ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ދެމިލިއަން ޑޮލަރުގެ އުޅަނދު ހަދިޔާ ކޮށްފިއެވެ.

ޖަޕާނު ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދިވެހި ފުލުހުންނަށް ހަދިޔާކުރި އުޅަނދުތަކުގެ ލިޔުން ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު ކެއިކޯ ޔަނާއީއެވެ.

މިރަސްމިއްޔާތުގައި ހާރިޖީ ވަޒީރުގެ އިތުރުން ދާޚިލީ ވަޒީރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ ގިނަ އަދަދެއްގެ އޮފިސަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާނުގެ ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވީ، ޖަޕާނުން ހަދިޔާކުރި އުޅަނދުތަކުގެ ސަބަބުން ފުލުހުން ކުރަމުން ގެންދާ މަސައްކަތަަށް އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގައި ފުލުހުންގެ ގާބިލްކަން އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މިތަކެތީގެ ބޭނުން ރަނގަޅަށް ހިފާ ގިނަދުވަހު ބޭނުން ކުރެވޭނެހެން ރަނގަޅަށް ބަލަހައްޓާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ޖަޕާނުގެ ސަފީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ، ޖަޕާނު ސަރުކާރުން ވެދިން އެހީން އެގައުމުން ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ މިންވަރު ހަމަވާ ކަމަށެވެ. އަދި މިއިން ދައްކައިދެނީ ދެގައުމުގެ ދެމެދުގައިވާ ޒަމާންވީ ގާތްގުޅުމުގެ ހަރުދަނާކަން ކަމަށްވެސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ޖަޕާނު ސަރުކާރުން ވެދިން އެހީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި އެހީއަކީ ދިވެހި ރައްޔިތުންނަށް ހިދުމަތްކުރުމުގައި ފުލުހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ވިދާޅުވިއެވެ.

ޖަޕާނު ސަރުކާރުން ދިން އުޅަނދުތަކުގެ ތެރޭގައި މަޒްޑާ ބްރޭންޑުގެ 28 ކާރާއި، ލޯންޗަކާއި، 2 ރިޖިޑް ހަލް އިންފްލޭޓަބަލް ބޯޓު ހިމެނެއެވެ.