އާންމު އިންތިޚާބު ކާމިޔާބު ކުރުމަށް ވެރިކަންކުރާ ބީޖޭޕީން ރައްޔިތުންނަށް ބިރުދައްކަމުން ގެންދާ ކަމަށް ވިދާޅުވެ، އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ޖައްމޫ އެންޑް ކަޝްމީރު ޕީޕަލްސް ޑިމޮކްރަޓިކް ޕާޓީގެ ރައީސް މަހްބޫބާ މުފްތީ، ބީޖޭޕީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފިއެވެ.

މަހްބޫބާ މުފްތީއަކީ އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގެ ކުރީގެ ޗީފް މިނިސްޓަރވެސް މެއެވެ.

މަހްބޫބާ މުފްތީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބީޖޭޕީން ފުރަތަމަ މަސައްކަތް ކުރީ އިންޑިއާގެ ސަލާމަތީ ބާރުތަކުގެ ޒުވާން ސިފައިން ގައުމަށްޓަކައި ވަމުންދާ ގުރުބާނީތަކުގެ ނާޖާއިޒް ފައިދާ ނަގަން ކަމަށެވެ. ނަމަވެސް ބީޖޭޕީން ކުރަމުންދާ މަސައްކަތުން އެދެވޭ ނަތީޖާއެއް ނުނިކުތް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، ގައުމީ ސަލާމަތޭ ކިޔައިގެން ބީޖޭޕީން މިހާރު ގެންދަނީ އާންމުންގެ މެދުގައި ބިރުވެރިކަން އުފައްދަމުން ކަމަށާއި، ބީޖޭޕީން އަނެއްކާވެސް ރާވަމުން ގެންދަނީ ބާލަކޮޓްފަދަ ހަމަލާތަކެއް ދިނުމަށް ކަމަށް މުފްތީ ވިދާޅުވިއެވެ.

މަހްބޫބާ މުފްތީ ޓްވީޓެއް ކުރެއްވީ، އިންތިޚާބުގެ ކެމްޕެއިންގައި ބޮޑުވަޒީރު މޯދީ ޕާކިސްތާނާ ދެކޮޅު ވާހަކަފުޅުތަކެއް ދެއްކެވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައެވެ.

އުއްތަރު ޕްރަދޭޝްގައި އިއްޔެ ބޭއްވި އެއްވުމެއްގައި މޯދީ ވިދާޅުވީ، ޕުލްވާމާގައި ޕާކިސްތާނުން ދެވަނަ ގޯހެއް ހެދުމުން، އިންޑިއާއިން ޕާކިސްތާނުގެ ތެރެއަށްވަދެ ވައިގެ ހަމަލާތައް ދީފައިވާ ކަމަށެވެ. ގޯހެއް ހެދުމުން އޭގެ ނަތީޖާ ޕާކިސްތާނަށް މިހާރު އިހްސާސް ކުރެވޭނޭ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

މިމަހުގެ 11 ވަނަ ދުވަހު އިންޑިއާގައި ފެށި އާންމު އިންތިޚާބު ކާމިޔާބުކޮށް ދެވަނަ ދައުރަކަށް ވެރިކަމަށް އައުމަށް ބޮޑުވަޒީރު މޯދީގެ ބީޖޭޕީން ގެންދަނީ ގަދައަޅައި މަސައްކަތް ކުރަމުންނެވެ.

އެގޮތުން، އިންތިޚާބު ކާމިޔާބު ކުރުމަށް ބީޖޭޕީން އެންމެ ބޮޑަށް ގެންގުޅޭ އުކުޅަކީ ޕާޚިސްތާނާ ދެކޮޅަށް ގެންގުޅެމުންދާ ހަރުކަށި އުސޫލުތަކެވެ. އަދި އިންޑިއާއި ޕާކިސްތާނާ ދެމެދު އެންމެފަހުން ހިނގި ކުރިމަތިލުންތަކުގެ ސަބަބުން ސަރުކާރުގެ މަގްބޫލްކަން އިތުރުވެ، އިންތިޚާބު ކާމިޔާބު ކުރެވޭނޭ ކަމަށް ބީޖޭޕީން އުންމީދު ކުރެއެވެ.

އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގެ ޕުލްވާމާއަށް ފެބްރުއަރީ 14 ވަނަ ދުވަހު ދެވުނު ކާރު ބޮމުގެ ހަމަލާގައި އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންގެ 40 މީހުން މަރާލުމާ ގުޅިގެން، އޭގެ ބާރަދުވަސް ފަހުން އިންޑިއާއިންވަނީ ޕާކިސްތާނުން ވެރިކަންކުރާ ކަޝްމީރު ފަޅިއަށް ވައިގެ ހަމަލާތަކެއް ދީފައެވެ.

ރައްދުގައި ޕާކިސްތާނުންވެސް ވަނީ އަސްކަރީ މަތިންދާ ބޯޓްތައް އިންޑިއާގެ ތެރެއަށް ފޮނުވާފައެވެ. އަދި އިންޑިއާގެ ތެރެއަށް ވައިގެ ހަމަލާތަކެއްވެސް ދިނުމުގެ އިތުރުން، އިންޑިއާގެ އަސްކަރީ ދެ މަތިންދާ ބޯޓުވެސް ވައްޓާލިއެވެ.

މިކުރިމަތިލުންތަކާ ގުޅުވައި، ގައުމީ ސަލާމަތޭ ކިޔައިގެން ބޮޑުވަޒީރު މޯދީއާއި ބީޖޭޕީން ފައިދާ ނަގައި އިންތިޚާބު ކާމިޔާބު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ގެންދަނީ އެކަން ކުށްވެރި ކުރަމުންނެވެ.

އިދިކޮޅު ފަރާތްތަކުގެ ވާހަކަތަކަށް މޯދީ ދެއްވާ ރައްދަކީ އިދިކޮޅު ބަލިކަށިވީމާ ދައްކާނެ އިތުރު ވާހަކައެއް ނެތީމާ ކުރާ ކަމެއް ކަމަށެވެ.

2014 ވަނަ އަހަރު މޯދީ އިސްވެ ހުންނަވައި ބީޖޭޕީ ވެރިކަމަށް އައީ، އޭގެކުރީގެ ތިރީސް އަހަރުގެ ތެރޭގައިވެސް ސިޔާސީ ޕާޓީއަކުން އިންތިޚާބުގައި ހޯދި އެންމެ ބޮޑު ނަތީޖާއާ އެކުގައެވެ.

އެހެންނަމަވެސް، މޯދީގެ ވެރިކަމުގައި އިންޑިއާގެ އިގްތިސާދަށް ދުޅަހެޔޮކަން ލިބުނު ނަމަވެސް، އުފެއްދުންތެރިކަން ދަށްވެ އިންޑިއާގެ އާބާދީގެ ބޮޑުބައެއްއޮތީ ސަރުކާރާމެދު ހިތްހަމަ ނުޖެހިފައެވެ. ވަޒީފާ ނެތުމުގެ މައްސަލަތަކާއި، ދަނޑުވެރިންގެ ހިތްހަމަނުޖެހުންވެސް ބޮޑުވެފައި ވެއެވެ.

އާންމު އިންތިޚާބުގެ ވޯޓުލުން މިމަހުގެ 11 ގައި ފެށިފައިވާއިރު، ވޯޓުލުން ކުރިއަށްދާނީ ހަތް ފިޔަވައްސަކަށް ބަހާލައިގެންނެވެ. ވޯޓްލައި ނިމޭނީ އަންނަ މެއިމަހުގެ 19 ވަނަ ދުވަހުއެވެ. އަދި ވޯޓުގެ ނަތީޖާ އިޢްލާން ކުރާނީ މެއިމަހުގެ 23 ވަނަ ދުވަހުއެވެ.

މިއިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 900 މިލިއަނަށް އަރައެވެ.