މުސްލިމުންނާމެދު ނަފްރަތު އުފެދޭފަދަ ވާހަކަތަކެއް ދެއްކުމުން، ވެރިކަންކުރާ ބީޖޭޕީއަށް ނިސްބަތްވާ ޗީފް މިނިސްޓަރަކު އާންމު އިންތިޚާބުގައި ކެމްޕެއިން ކުރުން އިންޑިއާގެ އިލެކްޝަން ކޮމިޝަނުން މަނާކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން ކެމްޕެއިންކުރުން މަނާކޮށް އަމުރެއް ނެރުނީ އުއްތަރް ޕްރަދޭޝްގެ ޗީފް މިނިސްޓަރ ޔޯގީ އަދިތިޔަނާތުގެ މައްޗަށެވެ.

އޭނާއަކީ ވެރިކަންކުރާ ބީޖޭޕީއަށް ނިސްބަތްވާ ހިންދޫ ހަރުކަށި ވިސްނުމުގެ ލީޑަރެކެވެ. އަދި އޭނާއަކީ މުސްލިމުން ދެކެ ވަރަށް ރުޅިއަންނަ މީހެކެވެ.

މިދިޔަ ހަފްތާގައި ބޭއްވި ކެމްޕެއިން އެއްވުމެއްގައި ޔޯގީ އަދިތިޔަނާތު މުސްލިމުން ސިފަ ކޮށްފައިވަނީ "ފެހި ވައިރަހެއްގެ" ގޮތުގައެވެ. އޭނާ މުސްލިމުން ދެކެ ރުޅިއައިސްގެން އުޅެނީ އިންޑިއާގެ މުސްލިމުން އިދިކޮޅު ޕާޓީތަކަށް ތާއީދުކުރާތީއެވެ.

ވެރިކަންކުރާ ބީޖޭޕީގެ ލީޑަރުން ގެންދަނީ، އިދިކޮޅު ފަރާތްތަކުން ޓެރަރިޒަމް ނަގަނީ ވަރަށް ލުއިގޮތަކަށް ކަމަށާއި، މުސްލިމުން ރުއްސަން އުޅޭ ކަމަށް ބުނެ އިދިކޮޅު ޕާޓީތަކަށް ބަހުގެ ހަމަލާތައް ދެމުންނެވެ.

އިންޑިއާގެ އާބާދީގައި 1.3 ބިލިއަން މީހުން ހިމެނޭއިރު އޭގެތެރެއިން %14 އަކީ މުސްލިމުންނެވެ.

މުސްލިމުންނާމެދު ނަފްރަތު އުފެދޭފަދަ ވާހަކަތަކެއް ދައްކައިގެން އުއްތަރް ޕްރަދޭޝްގެ ޗީފް މިނިސްޓަރ ޔޯގީ އަދިތިޔަނާތު ކެމްޕެއިންކުރުން އިލެކްޝަން ކޮމިޝަނުން މަނާކޮށްފައިވަނީ ތިންދުވަހުގެ މުއްދަތަށެވެ.

ހަމަ އެއާއެކު، އިންޑިއާގެ މުޖުތަމައުގައި އެންމެ ދަށުފަންތި ކަމަށް ކަނޑައަޅާފައިވާ ދާލިތުންގެ ލީޑަރ މަޔާވަތީވެސް ދެދުވަސް ވަންދެން ކެމްޕެއިން ކުރުން އިލެކްޝަން ކޮމިޝަނުން މަނާކޮށްފައި ވެއެވެ. މަޔާވަތީއާ ދެކޮޅަށް މިފިޔަވަޅު އެޅީ، އިންޑިއާގެ ހުރިހާ މުސްލިމުން އެއްފަހަރާ ނުކުމެ އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު އެޅުމަށް ގޮވާލެއްވުމުން އެކަމަކީ ކެމްޕެއިން ކުރުމުގެ އަޚްލާގާ ޚިލާފް ކަމެއް ކަމަށް ބުނެއެވެ.

މީގެއިތުރުން، އުއްތަރް ޕްރަދޭޝްގެ ސަމާޖްވާދީ ޕާޓީގެ ލީޑަރ އަޒަމް ޚާންއާއި، ސަރުކާރުގެ މިނިސްޓަރެއް ކަމަށްވާ މަނޭކާ ގާނދީވެސް ކެމްޕެއިން ކުރެއްވުން ވަނީ މަނާކޮށްފައެވެ. އަޒަމް ޚާން ކެމްޕެއިން ކުރެއްވުން ތިންދުވަހަށް މަނާކޮށްފައި ވާއިރު، މަނޭކާ ގާނދީ ކެމްޕެއިން ކުރެއްވުން މަނާކޮށްފައިވަނީ ދެދުވަހަށެވެ. މަނޭކާވަނީ މުސްލިމުން ބީޖޭޕީއަށް ވޯޓް ނުދީފިނަމަ ބަދަލިހިފާނޭ ކަމަށް ވިދާޅުވެ މުސްލިމުންނަށް އިންޒާރު ދެއްވާފައެވެ.

އިންޑިއާގެ އާންމު އިންތިޚާބުގެ ވޯޓްލުން މިދިޔަ ބުރާސްފަތި ދުވަހު ފެށިފައި ވާއިރު، ކެމްޕެއިންގައި ހިމެނޭ އެންމެ މުހިންމު މައްސަލަތަކަކީ ވަޒީފާގެ މައްސަލަތަކާއި، ވަތަނިއްޔަތުގެ ވާހަކައާއި، ދަނޑުވެރިންނަށް ކޮށްދޭނޭ ކަންތައްތަކުގެ ވާހަކައެވެ.

ހަމަ އެއާއެކު، ދީނުގެ މައްސަލައަކީވެސް ކެމްޕެއިންގެ ވަރަށް ނާޒުކު އަދި މުހިންމު މައްސަލައެކެވެ.

އިންތިޚާބުގެ ކެމްޕެއިނަށް ވެރިކަންކުރާ ބީޖޭޕީން އާންމުކުރި މެނިފެސްޓޯގައި ވައުދުވެފައިވަނީ، މައްސަލަޖެހިފައިވާ އަޔޯދިޔާގައި ހިންދޫންގެ ފައްޅި ބިނާކުރާނޭ ކަމަށެވެ. އެއީ، ހިންދޫންގެ ތާއީދު ހޯދުމުގެ ބޭނުމުގައެވެ. ފައްޅި އަޅަން ބީޖޭޕީން އެ ބުނާ ތަނަކީ މުސްލިމުންގެ 16 ވަނަ ގަރުނުގެ ބާބްރީ މިސްކިތް ހުރި ތަނެވެ. ހިންދޫންވަނީ އެ މިސްކިތް ތަޅައި ސުންނާފަތި ކޮށްލާފައެވެ.

މުސްލިމް ހިޖުރަވެރިންނަށް ނިސްބަތްކޮށް ބީޖޭޕީގެ ލީޑަރ އަމިތު ޝާހް މިދިޔަ ހަފްތާގައި ބުނެފައިވަނީ، އެއީ ކަތުރުފަނިތަކެއް ކަމަށެވެ. އަދި އެ އެންމެން ކަނޑަށް އުކާލާނެ ކަމަށްވެސް ވައުދުވެފައި ވެއެވެ.