ބިދޭސީންނަށް ރާއްޖެއިން ބިން މިލްކުކުރެވޭ ގޮތް ހެދުމާ ދެކޮޅުހެއްދެވީ ގައުމީ ވާޖިބު އަދާކުރެއްވުމަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބިދޭސީންނަށް ރާއްޖެއިން ބިން މިލްކުކުރެވޭގޮތަށް ގާނޫނުއަސާސީއަށް ރައީސް ޔާމީންގެ ދައުރުގައި ގެނައި އިސްލާހު ބާތިލްކޮށް، ކުރިން އޮތް ގޮތަށް އިއާދަކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ރައީސް މައުމޫން އަރިހުގައި އިސްލާހީ މަސައްކަތުގައި އިސް ދައުރެއް އަދާކުރައްވާ އާމިނަތު ނާދިރާ ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.

ނާދިރާ ވިދާޅުވީ އެބޭފުޅުން އެޕާޓީއަކަށް ނިސްބަތްވި ބަޔަކު އިސްވެތިބެ ގައުމުގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭގޮތަށް ގާނޫނުއަސާސީއަށް ބަދަލުގެނައިއިރު ފާޅުގައި އެކަމާ ދެކޮޅަށް ބަސްވިދާޅުވި ހަމައެކަނި ލީޑަރަކީ ރައީސް މައުމޫން ކަމަށެވެ. ގައުމީ ވިސްނުމުގައި ރައްޔިތުންގެ ހައްގަށް ވަކާލާތު ކޮށްދެއްވީތީ ނާދިރާ ވަނީ ރައީސް މައުމޫނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބިދޭސީންނަށް ރާއްޖެއިން ބިން މިލްކުކުރެވޭގޮތް ހެދުމާ ދެކޮޅަށް މަސައްކަތް ކުރެއްވީ ގައުމީ ވާޖިބެއް އަދާކުރެއްވުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އޭރު އެކަން ވީ އެމަނިކުފާނާމެދު ސަރުކާރުން ހަރުކަށި ފިޔަވަޅު އެޅި ކަމަކަށް ކަމަށެވެ. އެމަނިކުފާނަށް ޖަލަށްލީ ވެސް އެފަދަ ކަންކަމާހުރެ ކަމަށާއި ކުށެއް ކުރައްވައިގެން ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ގާނޫނުއަސާސީއާއި ގާނޫނާ ޚިލާފަށް ކަންތައްތައް ކުރަމުންދާ ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް ކުރެއްވި ތާއީދު އަނބުރައި ގެންދަވައިފި ކަމަށް ރައީސް މައުމޫން އިއުލާން ކުރެއްވި ހިސާބުން އެމަނިކުފާނަށް ވަނީ ބޮޑެތި ފިއްތުންތަކަކާއި ހުރަސްތަކެއް ކުރިމަތިވެވަޑައިގެންފައެވެ. ޕީޕީއެމްގެ ބާނީއަކީ ރައީސް މައުމޫން ކަމުގައި ވީނަމަވެސް ކޯޓު މެދުވެރިކޮށް އެމަނިކުފާނުގެ އަތްޕުޅުން ޕާޓީ އަތުލައްވައި، އުމުރުފުޅުން 80 އަހަރުގައި އެތައް ދުވަހެއް ވަންދެން ޖަލުގައި ވެސް ހޭދަކުރައްވަން ޖެހިވަޑައިގަތެވެ.