ސޮކާ ވެޓަރަންސް އެސޯސިއޭޝަނުން އިސްނަގައިގެން ބާއްވަމުން އަންނަ އެންމެ ބޮޑު ކުޑަކުދިންގެ ފުޓްބޯޅަ ފެސްޓީވަލް ކަމަށްވާ ކިޑްސް ފުޓްބޯލް ފިއެސްޓާ މިއަހަރު މައިލޯގެ ދަށުން ނުބޭއްވޭނެކަމަށް މިނިސްޓްރީން އަންގައިފިއެވެ.

މައިލޯ އަކީ މި މުބާރާތް ކޮންމެ އަހަރަކުވެސް ސްޕޮންސާކުރަމުން އައި ކުންފުންޏެވެ. މި މުބާރާތަށް ސްކޫލަތުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން އަންނައިރު މިނިސްޓްރީން މި މުބާރާތް މައިލޯގެ ސްޕޮންސާޝިޕުގެ ދަށުން ނުބޭއްވޭނެކަން އަންގާފައިވަނީ ހުރިހާ ސްކޫލަކުން މުބާރާތަށް އެންމެ ފަހުގެ ތައްޔާރީތައްވެ މުބާރާތް ފެށެން ދެ ދުވަހަށް ވެފައިވަނިކޮށެވެ.

މިއަހަރުގެ މިހާތަނަށް މުބާރާތެއް ވަނީ މާލޭގައި ބާއްވާފައެވެ. ނަމަވެސް އެ މުބާރާތް އެފަހަރު މިނިސްޓްރީން ހުއްޓުވާފައެއް ނުވެއެވެ.

މި މައްސަލައިގައި ސްކޫލްތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބެލެނިވެރިން ވަނީ މިނިސްޓްރީއަށް މައްސަލަ ހުށައަޅާފައެވެ. މި މައްސަލައިގައި މީޑިއާތަކާއި ވާހަކަދައްކަވަމުން އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މުބާރާތް ބޭއްވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެން ނަމަވެސް އެއްވެސް ހަކުރު އެކުލެވޭ ބުއިމެއް ސްޕޮންސާކޮށްފައިވާ މުބާރާތަކަށް ވެގެން ނުވާނެ ކަމަށެވެ.

އަދި މުބާރާތަށް މިނިސްޓްރީން ފުރިހަމަ އެއްބާރުލުން އަބަދުވެސް ދޭނެ ކަމަށާއި މިއީ މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ފައިދާހުރި ކާނާ ސްކޫލްކުދިންނަށް ފޯރުކޮށްދިނުމަށް ވި ވައުދުގެ ދަށުން ކުރި ކަމެއް ކަމަށެވެ. އަދި ސްކޫލްކުދިން ބައިވެރިވާ ހުރިހާ ކުޅިވަރު މުބާރާތްތަކަށް ވެސް މިގޮތަށް އަމަލުކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ޔޫތު މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިއީ ކުރިމަގަށް އެޅި މުހިއްމު ފިޔަވަޅެއް ކަމަށާއި މިއީ އާ ސްޕޮންސަރުން މީގެތެރެއަށް ވަންނަންވީ ވަގުތު ކަމަށެވެ. އަދި މައިލޯ ފަދަ ކުންފުނިތަކަކީ ރާއްޖޭގެ ކުޅިވަރަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކެއްކަން ފާހަގަކޮށް މިނިސްޓަރ ވަނީ ޝުކުރުއަދާކޮށްފައެވެ.

ސޮކާ ވެޓަރަންސް އެސޯސިއޭޝަނުގެ ރައީސް އަލީ ޝަމީމް ވިދާޅުވީ މި ނިންމުމާއެކު މުބާރާތް ކެންސަލް އަދި ނުކުރާ ކަމަށާއި ނަމަވެސް ދެން ބާއްވާނެ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށެވެ. އަދި މި މައްސަލައިގައި ބެލެނިވެރިންނާއި ސްކޫލްތަކާއި ވާހަކަދައްކާނެ ކަމަށްވެސް އަލީ ޝަމީމް ވިދާޅުވިއެވެ.

މީގެކުރިންވެސް ސޮކާ ވެޓަރަންސް އެސޯސިއޭޝަނުން ބޭއްވި މި ފިއެސްޓާ ވަނީ ހުއްޓުވާފައެވެ. އެފަހަރު ފިއެސްޓާ ހުއްޓުވާފައިވަނީ އެފްއޭއެމުންނެވެ. އަހަރެއްގެ މެދުކެނޑުމަކަށްފަހު މިއަހަރު ފިއެސްޓާ އަލުން ފެށިއިރު ދާދިފަހުން ވޮލީބޯލް އެސޯސިއޭޝަނުން ވަނީ މައިލޯ ފަދަ ހަކުރު އެކުލެވޭ ބުއިމެއް ކަމަށްވާ އިންޑޯ މިލްކް ގެ ސްޕޮންސާޝިޕުގެ ދަށުން ކާމިޔާބު އިންޓަރސްކޫލް މުބާރާތެއް ބާއްވާފައެވެ. ނަމަވެސް އެ މުބާރާތް އެފަހަރު ހުއްޓުވާފައެއް ނުވެއެވެ.