ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގެ މެދުތެރޭގައި ހުންނަ 12 ވަނަ ގަރުނުގެ ގަދީމީ މަޝްހޫރު ނަސާރާ ބޮޑު ފައްޅީގައި އަލިފާން ރޯވެ އެތަން އެއްކޮށް އަނދައިފިއެވެ.

މުޅި އިމާރާތުގައި އަލިފާން ރޯވުމުގެ ސަބަބުން އިރާމާތުގެ ފުރާޅުވެސް މިހާރު ވެއްޓިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

"ނޮޓްރެޑަމް" ގެ ނަމުން ނަންދެވިފައިވާ މި ފައްޅިއަކީ ޕެރިހުގެ މަޝްހޫރު ބިނާއެކެވެ.

އެތަނުގައި ރޯވި އަލިފާން ނިއްވުމަށް ޕެރިހުގެ ފަޔަރ ފައިޓަރުން ހުރިހާ ވަސީލަތެއްގެ ބޭނުން ކުރަމުން ދިއުމާއެކުވެސް، އިމާރާތުގައި އަލިފާން ރޯވެފައިވާލެއް ވަރުގަދަ ކަމުންނާއި، އަލި އިމާރާތުގެ އެތެރެ ފަރުމާކޮށްފައިވަނީ ލަކުޑިން ކަމުން އަލިފާން ނިއްވާލުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުވާގޮތް ނުވާ ކަމަށް ވެއެވެ.

އަލިފާން ނިއްވާ މީހުން މަސައްކަތުގައި ތިއްބައި، އަދި އާންމުންނާއި ފަތުރުވެރިން އެ ސަރަހައްދަށް އެއްވެފައި ތިއްބައި، ފައްޅީގައި ހަދާފައިވާ އުސް މުންނާރެއްވެސް ވަނީ ވެއްޓިފައެވެ. އަދި އެންމެން ބަލަން ތިއްބައި ފައްޅީގެ ފުރާޅުވެސް ވަނީ އަލިފާނުގެ ސަބަބުން ވެއްޓިފައެވެ.

ފައްޅީގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ، އަލިފާނުގެ ސަބަބުން ފައްޅިން އެއްވެސް އެއްޗެއް ސަލާމަތްވާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.

ޕެރިހުގެ މޭޔަރ އެނީ ހިޑަލްގޯ ވިދާޅުވީ، ނޮޓްރެޑަމް" ފައްޅިއަކީ ތާރީޚީ ވަރަށް ގިނަ ތަރިކަވެސް ރައްކާކޮށްފައި ހުންނަ ތަނެއް ކަމުން، އަލިފާނުގެ މިހާދިސާގެ ސަބަބުން އިއާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތައް ލިބިގެންދާނޭ ކަމަށެވެ.

ފައްޅީގައި އަލިފާން ރޯވީ ކީއްވެގެން ކަމާމެދު ފަރަންސޭސި އެއްވެސް ފަރާތަކުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ފުލުހުން ބަލަނީ މިއީ އެކްސިޑެންޓެއް ކަމަށް ކަމަށާއި، ހަމަ އެއާއެކު ޕެރިހުގެ ޕްރޮސެކިއުޓަރުން މިހާރަށްވެސް މިކަމުގެ ތަހްގީގު ފަށައިފި ކަމަށް ފަރަންސޭސި މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

ފައްޅީގައި އަލިފާން ރޯވި ހާދިސާއާ ގުޅިގެން، ފަރަންސޭސި ރައީސް އިމަނުއެލް މެކޯން ގައުމާ މުޚާތަބު ކުރައްވައި މިއަދު ދެއްވަން ހަމަޖެހިފައިއޮތް ތަގްރީރުވެސް މިހާރުވަނީ ކެންސަލް ކުރައްވާފައެވެ. އަދި ރައީސް މެކޯންވަނީ އަލިފާން ރޯވި ފައްޅި ހުންނަ ސަރަހައްދަށްވެސް ވަޑައިގެންފައެވެ.