސަތު ހުޅުވިފައިވާނެއެވެ. އަދި ރާއްޖޭގެ ސްޓޭންޑްގައި ފޮޓޯ ނެގުމަށް ފަހު ސޯޝަލް މީޑިއާގައި ޕޯސްޓް ކުރާ މީހުންނަށް ޚާއްސަ ހަދިޔާއެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ.

މިފެއާގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމް ސިޔާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފެއާއަށް ޒިޔާރަތް ކުރާ އެކި ގައުމުތަކުގެ އަދި ޚާއްސަކޮށް އެފްރިކާއަށް ނިސްބަތްވާ ޓްރެވެލް އެޖެންޓުންނާ ބައްދަލުކޮށް ވިޔަފާރި ފުޅާ ކުރުމަށްޓަކައި ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

2010 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ އެއް ގައުމަކީ ޗައިނާ ކަމަށްވުމުން، ޗައިނާގައި ބާއްވާ އެންމެ ބޮޑު ފެއާގައި ދިވެހިރާއްޖެ ތަމްސީލު ކުރުމުން ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.