ނިއުޒީލެންޑްގެ ބޮޑުވަޒީރު ޔަސިންދާ އަރްދެއިން ވެރިކަމަށް ވަޑައިގެންނެވިފަހުން އެކަމަނާގެ މަގްބޫލްކަން މީގެކުރިން ދުވަހަކުވެސް ނުދާހާ މައްޗަށް ހިނގައްޖެއެވެ.

ނިއުޒީލެންޑްގެ ސިޔާސީ ފަރާތްތަކާއި، ސިޔާސީ ޕާޓީތަކުގެ މަގްބޫލްކަން ރައްޔިތުންގެ މެދުގައި ހުންނަ މިންވަރު ވަޒަންކުރުމަށް އެގައުމުގައި ނަގާ މިނިވަން ސާވޭއެއް ކަމަށްވާ "ދަ ނިއުސް1 ކޮލްމާ ބްރަންޓަން" އިން ނަގައި އާންމުކުރި ޚިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި މީހުންގެ %51 މީހުން ބުނެފައިވަނީ ޔަސިންދާ އަރްދެއިން އަކީ އެމީހުން ގަބޫލު ބޮޑުވަޒީރެއް ކަމަށެވެ. އެމީހުން ބޭނުންވާފަދަ ބޮޑުވަޒީރެއް ކަމަށެވެ.

މިނަތީޖާއަކީ، މިއަހަރުގެ ފެބްރުއަރީމަހު ނެގި ޚިޔާލު ހޯދުމުގެ ވޯޓުން ދެއްކި ނަތީޖާއަށްވުރެ ހަތެއް އިންސައްތަ މަތީ އަދެދެކެވެ.

"ދަ ނިއުސް1 ކޮލްމާ ބްރަންޓަން" ގެ ސިޔާސީ ސާވޭއަކީ، ނިއުޒީލެންޑްގެ ކްރައިސްޗާޗްގެ ދެ މިސްކިތަކަށް މިދިޔަމަހު މީހަކު ބަޑިން ހަމަލާދީ ފަންސާސް މުސްލިމުން މަރާލައި އެތައްބަޔަކު ޒަޚަމްކޮށްލި ހާދިސާގެ ފަހުން އެގައުމުގައި ނެގި ފުރަތަމަ ޚިޔާލު ހޯދުމުގެ ވޯޓެވެ.

މިސްކިތްތަކަށް ދެވުނު ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ބޮޑުވަޒީރު ޔަސިންދާ އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އެކަމަނާގެ މަގްބޫލްކަން ނިއުޒީލެންޑް ރައްޔިތުންގެ މެދުގައި މައްޗަށް ގޮސްފައި ވާއިރު، އިދިކޮޅު ނޭޝަނަލް ޕާޓީގެ ލީޑަރ ސައިމަން ބްރިޖަސްގެ މަގްބޫލްކަންވަނީ ފަހެއް އިންސައްތަ ދަށަށް ގޮސްފައެވެ.

ސާވޭގެ ނަތީޖާއިން ސިޔާސީ ޕާޓީތަކުގެ މަގްބޫލްކަން ހުރި މިންވަރަށް ބަލާއިރު، ބޮޑުވަޒީރު ޔަސިންދާގެ ލޭބަރ ޕާޓީގެ މަގްބޫލްކަންވަނީ %48 އަށް މައްޗަށް ގޮސްފައެވެ. އިދިކޮޅު ނޭޝަނަލް ޕާޓީގެ މަގްބޫލްކަންވަނީ %40 އަށް ދަށަށް ގޮސްފައެވެ. މިއީ 2017 ވަނަ އަހަރުގެ ފަހުން އިދިކޮޅު ޕާޓީގެ މަގްބޫލްކަން މިހާ ދަށަށްދިޔަ ފުރަތަމަ ފަހަރު ކަމަށް ވެއެވެ.

"އަޅުގަނޑު މިކުރާ ކަމަކީ، އަޅުގަނޑުގެ މަގާމުގެ ޒިންމާތައް ގާބިލްކަން ތަންދިން އެންމެ ރަނގަޅަކަށް ކުރުން، އެއީ އަޅުގަނޑަށް އެނގޭ ކަމަކީ" ސާވޭގެ ނަތީޖާއާ ގުޅިގެން ނިއުސް1 އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިއުޒީލެންޑްގެ ބޮޑުވަޒީރު ވިދާޅުވިއެވެ.